މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ރަށްރަށުން އަންނަ އޮޑިފަހަރުގެ މީހުންނަށް އެއްގަމަށްއެރޭނީ އޭޓީއެމަށް އެކަނި، އެގޮތަށްވެސް ދެވޭނީ ފުލުހަކާ އެކު: ވިސާމް

1

ރަށްރަށުން މިދުވަސްވަރު މާލެއަށް އަންނަ އޮޑިދޯނިފަހަރުގެ މީހުންނަށް އެއްގަމަށް ދެވޭނީ އޭޓީއެމަށް އެކަނި ކަމަށާއި އެގޮތަށްވެސް ދެވޭނީ ފުލުހަކާ އެކު ކަމަށް އިކޮނޮމިކް މިނިސްޓްރީމް ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އަތޮޅުތެރެއިން މާލެއަށް އަންނަ އޮޑިދޯނިފަހަރުގެ މީހުންނަށް އެއްގަމަށް ދެވޭނީ ހަމައެކަނި އޭޓީއެމަށް ދިއުމަށް ކަމަށާއި، އެނޫން ގޮތަކަށް އެފަރާތްތަކަށް ބޯޓުން ނުފޭބޭނެ ކަމަށެވެ. އަދި އެގޮތަށް އޭޓީއެމަށް ދާއިރުގައިވެސް ދާން ޖެހޭނީ ފުލުހަކާއެކުގައި ކަމަށް ވިދާޅުވިއެވެ.

"އަތޮޅުތެރެއިން އަންނަ ބޯޓުތަކުން އެއްވެސް ކުރޫއަކަށް މާލެއަކަށް ނުފޭބޭނެ. ހަމައެކަނި ފޭބޭނީ ހާލަތަކީ ބަނދަރުން އޭޓީއެމަށް ދާން ޖެހިއްޖެ ކަމަށް ވަންޏާ ޕޮލިހުގެ ބޭފުޅަކާ އެއްކޮށް އެބޭފުޅުންނަށް ވަޑައިގަނެވޭނެ އިންތިޒާމު އަޅުގަނޑުމެން އެބަ ހަމަޖައްސަދެން." ވިސާމް ވިދާޅުވިއެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ 14 ދުވަހަށް ލޮކްޑައުންކޮށްފައިވާއިރު ހާއްސަ ހުއްދަތަކާއެކުގައި ނޫން ގޮތަކަށް އުޅަނދުތައް ފުރުން ވަނީ މަނާކޮށްފައެވެ.

ވިސާމް ވިދާޅުވީ، އަތޮޅުތެރެއިން އަންނަ އޮޑިދޯނިފަހަރުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް، ނޯތު ހާބަރުގައި ގާއިމްކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީގެ އައިސީޕީއާ ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ބޯޓު ފުރި ތާރީހާއި މާލެ އަންނަ ތާރީހުގެ އިތުރުން ބޯޓުން ގެންނަ މުދަލުގެ ތަފްސީލު ހިއްސާކުރަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

ނޯތު ހާބަރުގައި އިކޮނޮމިކް މިނިސްޓްރީއާ އެމްޕީއެލްއާ ފުލުހުންގެ އިތުރުން އެލްޖީއޭ ގުޅިގެން ގާއިމްކޮށްފައިވާ އައިސީޕީއަކީ ރަށްރަށުން އަންނަ އޮޑިދޯނިފަރަށް މުދާ އެރުވުމުގައްޔާއި، އެ ބޯޓުތަކުން މުދާ ބޭލުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ގާއިމްކޮށްފައިވާ އައިސީޕީއެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟