އިބްރާހިމް ޒަކީ
ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބިދޭސީން އުޅޭ 21 ތަނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މޮނިޓާ ކުރަމުން އަންނަ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
އޭސީޕީ ފައިރޫޝް މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، އެތަންތަނުގައި 1،000 އަށްވުރެ ބިދޭސީންއުޅޭނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ،
މީގެ ކުރިން ފުލުހުން ބުނެފައިވަނީ، 800 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުންގެ ބެލުމުގެ ދަށަން ގެނެސްފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު މިވަނީ ބިދޭސީން އުޅޭ އިތުރު ތިންތަނެއް މޮނީޓާކުރަން ފަށައިފައެވެ.
ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ކުރަމުން އަންނަ މަސައްތަކުގެ ދަށުން އެކި ތަންތަން މޮނިޓާކުރަމުން އަންނައިރު، ބިދޭސީން އުޅޭ ތަންތަނަށް އިސްކަންދީގެން މޮނީޓާ ކުރަނީ ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ގައިދުރުކުރުން ބާއްވަން ޖެހޭއިރު، ބިދޭސީ މަސައްކަތްތެރިން އުޅޭ ތަންތަނަކީ ގިނަބަޔަކު އެއް ކޮޓަރިއަކަށް ތޮއްޖެހިގެން އުޅޭ ތަންތަން ކަމަށް ވާތީއެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުވީ، މާލޭގެ އެކި ތަންތަނުގައި އެގޮތަށް ތޮއްޖެހިގެން އުޅޭ ބިދޭސީން، ބަދަލު ކުރުމަށް ގުޅީފަޅާއި ވިލިވަރު އަދި ހުޅުމާލޭގައި އެކޮމަޑޭޝަން ފެސިލިޓީތަކެއް ހަދަމުން ގެންދާ ކަމަށެވެ.
އެމީހުން އެތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު އަލީވަހީދު ވިދާޅުވިއެވެ.