މިންހާ ފާއިޒް ރަޝާދު
އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކެރެލާގެ އަވަށެއްގައި އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރުމަށް ކުޑަ ބަހަން ފަށައިފިއެވެ.
އެއަވަށުގެ ލޯކަލް ކައުންސިލް ރައީސް، ޕީއެސް ޖޯތީ ވިދާޅުވީ ވަރަށް އަވަހަށް ކޮވިޑް19 ކޮންޓްރޯލު ކުރެވިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި ނަމަވެސް ބަލި ކޮންޓްރޯލު ކުރެވެންދެންވެސް ކުރިއަށް ހުރި ދުވަސްތަކުގައި އަވި ދިނަސް ވާރޭ ވެހުނަސް ބޭރުގައި އުޅޭއިރު އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރުމަށް ކުޑައެއް ބޭނުން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭގެ ބޭނުމަކީ ކުޑަ ހުޅުވާފައި ހުންނައިރު އޭގެ ސަބަބުން ދެމީހުން ދޭތެރެގައި މަދުވެގެން އެއް މީޓަރުގެ ދުރުމުން ކޮންމެ ގޮތެއްވިއަސް ހުންނާނެކަން ކަށަވަރުވާތީ އެވެ.
އެހެންކަމުން އެއަވަށުގެ ރައްޔިތުންނަށް 10000 ކުޑަ ބަހާއިރު ކޮންމެ ކުޑައަކާއެކު ދެ މާސްކުވެސް ދޭނެކަމަށް އެކައުންސިލުން ބުނެއެވެ.
ކެރެލާގެ ކުދުމްބަޝްރީ އިނީޝިއޭޓިވްގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާތައް ގުޅިގެން އެއްލައްކަ މާސްކު ފެހުމުގެ މަސައްކަތް ވަނީ ފައްޓާފައެެވެ.
ކެރެލާ ސްޓޭޓުގައި ވަނީ ކޮވިޑް19އިން ރައްކާތެރިވުމަށް އަދި އެ ބައްޔަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ސްޓޭޓުގެ އެކި ސަރަހައްދުގައި ސާމްޕަލްތައް ނެގޭނެ އިންތިޒާމު މިމަހު ކުރީކޮޅުން ފެށިގެން ވަނީ ހަމަޖައްސާފައެވެ.
އިންޑިއާގައި ކޮވިޑް19 އެންމެ ފުރަތަމަ ފެނުނު ސްޓޭޓަކީ ކެރެލާއެވެ. އެސްޓޭޓުގައި އިއްޔެއާ ހަމައަށް 458 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފައެވެ. މުޅި އިންޑިއާގައި އިއްޔެއާ ހަމައަށް 27800އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 900 އިން މައްޗަށް އަރައިފަ އެވެ.