ރީކޯ މޫސާ މަނިކް

ދިވެހި މަސައްކަތްތެރީންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓައިނުލައި ކުރިޔަށް ގެންދާނަން: މޫސަ

ފިލައިގެން އުޅޭ ބިދޭސީންނާއި ފިލުވައިގެން ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހީން އެކުރާ މަސައްކަތްތައް ހުއްޓުވަން ކުރައްވާ މަސައްކަތް ހުއްޓައިނުލައްވައި ކުރިޔަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ އެހެން ވިދާޅުވީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ގަވައިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވުން ހުއްޓުވައި ދިވެހި މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތްކުރުމަށް ޓަކައި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެހެން ގޮތަކަށް މާނަކޮށްގެން އޭނާގެ އަގުވައްޓައިލަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު އިމިގްރޭޝަން ގާނޫނަށް އިސްލާހުގެންނަން ހުށަހެޅީމަ އޭތި ފާސްނުވީ އިތުރު ބަދަލުތަކެއް ގެންނަން މެންބަރުން ބޭނުންވާތީ. އެހެން ވީމަ އެ މަސައްކަތް އަދިވެސް އެބަގެންދަން. ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނާއި އެމީހުން ލައްވައި މަސައްކަތް ކުރުވާ ދިވެހީންގެ މައްސަލަ އަކީ ސީރިއަސް މައްސަލައެއް. މިކަން މިހާރު މިވަނީ ބޮޑު ގައުމީ މައްސަލައަކަށް ވެފަ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ގަވައިދާ ޚިލާފަށް އުޅޭ އެތައް ހާސް ބިދޭސީންނެއްގެ މައްސަލަ ހައްލުކުރުމަކީ ދިވެހި މަސައްކަތްތެރީންގެ ހައްގުތައް ހޯދައިދިނުމަށް މިހާރު ކޮންމެހެން ވެސް ކުރާން ޖެހިފައިވާ ކަމެއް ކަމަށެވެ. އެކަމަކީ ވަކި ބަޔަކަށް ދެރައެއް ދޭން ނުވަތަ ނިކަމެތި ކަމެއް ދޭން ކުރައްވާ ކަމެއް ނޫން ކަމަށާއި ގަވައިދާ ޚިލާފު ކަންކަމަށް ހިތްވަރު ދިނުމަކީ އަޅުގަނޑުމެން އެއްވެސް މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް މޫސަ ވެސް ވިދާޅުވި އެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އަކީ ސީރިއަސް މައްސަލަ އެކެވެ. ފިލައިގެން އުޅޭ މީހުންނާއި ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދެއްވެސް ނޭނގެ އެވެ. މި މައްސަލައަށް އެކަށީގެންވާ ހައްލެއް ގެންނަން ފާއިތުވި އެއްވެސް ސަރުކާރެއްގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.