ކުޅިވަރު

އާސެނަލްގެ ޕްރެކްޓިސް ދަނޑު ބޭނުން ކުރުމުގެ ހުއްދަ ކުޅުންތެރިންނަށް ދީފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ފަރިތަކުރުން މެދުކަނޑާލައިފައިވާ ދުވަސްތަކުގައި ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށްޓަކައި އާސެނަލްގެ ކުޅުންތެރިންނަށް ފަރިތަކުރުންތަކަށް ޓްރޭނިން ދަނޑު އަންނަ ހަފުތާއިން ފެށިގެން ބޭނުން ކުރުމުގެ ހުއްދަދީފިއެވެ.

އާސެނަލްއިން ބުނީ ކުޅުންތެރިންނަށް ފަރިތަކުރުންތަކަށް ފުރުސަތު ދޭން ނިންމާފައިވަނީ ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް އިނގެރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރާގޮތަށް ކަމަށާއި އެހެންކަމުން ކުޅުންތެރިން ޓްރޭނިން ދަނޑަށް ހާޒިރުވާއިރު އިޖުތިމާއީ ގައިދުރުކަން ގެންގުޅެން ޖެހޭނެ ކަމަށާއި، މިނޫންވެސް ބައެއް ފިޔަވަޅުތަކަށް ކުޅުންތެރިން އަމަލުކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން އާސެނަލްގެ ކުޅުންތެރިންނަށް ފަރިތަކުރުންތަކަށް ބޭނުން ކުރުމުގެ ހުއްދަދީފައިވަނީ ކޮލްނީ ޓްރޭނިން ގްރައުންޑެވެ. އެތަން އެއްކޮށް ބަންދުކޮށްފައި ހުންނައިރު ކުޅުންތެރިން ފަރިތަކުރުންތަކަށް ވައްދާނީ ވަރަށްމަދު އަދަދަކަށް ކަމަށް އާސެނަލްއިން ބުންޏެވެ. އެގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ކްލޮނީ ބިލްޑިންގަށް ކުޅުންތެރިން ދާންޖެހޭނީ އެކަނި ކަމަށާއި، ކޮންމެ ކުޅުންތެރިޔަކުވެސް އެކަނި ވޯކްއައުޓްތައް ހެދުމަށްފަހު އެނބުރި ގެއަށްދާ ގޮތަށް ނިންމާފައިވާ ކަމަށް އާސެނަލުން ބުނެއެވެ.

އާސެނަލަކީ ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ތެރެއިން މުސާރަކުޑަކުރަން ކުޅުންތެރިންނާ ކޯޗިން ސްޓާފުން ހިމެނޭހެން މުސާރަ ކުޑަކުރަން ނިންމި ފުރަތަމަ ކުލަބެވެ. އެޓީމުގެ ކުޅުންތެރިންވަނީ 12.5 އިންސައްތަ އުނިކުރުމަށް އެއްބަސްވެފައެވެ.

ކޮވިޑް 19 ހަލުވިކަމާއިއކު ފެތުރެމުންދާތީ އިނގެރޭސިވިލާތު ވެސް އޮތީ ލޮކްޑައުން ކޮށްފައެވެ. އަދި ފުޓުބޯޅައިގެ އިތުރުން ކުޅިވަރުގެ ހުރިހާ ހަރާކާތްތަކެއްވެސް ވަނީ މެދު ކަނޑާލާފައެވެ.