ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ނިކް ޖޯނާސް އާއި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ކައިވެނި ކޮށްފައިވަނީ ޑިސެމްބަރު އެކެއް އަދި ދޭއްގައެވެ. ކްރިސްޓިއަން އަދި ހިންދޫ ގޮތަށް ދެތަރިންގެ ކައިވެނި ކޮށްފައި ވާއިރު، ގިނަ ބައެއްގެ ލޯބި ވަނީ ދެ ތަރިންނަށްވެސް ލިބިފައެވެ. ހާއްސަކޮށް ކައިވެނީގައި ލާފައި ހުރި ހެދުންތަކަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.
މި ގުޅުން އުފެދިގެން ދިޔައީ 2016 ވަނަ އަހަރު ނިކް ޕްރިޔަންކާ އަށް ޓުއިޓަރުން ޕްރިވެޓް މެސެޖެއް ފޮނުވުމުންނެވެ. ނަމަވެސް 2017 ވަނަ އަހަރުގެ މެޓް ގާލާ އަކީ ދެ ތަރިން ފުރަތަމަ ބައްދަލުވި ތަނެވެ. ހަމަހު ރައްޓެހިވެގެން އުޅުމަށްފަހު އޮގަސްޓްމަހު އެންގޭޖްވުމަށް ފަހު ޑިސެމްބަރުގައި ކައިވެނި ކުރީ ދެފަރާތުގެ އާއިލާގެ ރުހުމާއި ލޯތްބާ އެކުގައެވެ.
ނަމަވެސް "ދަ ކަޓް" ކިޔާ ނޫހަކުން މިވަނީ ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏަކީ ސްކޭމެއް ކަމަށް ބުނެ އާޓިކަލެއް ލިޔެފައެވެ. އެ އާޓިކަލުގައި ވަނީ ޕްރިޔަންކާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 36 އަހަރުގެ ޕްރިޔަންކާ 26 އަހަރުގެ ނިކްއާ ކައިވެނި ކުރުމުން އާޓިކަލުގައި ބުނެފައިވަނީ ޕްރިޔަންކާ ވަނީ ނިކް ހައްދާލާފައިކަމަށެވެ. ގުޅުން ބަދަހި ކުރަން މެނިޕިއުލޭޓްކޮށް، ކައިވެނީގެ މަޅީގައި ނިކްއަށް ވެސް ނޭނގި ޖެއްސީ ޕްރިޔަންކާ ގަސްދުގައި ކަމަށް އާޓިކަލުގައި ބުނެފައިވެއެވެ. ސައުތު އޭޝިއަން އަންހެނަކު އޮޅުވާލައިގެން ދޮން އެމެރިކަން އަކާ ކައިވެނި ކުރީ ކަމަށް ދޭހަވާ ގޮތަށް އާޓިކަލު ވަނީ ބައްޓަންކޮށްފައެވެ.
މި އާޓިކަލާ ގުޅިގެން މީސް މީޑިއާގައި ޕްރިޔަންކާގެ ފޭނުން ވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ.
މިކަމާ ގުޅިގެން ދިއްލީގައި އޮތް ހަފްލާފައި ޕްރިޔަންކާއާ ސުވާލު ކުރުމުން އޭނާ ބުނީ އެ އާޓިކަލަށް ރިއެކްޓްކޮށް ކޮމެންޓް ކުރަން ބޭނުން ނޫން ކަމަށެވެ. މިވަގުތު މިހިރީ "ހެޕީ ޕްލޭސް"ގައި ކަމަށް ބުނަމުން ޕްރިޔަންކާ ބުނީ އެކަހަލަ ރެންޑަމް ކަންކަމާ މެދު ނުވިސްނާ ކަމަށާއި، އެއީ އޭނާގެ ވިސްނުމުގައިވެސް ގެންގުޅޭ ކަންކަން ނޫން ކަމަށެވެ.
ކޮންމެ އަކަސް ޕްރިޔަންކާ މި ވަނީ ވަރަށް ބޮޑެތި ސްޓީރިއޯޓައިޕްތައް އަނެއްކާވެސް އަންހެނަކަށް ވެ ހުރެ ބްރޭކް ކޮށްލާފައެވެ. އުމުރުން ހަގު މީހަކާ ކައިވެނި ކުރުމުގެ އިތުރުން އިންޑިއާ ކަހަލަ ގައުމަކުން އެމެރިކަންއަކާ އެކު މިހާ ބޮޑަށް ފާހަގަކޮށްފައި ކައިވެނި ކުރުން ވެސް ވެގެން ގޮސްފައި މިވަނީ އިންޑިއާގެ ގިނަ އަންހެންނަށް އަމިއްލަ ދިރިއުޅުން ބޭނުންވާ ގޮތަށް ބައްޓަން ކުރަން ލިބުނު ހިތްވަރަކަށެވެ.
ނިކްގެ އާއިލާގެ ފަރާތުންވެސް ވަނީ މި އާޓިކަލްއާ ގުޅިގެން ޕްރިޔަންކާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އެގޮތުން ނިކްގެ ކޮއްކޮ ޖޯ ޖޯނާސް ބުނި ގޮތުގައި ޕްރިޔަންކާ އާއި ނިކް އުޅެނީ ވަރަށް ލޯބިން ކަމަށާއި އެ އާޓިކަލް ޕަބްލިޝް ކުރި ނޫހުން ލަދު ގަންނަން ޖެހޭ ކަމަށް ޖޯ ވަނީ ބުނެފައެވެ.
ދަ ކަޓް ނޫހުން ވަނީ ޕްރިޔަންކާއާ ގުޅިގެން ލިޔެފައިވާ އާޓިކަލް ފަހުން ސައިޓުން ނަގައި މާފަށް ވެސް އެދިފައެވެ.