އުމަރު ނަސީރު

ރިޔާސީ ލޯންޗުކޮޅު ގޮއްވާލީ އަދީބު، އެ ހަގީގަތް އޮޅުވައެއް ނުލެވޭނެ: އުމަރު

މުހައްމަދު އައުޒަމް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލީ އޭރު ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު އަދީބު އަބްދުލް ޣަފޫރު ކަމަށާއި އެ ހަގީގަތް އޮޅުވައެއް ނުލެވޭނެ ކަމަށް ހާދިސާ ހިނގި އިރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ވަން އޮންލައިން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ 2015 ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އައިއީޑީއެއް ގޮއްވާލީ އަދީބު ކަމާ މެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

"އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ އަޑީގައި ހުރީ އަދީބު. ފުލުހުން ވަނީ ވަރަށް ފުރިހަމައަށް އެ މައްސަލަ ތަހުގީގުކޮށްފަ. އެ ތަހުގީގުން ވަނީ އެއީ އަދީބު ކުރި ކަމެއްކަން ހާމަވެފައި،" ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލަ ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަން ޗެއާ ކުރެއްވި އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވީ އަދީބާ ބައްދަލުކުރެއްވުމަށްފަހު ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓްވީޓާ ގުޅިގެން "ވަން އޮންލައިނުން" ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ.

ޝައިނީ އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން އަދީބު ދައްކަވާ ވާހަކަ ގަބޫލު ކުރެވޭ ކަމަށެވެ. ޝައިނީއަކީ ވެސް ލޯންޗުކޮޅު ގޮއްވާލިއިރު، އޭގެތެރޭގައި ހުންނެވި ބޭފުޅެކެވެ.

ލޯންޗުކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން އަދީބު ކުރިން ވިދާޅުވެފައި ވަނީ އެއީ އޭނާ ސަރުކާރުން ދުރުކުރުމަށް ރައީސް ޔާމީން ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް އޭރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ކަނޑައެޅިގެން ދޮގެއް އިނގޭތޯ އެއީ. އެ މައްސަލައިގެ ވަރަށް ފުރިހަމަ ތަހުގީގެއް ވަނީ ހިންގާފައި. އެފްބީއައި އާއި ސައުދީގެ އެހީތެރިކަން ވެސް އެ މައްސަލައިގެ ތަހުގީގުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ހޯދާފައި،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ލޯންޗުކޮޅުގައި ގޮއްވާލި އައިއީޑީ އަދީބުގެ އޯޑަރަށް ތައްޔާރު ކުރީ ކާކުކަމާއި އަދި ލޯންޗުކޮޅު ގޮއްވާލި ދުވަހުގެ ކުރީ ދުވަހުގެ ރޭ އަދީބު އޭގެން ދަތުރެއް ކުރެއްވި ކަމާއި އެ ދަތުރުމަތީގައި ފެނިގެންދިޔަ އާދަޔާ ޚިލާފު ކަންތައްތަތަކީ ކޮބައިކަން ޝަރީއަތުގެ މަޖިލީހުގައި ހެކީން ކިޔައިދީފައިވާ ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައި ވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އޭނާގެ ކުރީގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒު އާއި އަހްމަދު އާމިރަށް އެ މައްސަލާގައި އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ.