ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުން ވެފައިވާ ވަގުތުގައި، ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަ މެސެޖެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރައްދު ކުރައްވައިފި އެވެ.
ބައްސާމުގެ ފޭސްބުކް ގައި ބުނީ ލޮކްޑައުންގައި ތިބޭއިރު ފިޓްނަސް ހިފެއްޓުމަށާއި ދުޅަ ސިއްހަތެއްގައި ތިބުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ކުޅުންތެރިންނަށް އިލްތިމާސް ކުރާކަމަށެވެ.
"އަހަރެންގެ ވިސްނުން ގުޅިފައި ވަނީ ކުޅުންތެރިންގެ ފިޓްނަސްއާ، އަލުން ކުޅެން ނުކުންނައިރު ފިޓްނަސް ހިފެހެއްޓުމަށް ރައްކާތެރިވާން ޖެހޭ،" ބައްސާމްގެ މެސެޖު ނިންމާލަމުން ފާހަގަ ކުރައްވާފައި ވެއެވެ. "އަހަރެމެންގެ ކުޅުންތެރިންނަށް އަހަރެން އިލްތިމާސް ކުރަން ބޭނުން ވަނީ ކުޅުންތެރިންގެ ސިކުނޑި [ނަފުސާނީ] އާއި ހަށިގަނޑުގެ [ޖިސްމާނީ] ރައްކާތެރިކަމަށް ޓަކައިވެސް މިހާލަތުގައިވެސް މަސައްކަތް ކުރުމަށް." ބައްސާމްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް ހެޔޮ އެދުންތައް ރައްދު ކުރުއްވަމުން، ބައްސާމް ފޮނުއްވި މެސެޖުގައި ވިދާޅުވީ، 2019/2020 ގެ ފުޓްބޯޅަ ސީޒަން ގެ ބާކީ ބައި ކުރިއަށް ނުގެންދާ ގޮތަށް ނިންމާލާފައިި ވަނީ ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކާއި އެފްއޭއެމްގެ މުވައްޒަފުންނާއި މުޅި ފުޓްބޯޅަ އާއިލާގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
"ކޮންމެ މީހަކަށްވެސް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ޕޮޒިޓިވް ވިސްނުމެއް ގެންގުޅުން. ވައިރަސްގެ ކިބައިން ސަލާމަތް ވުމަށް ކުރާ މަސައްކަތުގައި ކޮންމެ ވަކި ފަރުދަކަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ، އަހަރެމެން އެންމެން އެކުވެރިކަމާއެކު މިތިބީ އެ މަގުސަދަށްޓަކައި." ބައްސާމް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް 19 އާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅު އެޅުމުގައި ހުރިހާ ކުޅުންތެރިންވެސް ޕޮޒިޓިވް ވިސްނުމެއްގައި ތިބުމަށް ބައްސާމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކޮވިޑް 19 އާ ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވަނީ ކުޅިވަރުގެ ހުރިހާ ކަމެއް މެދުކަނޑާލާފައެވެ. އެކަމާއި ގުޅިގެން ފުޓުބޯޅައަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ފީފާއިން ވަނީ އެޖަމިއްޔާގެ މެންބަރު ހުރިހާ ގައުމަކަށް ހިލޭ އެހީގެ ގޮތުގައި 150 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފައެވެ.