ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާ ގުޅޭގޮތުން އިދިކޮޅު ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކުރެއްވި ޓުވީޓަކާ ގުޅިގެން މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.
އިންތިހާބާ ގުޅޭ ޝަކުވާތަކެއް ހުށަހެޅުމަށް މިރޭގެ ވަގުތެއްގައި އާޒިމާ ހައި ކޯޓަށް ވަޑައިގެން އުޅުއްވާ ކަމަށް މީސްމީޑިއާގައި ވާހަކަތަކެއް ދެކެވިގެންދިޔައެވެ. ނަމަވެސް އެ ވާހަކަތައް ދެމެވެމުންދިޔަ ވަގުތު އާޒިމާ ވަނީ ފޭސްބުކް މެދުވެރިކޮށް، އޭނާ ހުންނެވީ ގޭގައި ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން އާޒިމާ ވަނީ އިތުރު ފޭސްބުކް ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އާޒިމާ ވިދާޅުވީ މެންބަރެއްގެ ޓުވީޓެއްގެ ސަބަބުން މަރުގެ އިންޒާރު ލިބެމުންދާ ކަމަށާއި އިންތިހާބު ބޭއްވި ދުވަހަށްފަހު 100 އެއްހާ އިންޒާރު ލިބިފައިވާ ކަމަށެވެ.
"އިދިކޮޅު މެންބަރެއް ކުރެއްވި ޓުވީޓެއްގެ ސަބަބުން އަޅުގަނޑަށް ދަނީ މަރުގެ އިންޒާރު ލިބެމުން. އަޅުގަނޑު ކޯޓަށް ނުދާ ކަމަށް ކުރިން ވެސް ވާނީ ވިދާޅުވެފަ. މީހުން ގުޅާފަ އެބަ ބަލައިގެން އުޅުމަށް އަންގާ. ބައެއް މީހުން ގުޅާފަ ކާރުގެ ރަޖިސްޓްރޭޝަން ނަންބަރު ދިނުމަށް ވެސް އެދޭ. އިންތިހާބު ބޭއްވި ދުވަހަށްފަހު 100 އެއްހާ އިންޒާރު ވަނީ ލިބިފަ. މިހުރިހާ ކަމެއް އިންސާފުވެރިތޯ؟ މިއީތޯ ޑިމޮކްރަސީއަކީ؟ އަދި އިންޓަނޭޝަނަލް ކޮމިއުނިޓީއަށް މިކަން ރަނގަޅުތޯ؟،" އޭނާ ވިދާޅުވިއެވެ.
އިދިކޮޅުގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ ސައްހަ ނޫން ނަތީޖާއެއް ކަމަށް ކަނޑައެޅުމަށް އާޒިމާ ހައި ކޯޓަށް ވަޑައިގެން އުޅުއްވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.