ޕޮލިސް

ލޮކްޑައުންގެ މުއްދަތުގައި ދުއްވުމުގެ ހާއްސަ ހުއްދަ ދިން 17 ވެހިކަލެއްގެ ހުއްދަ ބާތިލުކޮށްފި

ލޮކްޑައުންގެ މުއްދަތުގައި ދުއްވުމުގެ ހާއްސަ ހުއްދަ ދިން 17 ވެހިކަލެއްގެ ހުއްދަ ބާތިލުކޮށްފި އެވެ.

އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެހުއްދަތައް ބާތިލުކޮށްފައިވަނީ ގަވައިދާ ހިލާފު ވުމުން ކަމަށެވެ.

އެގޮތުން ވެހިކަލް ދުއްވުމުގެ ހުއްދަ ބާތިލުކޮށްފައިވަނީ ހުއްދަ ދެވިފައިވާ ކެޓަގަރީތަކާ ހިލާފަށް ވެހިލަކް ދުއްވައިގެންނާއި ލައިސަންސް ނެތް މީހަކު ވެހިކަލް އޮޕަރޭޓު ކޮށްގެން ކަމަށް ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ލޮކްޑައުން ހާލަތުގައި ވެހިކަލް ދުއްވުމުގެ ހުއްދަދޭ ވެހިކަލްތައް ބޭނުން ކުރަންވާނީ ހުއްދަދެވިފައިވާ ކަންކަމަށް ކަމަށެވެ. އަދި އެއީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ނަވީން ވިދާޅުވިއެވެ.

މާލެ ސަރަހައްދު ފުލް ލޮކްޑައުންއަކަށް ދިއުމާއެކު މަގުމައްޗަށް ނިކުމެ އުޅުމަށް ފުލުހުން ވަނީ ހާއްސަ ހުއްދަ ތަކެއް ދޫކުރަން ފަށާފައެވެ. އެގޮތުން ވެހިކަލް ޕާމިޓްގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ވެސް ފުލުހުން އަންނަނީ ވަކި ހާއްސަ ހުއްދަތަކެއް ދޫކުރަމުންނެވެ.