އަލީ ޔާމިން
މިނިސްޓަރު އޮފް ހެލްތް އަބްދުﷲ އަމީން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ އަށްވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ ދަށުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރު އަބްދުالله އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލު ނޯޓިސްއަށް ޖަވާބު ފޮނުއްވާފައިނުވާތީ މިނިސްޓަރު އަމީން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
މެންބަރު ހައިތަމް މިނިސްޓަރު އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ސުވާލު ނޯޓިސް 14 އޭޕްރިން 2020 ވަނަ ދުވަހު މިނިސްޓަރު އަމީނަށް ފޮނުވާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ ނޯޓިސްގެ މުއްދަތު އިއްޔެއަށް ހަމަވެފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"މި ދެންނެވި ސުވާލު ނޯޓިސްއަށް ޖަވާބުދެއްވުމަށް މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީންއަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 74 ވަނަ މާއްދާގެ ދަށުން އެރުވުނު 14 ދުވަހުގެ ނޯޓިހުގެ މުއްދަތު 27 އޭޕްރިލް 2020 ގެ ނިޔަލަށް ހަމަވެ، ޖަވާބުދެއްވުމަށް މިއަދު 14:00 ގެ ނިޔަލަށް އެމަނިކުފާނަށް އެރުވިފައިވާ މުއްދަތު ހަމަވިއިރުވެސް ޖަވާބު ފޮނުވާފައި ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓާ އޮފް ހެލްތު، އަބްދުﷲ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވައެވެ." ބަޔާނުގައި ވެއެވެ.
އެ މުއްދަތުގެ ތެރޭގައި ޖަވާބެއް ލިބޭނެގޮތް ހައްދަވައިދެއްވުން އެދި މެންބަރު ހައިތަމް، ވަނީ މިނިސްޓަރު އަމީނަށް ދިހަ ސުވާލެއް ފޮނުއްވައިފައެވެ. ނަމަވެސް ކަނޑައެޅިފައިވާ މުއްދަތު ހަމަވެގެންގޮސްފައިވާއިރުވެސް އެ ސުވާލުތަކަށް މިނިސްޓަރު ޖަވާބުދާރީވެވަޑައިގެންފައެއް ނުވެއެވެ.