ރައްޔިތުންގެ މަޖިލިސް

އިންތިހާބަށް ކުރިމަތިލި ސިވިލްސާވަންޓުންގެ ސަސްޕެންޝަން އޭޕްރީލް 4އިން ފެށިގެން އިއާދަކުރަން ބިލްގައި ހިމަނައިފި

އިބްރާހިމް ޒަކީ

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލައިގެން ސަސްޕެންޑް ކޮށްފައިވާ ސިވިލްސާވަންޓުންގެ ސަސްޕެންޝަން، ކައުންސިލް އިންތިހާބު ބާއްވަން ގާނޫނުގައި ކަނޑައަޅާފައިވާ ތާރީހު ކަމުގައިވާ އޭޕްރީލް 4 އިން ފެށިގެން އިއާދަކޮށް އެ ދުވަހުން ފެށިގެން އެމީހުންނަށް ލިބޭ ހުރިހާ އިނާޔަތްތަކެއް ދޭން ޖެހޭގޮތަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ގައި ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި ބިލަކީ، ކޮވިޑް 19 އާގުޅިގެން ކައުންސިލް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށްބުނެ އެ އިންތިހާބު ބޭއްވުން އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފައިވާތީ، އެ އިންތިހާބު ވަކި މުއްދަތެއްގެ ތެރޭގައި ބާއްވަން ގާނޫނަކުން އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

ލޯކަލްކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާގޮތުން އިންތިހާބަށް ކުރިމަތިލުމަށްފަހު، އެއީ އިންތިހާބުގެ ކެންޑިޑޭޓުން ކަަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ހިނދުން ފެށިގެން އިންތިހާބުގައި ވާދަކުރާ ސިވިލްސާވަންޓުން ވަޒީފާއިން ސަސްޕެންޑް ވާނެއެވެ. އޭގެތެރެއިިން އިންތިހާބު ކާމިޔާބު ނުވާ ފަރާތްތަކުގެ ސަސްޕެންޝަން ރުޖޫއަވާނީ އިންތިހާބު ބާއްވައި ނިމުމަށްފަހުގައެވެ.

މިމަހު 4 ގައި ބާއްވަން އޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށް ވާދަކުރާނެ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނުން އިއުލާުކޮށްފައިވަނީ މާޗްމަހުގެ ހައެއްގައެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ސަސްޕެންޑް ކުރި ސިވިލްސާވަންޓުން އަދިވެސް ތިބީ އެގޮތުގައެވެ. 4 އޭޕްރީލްގައި އިންތިހާބު ނުބޭއްވޭތީ ސަސްޕެންޝަން އިއާދަ ނުުރެވިއެވެ.

އެހެންކަމުން އިންތިހާބު ބޭއްވުމަށާއި، ސިވިލްސާވަންޓުންގެ ސަސްޕެންޝަން އުވާލުމަށް ގާނޫނުން ކަނޑައެޅުމަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ އަންނަ އަހަރުގެ ޖެނުއައީ 6 ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. އަދި މި ބިލް މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން މި ގާނޫނަށް އަމަލު ކުރާ ދުވަހުން ފެށިގެން ސިވިލްސާވަންޓުގެ ސަސްޕެންޝަން އުވާލެވުނީ ކަމަށެވެ.

ނަމަވެސް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު މި ބިލް ނިންމި އިރު، އޭޕްރީލް 4 އިން ފެށިން ސިވިލްސާވިސްގެ ސަސްޕެންޝަން އުވާލެވުނީ ކަމަށާއި، މި ބިލަށް އަމަލު ކުރަންފަށާ ދުވަހުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބިލުގައި ހިމަނަން ވަނީ ފާސްކޮށްފައެވެ.