ފުލުހުންގެ ފޮރެންސިކް ލެބަށް ހަވާލުކުރި 173 ސާމްޕަލް ޓެސްޓުކޮށް ނިންމައިފި ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، ފުލުހުންގެ ފޮރެންސިކް ލެބުގައި ކޮވިޑްގެ ސާމްޕަލްތައް ޓެސްޓުކުރުމުގެ މަސައްކަތް ފަށައި، ރޭ ކުރެއްދޫ ސާމްޕަލްތައް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ކަމަށެވެ.
އެގޮތުން އެޗްޕީއޭ އިން ފުލުހުންނާ ހަވާލުކުރި 173 ސާމްޕަލްއެއްގެ ޓެސްޓުތައް ހަދާ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް 19 އަށް ނަގާ ސާމްޕަލްތައް ޓެސްޓުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ފުލުހުންގެ އިންޓެލިޖެންސްގެ މަސައްކަތްކުރުމަށް ބޭނުންކުރާ ޕީސީއާރު މެޝިނެއް ބޭނުންކުރަން ފަށަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މީގެ ކުރިން ވިދާޅުވެފައިވަނީ އެ މެޝިނުން ފުރަތަމަކޮޅު ދުވާލަކު 50 އިތުރު ޓެސްޓު ހެދޭނެ ކަމަށާއި މެޝިނުގެ މަސައްކަތްތައް ރަނގަޅަށް ހިނގައިގަތީމަ އެއަށްވުރެ އިތުރުކުރެވޭނެ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، ފުލުހުންގެ ފޮރެންސިކް ލެބުގައި ކޮވިޑްގެ ޓެސްޓުތައް ހެދުމަށް އިތުރު 15 ޓެކްނީޝަނުން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހުރިހާ މުވައްޒަފުން މަސައްކަތަށް ނުކުމެ 24 ގަޑިއިރު މަސައްކަތް ކުރަން ފެށުމުން ދުވާލެއްގެ މައްޗަށް 190 ޓެސްޓު ހެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.