ރިޕޯޓް

އިވެންޓް އިންޑަސްޓްރީވެސް ހުއްޓުމަކަށް، ރިލީފް ޕެކޭޖު ލަސްވާތީ ނުތަނަވަސްކަން!

އަލީ ޔާމިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ އެތައް ގައުމެއްގެ އިގްތިސާދު ވަނީ މި ވަނީ ހުއްޓުމަކަށް އައިސްފައެވެ. ޗައިނާއާއި، އެމެރިކާއެވެ. ފްރާންސާއި އިނގިރޭސިވިލާތެވެ. މިހެންގޮސް އެންމެ ބޮޑެތި އަދި ވަރުގަދަ އިގުތިސޯދުތައް އޮތް އެތައް ގައުމެއްވެސް ވަނީ މި ކުޑަކުޑަ ވައިރަހުގެ ސަބަބުން ގޮތް ހުސެވެފަ އެވެ.

ކޮވިޑް 19ގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖޭގެ އިގްތިސޯދުވެސް މިވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. މި ވައިރަހުގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގައި މިވަނީ ބޮޑުތަޅު އަޅުވަން ޖެހިފައެވެ. އިގްތިސޯދީ ބޮޑު ކާރިސާއެއް ގައުމަށް މިވަނީ ކުރިމަތިވެފައެވެ. އެ ކާރިސާގެ ތެރެއިން އެތައް ވިޔަފާރިއެއް ވަނީ ބިކަވެފައެވެ. އެތައް މުވައްޒަފުންނެއް ވަނީ ނިކަމެތިވެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ފަތުރިވެރިކަމާއި ސީދާ ގޮތުން ގުޅިފައިވާ ދާއިރާތަކަށާއި ވިޔަފާރިތަކަށެވެ. އެގޮތުން ރާއްޖޭގެ އިވެންޓް އިންޑަސްޓްރީއަކީ ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް އިންޑަސްޓްރީއެވެ.

ރާއްޖޭގެ މަލަމައްޗަށް ހަގީގީ ކުލަ ގެނެސްދޭ ބަޔަކީ އިވެންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. ހަފުލާތަކާއި އެކިއެކި މުނާސަބާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީވެސް އިވެންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. އެހެން އިންޑަސްޓްރީތަކެކޭ އެއްފަދައިން ކޮވިޑް 19ގެ ސަބަބުން އިވެންޓް އިންޑަސްޓްރީ ވެސް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ. ކުރިން ރޭވިފައި ހުރި ބޮޑެތި ހަރަކާތްތައް ކޮވިޑް 19އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުން އެ އިންޑަސްޓްރީއަށް ފައިސާ ވަންނާނެ ދޮރުތަށް ވަނީ އެއްކޮށް ބަންދުވެފައެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި އެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އަގުބޮޑު ސާމާނުތައް ބަހައްޓަން ހިފާފައި ހުރި ގުދަންތަކަށް ކުލި ނުދެއްކި ތަކެއްޗާއިއެކު އެތައް ކުންފުންޏެއް ވަނީ މަގުމަތިވެފައެވެ.

އިވެންޓް އިންޑަސްޓްރީގެ ހަރަކާތްތެރިވާ ކުންފުނިތަކުން މިވަގުތު އެދެނީ ސަރުކާރުގެ އެހީތެރިކަމަށެވެ. އެހެން ވިޔަފާރިތަކެކޭވެސް އެއްފަދައިންނެވެ. ކޮވިޑް 19ގެ ސަބަބުން ގެއްލުންވެފައިވާ ކުންފުނިތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން އިއުލާންކޮށްފައިވާ ރިލީފް ޕެކޭޖުގެ ދަށުން އެ އިންޑަސްޓްރީގެ ކުންފުނިތަކަށްވެސް އަވަސް މުއްދަތެއްގައި ފައިސާ ލިބޭނެ ގޮތް ހަމަ ޖެހުމެވެ.

ހައިރައިސްގެ މެނޭޖިން ޑިރެކްޓަރު ޝާމިން އަލީ ވިދާޅުވީ، އިވެންޓް އިންޑަސްޓްރީން މިވަގުތު ބޭނުންވަނީ ސަރުކާރުގެ އެހީކަމަށާއި، މިއީ އެއްބަޔަކު އަނެއް ބަޔަކަށް އެހީވެގެން ކުރިއަށް ދެވޭނެ ވަގުތުކަމަށެވެ.

"ހުރިހާ އިންޑަސްޓްރީއެއް ހުއްޓިފައިވާ ފަދައިން އަޅުގަނޑުމެންވެސް މިވަނީ އެއްކޮށް ހުއްޓިފައި. ކުރިއަށް ދެވޭނީ އެއްބަޔަކު އަނެއްބަޔަކާއެކުގައި މަސައްކަތްކޮށްގެން. ސަރުކާރުގެ ރިލީފް ޕެކޭޖުން އެހީތެރިކަން ލިބިގެން. އިވެންޓް އިންޑަސްޓްރީވެސް އަދި އެހެން އިންޑަސްޓްރީއެއްވެސް ކުރިއަށް ދާނީ ކުރިމަގުގައި ރާއްޖެއަށް ވާގޮތަކުން" ޝާމިން ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން އިވެންޓް އިންޑަސްޓްރީއަށް ވެފައިވާ ގެއްލުން ހިއްސާކުރައްވަމުން ސްޓޭޖުކޯގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ހައިޝަމް ވިދާޅުވީ، ކުރިއަށް ރާވާފައިވާ ގިނަ އިވެންޓުތައް ކެންސަލްވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ އިންޑަސްޓްރީއަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި މިވަގުތު އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ކުންފުނިތަކުން ބޭނުންވަނީ ސަރުކާރުގެ އެހީކަމަށް ހައިޝަމް ވިދާޅުވިއެވެ.

"އިވެންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުން މިހާރުވަނީ ސަރުކާރުގެ ރިލީފް ޕެކޭޖަށް އެދިފައި. ނަމަވެސް އަދިވެސް ރިލީފް ޕެކޭޖު ލިބިފައެއް ނުވޭ. އަޅުގަނޑުމެން އެދުމަކީ އެކަން އަވަސްވުން" ހައިޝަމް ވިދާޅުވިއެވެ.

އެހެން އިންޑަސްޓްރީ ތަކެކޭ އެއްފަދައިން އިވެންޓް އިންޑަސްޓްރީން ވެސް ސަރުކާރުގެ މާލީ އެހީތެރިކަމަށް އެދިފައިވާ އިރު، ކޮވިޑްގެ ހާލަތުން އަރައިގަނެވެންދެން އެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ސާމާނު ގުދަން ކުރެވޭނެ ގޮތެއް ސަރުކާރުން ހަމަޖައްސައިދިނުމަކީ ވެސް އިންޑަސްޓްރީގެ ބައެއް މީހުން އެދޭ ކަމެކެވެ.

ރިލީފް ޕެކޭޖް ލަސްވަމުން ދިއުމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ. ލޮކްޑައުންގެ ސަބަބުން އެތައް ބަޔަކު އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތް މުޅީން ހުއްޓި އަތްމަތި އެއްކޮށް ހުސްވެފައިވާ އިރު، ސަރުކާރުން ބަލަހައްޓަން ޖެހޭ މީހުންގެ އަދަދުވެސް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.