ވިޔަފާރި

މިދިޔަ 7 ދުވަސް ތެރޭ ރަށްރަށަށް ގެންދަން 40000 ބަސްތާ ކާޑު ވަނީ އުޅަނދުފަހަރަށް އަރުވާފައި: އަމްރު

މަރިޔަމް ޝަހުދާ

ފާއިތުވި 7 ދުވަސް ތެރޭ ރަށްރަށަށް ކާޑު ގެންދާ އޮޑިފަހަރަށް 40،000 ބަސްތާގެ ކާޑު ވަނީ އަރުވާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު ވިދާޅުވީ ކޮވިޑާއި ރޯދަމަސް ގުޅިގެން އައުމުން ކާޑަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި ދުވަސްވަރުގެ ގޮތުން ކާޑުގެ ޑިމާންޑު ބޮޑުވި ނަމަވެސް ކާޑުގެ ދަތިކަމެއް ނެތް ކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ މާލެ ސަރަހައްދުގެ ފިހާރަތަކަށް ކާޑު ގުދަނުން ކާޑު ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން ރަށްރަށުގައި ކާޑު ހުރި މިންވަރު ބެލުމުގެ ގޮތުން ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ގުޅައިގެން ކާޑުގެ ދަތިކަން އޮތްނެތް ރަށްތައް ބަލައި، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

މި ހާލަތުގައިވެސް ކާޑުގެ ޑިމާންޑް އަންނަ ވަރަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް އެސްޓީއޯގެ މުވައްޒަފުން ބުރަ މަސައްކަތް ކުރަމުން އަންނަކަން އަމްރު ފާހަގަ ކުރެއްވިއެވެ.

އެސްޓީއޯ އިން ވަނީ ރަށްރަށަށް ކާޑުގެ ބާވަތް ގެންދެވޭ މިންވަރު ފެންނަ ވެބްސައިޓެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން https://storate.sto.mv/Staples އިން ރަށްރަށަށް ކާޑު ގެންދެވޭ މިންވަރު ބެލޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.