ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތައާރަފުކުރި ޑަސްބިން ކޮތަޅު ފޯރުކޮށްދިނުމުގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.
ވެމްކޯއިން ރޭ ބުނީ، ޑަސްބިން ކޮތަޅު ހޯދުމަށް މިހާތަނަށް ލިބިފައިވާ ހުރިހާ ފަރާތްތަކަށް ވެސް ކޮތަޅު ފޮނުވައިދެމުން އަންނަ ކަމަށެވެ.
ވައިބަރު މެދުވެރިކޮށް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން 16:00 އަށް މި ހިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ. ނަމަވެސް އެ ގަޑިތަކަށް ބެލުމެއް ނެތި ގިނަ އަދަދެއްގެ ކަސްޓަމަރުން ދުރާލައި ފައިސާ ފޮނުވަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ސްޓޮކް ބެލެހެއްޓުމާއި ޑެލިވެރީގެ މަސައްކަތަށް ލަސްތަކެއް ދިމާވާކަމަށް ވެކްމޯއިން ބުނެއެވެ.
މީގެ އިތުރުން ވެމްކޯއިން ބުނީ ކޮންމެ ގޭބިސީއަކަށްވެސް 60 ކޮތަޅުގެ ތިން ބޮޑި ކޮތަޅު ކޮންމެ ދުވަހަކުވެސް ގަނެވޭނެ ކަމަށެވެ.
ވެމްކޯއިން އެދިފައިވަނީ އެކުންފުނީން އޯޑަރު ބަލައިތަގުމުން ފައިސާ ޓްރާންސްފާ ކުރުމަށެވެ.