ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ދިރާގު ޕޭއަށް އަމާޒުކޮށްގެން ރަމަޟާން މަހަށް ހާއްސަ އޮފާތަކެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ މިއަހަރުގެ ރަމަޟާން މަސް މުސްލިމު އުންމަތާ ކުރިމަތިލާން ޖެހުނީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި ދިރާގުން ތައާރަފު ކުރި އޮފާތަކުގެ ބޭނުމަކީ މިފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި ކަސްޓަމަރުންނަށް ލުޔެއް ހޯދައިދިނުން ކަމަށެވެ.
ދިރާގު މޯބައިލް ޕޯސްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް އިތުރަށް ސޯޝަލް މީޑިއާ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް މީގެ ކުރިންވެސް ދިރާގުން ވަނީ ފަށައިފައެވެ. މިހާރު ދިރާގުން ނިންމާފައިވަނީ އެ ޕްރޮމޯޝަންގެ މުއްދަތު މެއި މަހުގެ ނިޔަލަށް އިތުރުކުރުމަށެވެ.
މިހާރު ކުރިއަށް މިދާ ޕްރޮމޯޝަންގައި 10 ޖީބީ އާ ހަމަޔަށް އިތުރަށް ޑޭޓާ ލިބެ އެވެ. ދިރާގު ޕޯސްޑްޕެއިޑް 350، 550 އަދި 750 ގެންގުޅޭ ކަސްޓަމަރުންނަށް އިތުރަށް ލިބޭނީ 2ޖީބީގެ ޑޭޓާ އެވެ. ޕޯސްޑްޕެއިޑް 1000 އަށް އިތުރު 5ޖީބީ ލިބޭއިރު، ޕޯސްޑްޕެއިޑް 1700 އަށް އިތުރު 10 ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބިގެން ދާނެއެވެ.
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާއަށް 3ޖީބީގެ ޑޭޓާ ލިބިގެންދާ ޑޭޓާ ޕެކެއް ވަނީ ތައާރަފުކޮށްފައެވެ. މި ޑޭޓާގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން ހަތް ދުވަހެވެ. މި އޮފާ ވެސް ކުރިއަށް ދާނީ މެއި މަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.
މާލެ ސިޓީ ލޮކްޑައުން ކުރުމުގެ ސަބަބުން ފިތުރު ޒަކާތް ދެއްކުމަށް ޑިޖިޓަލް ވަސީލަތްތައް ވަނީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައެވެ. މިއަހަރުވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން https://www.dhiraagu.com.mv/ocs/service_zakath.aspx އަށް ޒިޔާރަތްކޮށްގެން ފިތުރު ޒަކާތް ދެއްކޭނެއެވެ.
މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ވެސް ދިރާގުން ވަނީ ފަހިކޮށްދީފައެވެ. އެސް.އެމް.އެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ #5*454* އަށެވެ.
ކޮވިޑް 19 އާ ގުޅިގެން ދިރާގުން އަންނަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން މާޗު މަހުން ފެށިގެން އިތުރު ޑޭޓާ އަދި ޑިސްކައުންޓް ދިރާގު މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މެއި މަހުގެ ނިޔަލަށް ދޭން ދިރާގުން ވަނީ ނިންމާފައެވެ.
ދިރާގުން ބުނީ ކޮވިޑް 19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް އެ ކުންފުނިން ބަލަމުން އަންނަ ކަމަށެވެ. ކޮވިޑް 19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ދިރާގުގެ ވެކްސައިޓުން ބަލައިލެވޭނެއެވެ.