ރާއްޖެއަށް ބޭރު ފައިސާ ގެނެސް އެ ރައްކާކުރާނެ ތަނެއް ސިފައިން ގޭގައި ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ހަމީދުގެ މެހެމާންސަރާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ މިނިސްޓަރު ނާޒިމް ވިދާޅުވީ ސިފައިން ގޭގައި އެފަދަ ތަނެއް ގާއިމު ކުރުމަށް އެންގުމުން އެކަންތައް ނުވާނެ ކަމަށް ރައީސްއަށް ދެންނެވި ކަމަށެވެ.
އެކަމާ ގުޅިގެން ނާޒިމްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ރައީސް ފާހަގަކުރެއްވި ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން އެއްބާރުލުން ދެއްވާށޭ މި ހުންނެވީ. ނަމަވެސް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ނޫނީ އަޅުގަނޑަށް އެއްބާރުލުން ނުދެވޭނޭ،" ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަމަވެސް ރައީސް ޔާމީން އެންގެވި ހުރިހާ ކަމެއް، އެ އަންގަވާ ގޮތަށް ނުކުރެއްވޭނެކަމަށް ކުރީން ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެންނަމަވެސް ރައީސް ޔާމީން ވަނީ ފައިސާ ބަހައްޓާނެ ތަނެއް ގާއިމު ކުރުމަށް ބާރު އަޅުއްވާފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ސިފައިންގެ ތެރޭގައި ކުރިން ދައުލަތުގެ ފައިސާ ބެހެއްޓުމަށް ހަދާފައިވާ ތަނުގައި ކުޑަ ތަންކޮޅެއް ހެދި ކަމަށެވެ. އަދި އެކަމުގައި އެއްވެސް ގޮތަކަށް ބައިވެރި ނުވާނެ ކަމަށް އެންގި ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަންތައް ވާނީ މަނިޓަރީ އޮތޯރިޓީގެ އޭރުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ދަންނަވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.