މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ލޮކްޑައުންގައި ހުއްދަ އޮންނަ މީހުންނަށް ވިޔަފާރިކުރެވޭގޮތަށް ހުޅުވާފައި ހުންނަން ޖެހޭ ފިހާރަތަކުގެ ލިސްޓެއް އިއުލާނުކުރަނީ

ލޮކްޑައުންގައި ވިޔަފާރިކުރުމަށް ޓަކައި ހާއްސަ ހުއްދަ ލިބޭ މީހުންނަށް ވިޔަފާރިކުރެވޭގޮތަށް ހުޅުވާފައި ހުންނަން ޖެހޭ ފިހާރަތަކުގެ ލިސްޓެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި މާލޭގެ ހުރިހާ ފިހާރަތަކެއް ހުރީ ޒިޔާރަތްކޮށްގެން ވިޔަފާރިކުރަން ހުޅުވާލާފައި ނޫން ކަމަށާއި، ގިނަ ފިހާރަތަކަކީ ޑެލިވަރީ ޕާމިޓް ނަގާފައިވާ ތަންތަން ކަމަށެވެ.

ވިސާމް ވިދާޅުވީ، ހުރިހާ ފިރާތައް ހުޅުވާފައިވެސް ނުހުންނާނެ ކަމަށާއި ނަމަވެސް ހުޅުވާފައި ހުންނަ ފިހާރަތައް އެނގޭނެ ގޮތަށް ފިހާރަތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

"ހުރިހާ ސަރަހައްދެއްގައި ހުރި ހުރިހާ ފިހާރަތަކަކީ ކުރިއެކޭ އެއްގޮތަށް އާންމުކޮށް އަޅުގަނޑުމެން އާންމު ދިރިއުޅުމުގައި ފިހާރަތަކަށް ޒިޔާރަތްކުރާއިރުގައި ފިހާރަތައް ހުޅުވާފައި ހުންނަހެން ހުޅުވާފައެއް ނުހުންނާނެ. އެހެންނަމަވެސް އަޅުގަނޑުމެން ދަފްތަރެއް އެކުލަވާފައި ޝާއިއުކުރާނަން. އެ ދަފްތަރުން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އާންމުން ޒިޔާރަތްކޮށްގެން މުއާމަލާތް ކުރަން ފިހާރަ ހުޅުވާފަ މިހުންނަނީ ކޮންތަންތަނެއްކަން." ވިސާމް ވިދާޅުވިއެވެ.

ކޮންމެ ގެއަކުންވެސް ކޮންމެވެސް އެކަކަށް ތިން ދުވަހުން އެއް ދުވަހު ކަނޑައެޅިފައިވާ ސަރަހައްދުތަކުގައިވާ ފިހާރަތަކަށް ވަކި ގަޑިއެއްގައި ދިއުމުގެ ހުއްދަ މިހާރު ފުލުހުން ދެއެވެ. ފުލުހުންގެ ދީފައިވާ ހުއްދައާއެކު ފިހާރަތަކަށް ތަކެތި ގަތުމަށް ނުކުންނައިރު ހުއްދަ ދީފައިވާ ސަރަހައްދުގެ ބައެއް ފިހާރަތައް ބަންދުކޮށްފައި ހުންނަކަމުގެ ޝަކުވާވެސް ލިބެއެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުވާފައި ހުންނަ ގިނަ ފިހާރަތަކުން އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ލިބޭނެ ކަމަށާއި، ކޮންމެ ސަރަހައްދެއްގައިވެސް އެފަދަ ފިހާރަތައް ހުންނާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކާއި ފިހާރަތަކާއި ކަސްޓަމަރުން އަމަލުކުރަން ޖެހޭ ގޮތް އާންމުކޮށްފައެވެ.