އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 56

އަބްދުﷲ ފާރޫގް ހަސަން

2

(25 އޭޕްރީލްގެ އަދަދާ ގުޅޭ)

يـاسمـين ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގޭކަމަކީ އެބޭފުޅުންނަށް އަޅުގަނޑުމެން ފެނިވަޑައިގެންނެވިކަމުގައިވިޔަސް އަޅުގަނޑު ފިލައިގެންދާކަށެއް ނުވަތަ ވަޅަކަށް ފުންމައިލާކަށެއް މަސައްކަތެއް ނުކުރާނެކަމެވެ."

ޒަރުބަޚުތު އޭނާ ދެރަފުޅުވެއްޖެކަން ޤަބޫލުކުރައްވާ ރާގުގައި ވިދާޅުވިއެވެ. "يـاسمـين އެވެ. ކަލާއަކީ ހުރިހާ ގޮތަކުންވެސް ޝެހެޒާދީއަކީމުއެވެ. އަޅުގަނޑުގެ މިސާލަކީ އެމީހެއްގެ ހުރިހައި އެއްޗެއްސެއް ފޭރެވިފައިވާ ދަތުރުވެރިޔެއްގެ މިސާލެވެ. ނަމަވެސް ޤުދުރަތުގެ ކޮންމެވެސް މުޢުޖިޒާއަކުން ކަލާގެ މާފާފުޅާއި ބައްޕާފުޅުގެ އަރިހުގައި ޖެހިލުންވުމެއްނެތި ކަމަކަށް އެދުމުގެ އެކަށޭނަކަން އަޅުގަނޑަށް ލިބިއްޖެނަމަ އަޅުގަނޑުގެ އެންމެފުރަތަމަ އެދުމަކަށްވެސް އެންމެ ފަހުގެ އެދުމަކަށްވެސްވާނީ ކަލާ ހޯދުމެވެ. އެކަމަކު ދަންނަވަންތޯއެވެ. އަޅުގަނޑުގެ ހިތްބުނަނީ ޒަރުބަޚުތެވެ. ފުރޭބުރުޒުގެ މާފަދަރިކަނބަލުން ވަރަށް މޮޔަފުޅެވެ. ވަރަށް ރީތިފުޅެވެ. ވަރަށް އޯގާވެރިއެވެ. އެކަމަކު އޭނާ ވަނީ ކަލެޔަށްޓަކައެއް ނޫނެވެ. ކަލޭ މޮޔަނުވާށެވެ. މިތަނުން އަވަހަށް ފިލައިގެން ހިނގައިދާށެވެ. ސަރޫޝްގެ ދަރިކަނބަލުން އަސްފަހާނަށް އެނބުރި ވަޑައިގެންނެވުމަށްފަހު ކަލެޔަކީ ކާކުކަންވެސް ހަނދުމަފުޅެއް ނުހުންނާނެއެވެ. މިހެންނެވެ."

"يـاسمـين! يـاسمـين!" ގެއާވީ ފަރާތުން ނީލޯފަރުގެ އަޑު އިވޭންފަށައިފިއެވެ.

يـاسمـين ނުގަބޫލުފުޅުވެފައި ވިދާޅުވިއެވެ. "އެ މޮޔަކުއްޖާގަނޑަށް މިބަގީޗާއަށް މިނިކާވަގެއް ވަދެއްޖެކަމަށް ޝައްކުވީއެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ކަލާ އަވަހަށް ވަޑައިގަންނަވާށެވެ."

"ކަލާ؟"

"އަޅުގަނޑު ދެން ދާނީ ގެޔަށެވެ."

"ނޫނެކެވެ. މާފާފުޅު ވަޑައިނުގަންނަވަނީހެއް ކަލާއަކަށް ވަޑައެއް ނުގެންނެވޭނެއެވެ."

"އެންމެ ރަނގަޅެވެ. ހިންގަވާށެވެ."

އެބޭފުޅުން ގެޔާ ދިމާޔަށް ވަޑައިގެންފިއެވެ. ގަސްތަކުގެ ތެރެއިން ނިކުމެވަޑައިގެންނެވުމާއެކު އެބޭފުޅުންނަށް ނީލޯފަރާއި ماه بانو އާ ދެބޭފުޅުން ފެނިވަޑައިގެންފިއެވެ. يـاسمـين ތަންކޮޅެއް ބާރަށް ކުރިޔަށް ވަޑައިގެން ވިދާޅުވިއެވެ. "ނީލޯފަރުއެވެ. މާބާރަށްގޮވަނީ ކީއްވީހެއްޔެވެ؟"

ނީލޯފަރު يـاسمـين އާ ދިމާޔަށް ދުއްވައިގަތެވެ. ނަމަވެސް يـاسمـين ގެ ފަހަތްޕުޅުގައި ޒަރުބަޚުތު ހުންނެވިތަން ފެނުމާއެކު އޭނާއަށް ހުއްޓުންއަރައިފިއެވެ. އޭނާ ޝަކުވާގެ ރާގުގައި ބުނެލިއެވެ. "ކަލާ ފިލައިވަޑައިގެންނެވީ ކޮންތަނަކުތޯއެވެ؟"

يـاسمـين ހިނިފުޅުވަޑުވަމުން ޖަވާބު ދެއްވިއެވެ. "އަހަރެން ދިޔައީ ކޯރަށް ފުންމައިލާންކަމަށެވެ. މަގުމަތީން މީނާއާ ދިމާވެގެން އަހަރެން ގޮވައިގެން ވަޑައިގެންނެވީއެވެ."

ماه بانو ކުރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. "ކަލާ ނީލޯފަރު މާބޮޑަށް ހާސްވިޔަ ނުދެއްވާށެވެ. އޭނާ މިހާރުވެސް ގޭގެ ހުރިހައި ކޮޓަރިތަކެއް ހޯދައިފިއެވެ."

يـاسمـين ވިދާޅުވިއެވެ. "ނީލޯފަރު! ޙަޤީޤަތުގައިވެސް މާބޮޑަށް ހާސްވީހެއްޔެވެ؟"

ނީލޯފަރު ޖަވާބެއް ނުދީ އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ނަމަވެސް يـاسمـين ވަޑައިގެން އޭނާއާ އޮޅުލައިވަޑައިގެންނެވުމުން އޭނާއަށްވެސް ނުހީނއެއް ނުހުރެވުނެވެ.

+ + + + +

އިރުކޮޅެއްގެފަހުން ޒަރުބަޚުތާއި يـاسمـين އާއި ماه بانو އާ ތިންބޭފުޅުން ތިއްބެވީ ބައްދަލުކުރައްވާ ކޮޓަރީގައި ވާހަކަފުޅު ދައްކަވާށެވެ. ކުއްލިޔަކަށް يـاسمـين ވިދާޅުވިއެވެ. "އަޅެ މިއަދު އަޅުގަނޑު ސުވާލުކޮށްލަން ހަނދާންނެތުނީއެވެ. حسّان އަކީ ކާކުތޯއެވެ؟"

މަގުފޭރޭމީހަކު ކަނޑިއުރައިން ދަމައިގަނެގެން އެކޮޓަރިޔަށް ވަންކަމުގައިވީނަމަވެސް ޒަރުބަޚުތާއި ماه بانو އާ ދެބީނުން އެހައިވަރަކަށް ފިކުރުފުޅު ބޮޑެއް ނުވީހެވެ. އިރުކޮޅަކު ދެބީނުން ޖަވާބު އެދިވަޑައިގެންނެވުމުގެ ބެއްލެވުމަކުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވަން ތިއްބެވިއެވެ. އެއަށްފަހު يـاسمـين ގެ މޫނުފުޅަށް ދެބީނުންގެ ނަޒަރު ހުއްޓައިލައްވައިފިއެވެ.

يـاسمـين، ماه بانو އާ ދިމާޔަށް ވިދާޅުވިއެވެ. "ރޭ އަވަހާރަފުޅުގައި ކޮންމެވެސް މީހަކަށް حسّان އެވެ ވިދާޅުވެފައި ދެފަހަރަކު ގޮވައިލެއްވީމުއެވެ. ހެނދުނު ދަންނަވައިލަން އަޅުގަނޑު ހަނދާން ނެތުނީއެވެ. حسّان އަކީ ކާކުތޯއެވެ؟"

ماه بانو ކަންބޮޑުވެވަޑައިގެން ތެދުވެވަޑައިގެންފިއެވެ. ޒަރުބަޚުތު ވިދާޅުވިއެވެ. حسّان އަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު ދުޝްމިނެކެވެ."

يـاسمـين ވިދާޅުވިއެވެ. "މީހުން ތިމާގެ ދުޝްމިނުންނަކަށް ހުވަފެނުގައި އެހައި އަސަރާއެކު ގޮވައެއް ނުއުޅެއެވެ."

ماه بانو ކުއްލިޔަކަށް އެކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. يـاسمـين ކަންބޮޑުވެވަޑައިގެން ޒަރުބަޚުތާ ދިމާޔަށް ބައްލަވަން އިންނަވައިފައި ތެދުވެވަޑައިގެންފިއެވެ. "ماه بانو އެހައި ފިކުރުފުޅު ބޮޑުވާނެކަމެއް އަޅުގަނޑަކަށެއް ނޭނގެއެވެ. އެހެންނަމަކަ އަޅުގަނޑު އޭނާގެ ކުރިފުޅުމަތީގައި އެނަމެއް ނުކީމުހެވެ. އޭނާ ގޮވައިގެން އަންނާނަމެވެ."

"ނޫނެކެވެ. ނޫނެކެވެ! ކަލާ އިށީނދެވަޑައިގަންނަވާށެވެ. މިވަގުތު އޭނާއާ އެވާހަކަ ދެއްކެވުން ރަނގަޅެއް ނޫނެވެ. ކަލާ އެމީހެއްގެ ނަން ތިޔަވިދާޅުވި މީހާއާމެދު އަޅުގަނޑުމެން ދެކެނީ އަޅުގަނޑުމެންގެ ބައްޕާފުޅުގެ ޤާތިލުކަމުގައެވެ. ماه بانو ހުވަފެނުގައި އޭނާގެ ކިބައިން ރަޙުމަށް އެދިވަޑައިގެންނެވީ ކަމުގައިވެސް ވެދާނެއެވެ."

يـاسمـين ވިދާޅުވިއެވެ. އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑަށް އެ ހުވަފެންފުޅުގެމަތީން ހަނދުމަފުޅުކޮށް ނޭރުވުނުނަމައެވެ. އެމީހާ ދުނިޔޭގައި އެބަހުރިތޯއެވެ؟"

"އަޅުގަނޑަކަށެއް ނޭނގެއެވެ."

"ކަލާގެ ކޮއްކޯފުޅުގެ ހިތާމަފުޅަކީ ކަލާ އެމީހާގެ ކިބައިން ބައްޕާފުޅުގެ ބަދަލު ނުހިއްޕެވުން ކަމުގައިވެދާނެއެވެ."

"އޭނާ ދިރިހުރިކަމުގައިވާނަމަ އަޅުގަނޑުގެ ކޮއްކޮޔަށް މާގިނަދުވަހަކު އެކަމާ ހިތާމަކުރައްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑު މިދަނީ އޭނާގެ އަރިހަށެވެ." ޒަރުބަޚުތު މިހެން ވިދާޅުވެފައި ތެދުވެވަޑައިގެން އެކޮޓަރިން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭނާ ބާލާޚާނާގެ ސިޑީން އަރައިވަޑައިގަންނަވާން ފައްޓަވައިފިއެވެ. އިރުކޮޅަކުން އޭނާ ހުންނެވީ ماه بانو ގެ ކޮޓަރިކޮޅުގައެވެ. ماه بانو އިސްދަށަށް ޖައްސަވައިލައްވައިގެން ގޮނޑިކޮޅެއްގައި އިންނެވިއެވެ.

ޒަރުބަޚުތު ވަޑައިގެން ماه بانو ގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުންމައިލައްވައިފައި ވިދާޅުވިއެވެ. "ލޯބިވާ ކޮއްކޯއެވެ. ކޮއްކޮ ތިޔަހައިބޮޑަށް ހާސްވެވަޑައިގަންނަވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. يـاسمـين އެވާހަކަ ދެއްކެވީ ލާނެއްފުޅު ކަމަކުން ނޫނެވެ. އޭނާއަކަށް حسّان އަކީ ކާކުކަމެއްވެސް އެނގިވަޑައެއް ނުގަންނަވާނެއެވެ."

ماه بانو އޭނާގެ ބޭބެޔާ ދިމާއަށް ބައްލަވައިލެއްވިއެވެ. އޭނާގެ ލޯފުޅުގައި ވިދަވިދައިހުރީ ކަރުނަފޮދެވެ.

ޒަރުބަޚުތު އިރުކޮޅަކު ހިމޭނުން ހުންނަވައިފައި ވިދާޅުވިއެވެ. يـاسمـين ކޮއްކޮއާމެދު ކުށްހީފުޅެއް ނުކުރައްވާނެއެވެ. ބޭބެ އޭނާޔަށް ވިސްނައިދީފީމެވެ. އަޅުގަނޑު ދެންނެވީމެވެ. حسّان އަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ދުޝްމިނެވެ. يـاسمـين ދެނެއް ކޮއްކޮގެ ކުރިފުޅުމަތީގައި حسّان ގެ ވާހަކަފުޅެއް ނުދައްކަވާނެއެވެ. ދެން ތިރިޔަށް ހިންގަވާށެވެ."

"ބޭބެ ވަޑައިގަންނަވާށެވެ! އަޅުގަނޑު އެބަދަމެވެ."

+ + + + +

އޭގެފަހުން ތިންވަނަޔަށްވީދުވަހުގެ ހެނދުނު ޒަރުބަޚުތު سُهيل ގޮވައިގެން ފުރޭބުރުޒުގެ ގެޔަށް ވަޑައިގެންފިއެވެ. ސަރޫޝްގެ އަރިހުގައި އަސްފަހާނަށްދާ ސިފައިންގެ ވިހިމީހުން އަސްތަކުގެ ލަގަނުގައި ހިފައިގެން ދޮރާށީން ބޭރުގައި ތިއްބެވެ. މުދާ އަރުވައި ބަރުކޮށްފައިވާ އަށް ޖަމަލު ވަނީ އޭގެ ގަޑިޔެއްހައިއިރު ކުރީން އަސްފަހާނަށް ދަތުރު ފަށައިފައެވެ. ހަތިޔާރުއެޅި ދިހަ އަސްވާރުންގެ ޙިމާޔަތުގައެވެ. ޒަރުބަޚުތު އަސްމަތީން ފައިބައިވަޑައިގެން އަހުގެ ލަގަން، ނޯކަރެއްގެ އަތަށް ދެއްވައިފިއެވެ. އޭނާ سُهيل އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ." سُهيل މިތާނގައި މަޑުކުރައްވާށެވެ. ބޭބެ ހަމަމިހާރު އެބައަންނަމެވެ. ބޭބެ އަނެއްކާވެސް ހަނދާންކޮށްދެމެވެ. މިބޭފުޅުންގެ ތެރޭގައި އެއްގޮތަކަށްވެސް ކޮއްކޮގެ ބޭބެގެ ވާހަކަ ދައްކަވައިގެން ނުވާނެއެވެ. އެއްވެސްމީހެއްގެ ގާތުގައި ޚާއްޞަކޮށް ސަރޫޝްގެ ދަރިކަނބަލުންނަށް އަޑުއިވިވަޑައިގަންނަވާގޮތަށް ކޮއްކޮމެންގެ މާޒީގެ ވާހަކަ ދެއްކެވުމުގެ ބޭނުމެއްނެތެވެ."

سُهيل ޖަވާބު ދެއްވިއެވެ. "ބޭބެ ހިތްޕުޅު ހަމަޖައްސަވާށެވެ. އަޅުގަނޑު ބޭބެގެ ނަސޭހަތްޕުޅު ހަނދާނެއް ނުނެތޭނެއެވެ."

ޒަރުބަޚުތު އިތުރު އެއްޗެކޭ ވިދާޅުނުވެ ދޮރާއްޓާ ދިމާޔަށް ވަޑައިގެންފިއެވެ. ފުރޭބުރުޒާއި ސަރޫޝާ ދެބައްޕައިކަލުން ދާދިކައިރީގައި ތިއްބެވިއެވެ. އެބޭފުޅުންގެ ފަހަތްޕުޅުން يـاسمـين އާއި ماه بانو އާ ދެބޭފުޅުން ވަޑައިގަންނަވައެވެ. ނީލޯފަރާއި އޭނާގެ މައިންބަފައިންވެސް ފަހަތްޕުޅުން އާދެއެވެ. ޒަރުބަޚުތު ހުއްޓިވަޑައިގެންފިއެވެ. އިރުކޮޅެއްގެތެރޭގައި ސަރޫޝާއި يـاسمـين އާއި ދެބަފައިކަލުންގެ ހަށިފާރަވެރީންނާއެކު އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ.

ޒަރުބަޚުތު ސަރޫޝާ މުޞާފަޙާ ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު މިއައީ سُهيل ގޮވައިގެންނެވެ. އަސްފަހާން ބަލައިލުމުގެ ފުރުސަތު ލިބުމަށްވުރެ ބޮޑަށް އޭނާ އުފާވަނީ ޢަސްކަރީ މަކްތަބުގެ ބޭރުން އޭނާއާ އެންމެ ފުރަތަމަފަހަރަށް މަސްއޫލިއްޔަތެއް ޙަވާލުކުރެވޭތީއެވެ. سُهيل މިހުންނަވަނީ ހަނގުރާމައިގައި ބައިވެރިވެވަޑައިގަންނަވާ ހިތްޕުޅުންނެވެ. އެކަމަކު ސިފައިންގެ ތެރެއިން އެކަށީގެންވާ މަގާމެއް ލިބިވަޑައިގަންނަވާ ވަރަށްވުރެ އޭނާ މާހަގުފުޅެވެ. އޭނާ އަސްފަހާނުގެ ވައިފެނާ ގުޅޭގޮތް ވެއްޖެނަމަ ދުވަސްކޮޅަކު މަނިކުފާނުގެ އަރިހުގައި ބަހައްޓަވާށެވެ."

ސަރޫޝް سُهيل އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ޝަހެންޝާހުގެ އަރިހުން އަޅުގަނޑުގެ ލަޝްކަރު ތައްޔާރުކުރަން ހޯދައިފައިވަނީ ދެމަސްދުވަހުގެ މުހުލަތެކެވެ. އެދުވަސްވަރު އަޅުގަނޑު އޭނާ ފޫހިފުޅުވިޔަކަ ނުދޭނަމެވެ. ޝަހެންޝާހު އޭގެކުރީން އަޅުގަނޑު ބަލައިފޮނުއްވައިފިނަމަ އަޅުގަނޑު އަންނާނީ سُهيل ގޮވައިގެންނެވެ. އަޅުގަނޑުމެންނާއި މުސްލިމުންނާ ދެމެދު ކުރެވޭ ހަނގުރާމަ އޭގެކުރީން ނިމުނުކަމުގައިވިޔަސް سُهيل ފޫހިފިލުއްވަން އެތައްކަމެއް އަސްފަހާނުގައި ހުންނާނެއެވެ. އޭނާއަކީ ރަނގަޅު އަސްވާރެއްކަމުގައިވާނަމަ އަޅުގަނޑުގެ އަސްތަބީލައިގައި އެންމެމޮޅު އަސްތައް ހުންނާނެއެވެ. މީނާއަކީ ދުނިހެވިކަމާއި ލޮންސިހެވިކަމަށް ރަނގަޅު ބޭފުޅެއްކަމުގައިވާނަމަ އަޅުގަނޑުގެ ލަޝްކަރުންވެސް އެކަށޭނަ މަގާމެއް ހަމަޖެއްސިދާނެއެވެ. އޭރަކުން އޭނާ މާއަވަހަކަށް މަދާއިނަށް ވަޑައިގަންނަވާހިތްޕުޅެއް ނުވާނެއެވެ."

ޒަރުބަޚުތު يـاسمـين އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ނަމަވެސް އޭނާއަށް އެއްވެސް އެއްޗެކޭ ވިދާޅުވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. يـاسمـين ހިނިފުޅުވަޑުވަނީއެވެ. ނަމަވެސް އޭނާގެ ރީތި ލޯފުޅުގައިވަނީ ކަރުނަފޮދެވެ. ސަރޫޝް އޭނާގެ އަސްކޮޅު ދުއްވައިލެއްވުމާއެކު އެކުޑަކުޑަ ޤާފިލާ އެތަނުން ދަތުރު ފަށައިފިއެވެ.

(ނުނިމޭ)