އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު

ލޮކްޑައުން އަވަހަށް ވީއްލޭނެ ސިޔާސަތަކަށް މަސައްކަތްކުރަން އެބަޖެހޭ: މެންބަރު ޝަރީފް

އިބްރާހިމް ޒަކީ

1

ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުންކޮށްފައިވާ މި ހާލަތުން އަވަހަށް ވީއްލޭނެ ސިޔާސަތަކަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުުގެ ގާނޫނުގެ ދަށުން އިއުލާންކޮށްފައިވާ ލޮކްޑައުން ހާލަތު ދިގުދެމިގެން ހިނގައްޖެނަމަ ދިމާވެދާނެ ކަންތައްތަކާއި، މިހާރުގެ ސިޔާސަތު ބަދަލު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ފާހަގަ ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޝަރީފް ވިދާޅުވީ، ލޮކްޑައުންގައި އޮވެގެން ރާއްޖޭގެ އިގްތިސޯދު ހިފަހައްޓައި ނުލެވޭނެ ކަމަށެވެ. އަދި ކޮވިޑް 19 އަށް ޝައްކު ކުރެވޭ ކޮންމެ މީހަކު އައިސޮލޭޝަންގައި ބެހެއްޓުމަށް އެޗްޕީއޭއިން ގެންގުޅޭ ޕޮލިސީ ބަދަލުކޮށް، އެފަދަ ފަރާތްތައް ހޯމްއައިސޮލޭޝަންގައި ބޭއިތިއްބިދާނެ ކަމަށެވެ.

މީގެ އިތުރުން ފަރުވާ ދޭންޖެހޭ މީހުން ހޮސްޕިޓަލުގައި ނުވަތަ، ކަމާބެހޭ ފެސިލިޓީތަކުގައި ބައިތިއްބައިގެން އެކަން ކުރިއަށް ގެންދެވިދާނެ ކަަމަށާއި، ނަަމަވެސް، ހުރިހާ އެންމެން ބޭތިއްބޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މިނޫން ގޮތަކަށް ކަންކަން ކުރާނަމަ، ބަލި ފެތުރި ކޮންމެހެން ފަރުވާދޭން ޖެހޭ ހާލު ބޮޑު މީހުން ގިނަވާ ހާލަތެއް އައިސްފި ނަމަ ފެސިލިޓީތަކުގައި ޖާގަ ނުހުންނާނެ ކަމަށް ވެސް ޝަރީފު ފާހަގަކުރެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟