ފުލުހުންގެ ފޮރެންސިކު ލެބުގައި ކުރިޔަށް އޮތް ތަނުގައި ދުވާލަކު 190 ޓެސްޓު ހެދޭނެ ކަމަށް އެސިސްޓެންޓް ކޮނިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އަށް ނަގާ ސާމްޕަލްތައް ޓެސްޓުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ފުލުހުންގެ އިންޓެލިޖެންސްގެ މަސައްކަތްކުރުމަށް ބޭނުންކުރާ ޕީސީއާރު މެޝިނެއް ބޭނުންކުރަން ފަށަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މީގެ ކުރިން ވިދާޅުވެފައިވަނީ އެ މެޝިނުން ފުރަތަމަކޮޅު ދުވާލަކު 50 އިތުރު ޓެސްޓު ހެދޭނެ ކަމަށާއި މެޝިނުގެ މަސައްކަތްތައް ރަނގަޅަށް ހިނގައިގަތީމަ އެއަށްވުރެ އިތުރުކުރެވޭނެ ކަމަށެވެ.
އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ނަވީން ވިދާޅުވީ، ފުލުހުންގެ ފޮރެންސިކް ލެބުގައި ކޮވިޑްގެ ޓެސްޓުތައް ހެދުމަށް އިތުރު 15 ޓެކްނީޝަނުން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހުރިހާ މުވައްޒަފުން މަސައްކަތަށް ނުކުމެ 24 ގަޑިއިރު މަސައްކަތް ކުރަން ފެށުމުން ދުވާލެއްގެ މައްޗަށް 190 ޓެސްޓު ހެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީން އިތުރަށް ވިދާޅުވީ، ކުރެއްދޫ ސާމްޕަލްތައް ޓެސްޓުކުރުމުގެ މަސައްކަތް ފުލުހުންގެ ފޮރެންސިކް ލެބުގައި ރޭ ކުރިއަށްދިޔަ ކަމަށާއި އެގޮތުން ފުލުހުންނާ ޓެސްޓުތައް ހެދުމަށް ހަވާލުކުރި 173 ސާމްޕަލްއެއް މިހާރު ޓެސްޓުކޮށް ނިމިފައިވާ ކަމަށެވެ.