އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު

ވަޒީރަކު ގާނޫނު އަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު މަޖިލިސް ރައީސަކަށް ނެތް: މަވޯޓާ ޝަރީފު

4

ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ދިވެޖިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައެޅުމުގެ އެއްވެސް ބާރެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގެން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އޮފް ހެލްތު އަބްދުﷲ އަމީން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ބުނެ މަޖިލިސް އިދާރާއިން ވަނީ މީގެ އިރުކޮޅެއް ކުރީން ވަނީ ބަޔާނެއް ނެރެފަ އެވެ.

މި ކަމާއި ގުޅިގެން ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް ވަޒީރަކު ގާނޫނު އަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި އެބާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެސް ލިބިގެން ނުވާ ކަމަށެވެ.

މަޖިލިސް އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ މަޖިލީހުގެ މެންބަރަކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ކުރައްވަން ބޭނުންވާ ސުވާލު ތަކަށް ޖަވާބުދެއްވުމަށް މަޖިލީހުން ދިން 14 ދުވަހުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ޖަވާބު ނުދެއްވުމުން މިއަދު 2:00 ގެ ކުރިން ޖަވާބުދެއްވަން އިތުރު ވަގުތު ދިން ކަމަށެވެ. އެހެން ނަމަވެސް އެވަގުތު ހަމަވިއިރު ވެސް ހެލްތު މިނިސްޓަރު އެ ސުވާލު ތަކަށް ޖަވާބުދެއްވާފައި ނުވާ ކަމަށެވެ.

މި ކަމާ ގުޅިގެން ޝަރީފު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ހެލްތު މިނިސްޓަރު އަމީން ވަނީ ސުވާލު ތަކަށް މިއަދު ޖަވާބު ދެއްވާފައި ކަމަށާއި، ބައެއް ބޭފުޅުން ވިދާޅުވާ ގޮތަށް މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފު ދާދި ދެންމެ ވިދާޅުވީ، ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ނިންމުމަކީ މަޖިލީހުން ކުރެވިދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަންވެސް ކުރުމުގެ ބާރު މަޖިލިސް ރައީސަށް ނުވަތަ އިދާރާއަށް ނެތް ކަމަށެވެ.

"އެއްވެސް ހާލެއްގައި ގާނޫނު އަސާސީއާ ކެބިނެޓު މިނިސްޓަރަކު ހިލާފުވެެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު މަޖިލިސް ރައީސަކަށް ނެތް. އަދި މަޖިލިސް އިދާރާއަކަށް ވެސް މަޖިލީހުގެ މެންބަރުންނަކަށް ވެސް އެކަމެއް ކަނޑައެއް ނޭޅޭނެ." ޝަރީފު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟