ދާއިމީ ނަތީޖާ އިއުލާން ކުރުމަށް އޮންނަ މުއްދަތަށްވުރެ ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުގައި ޕީޕީއެމްއިން އެދިފައި ނުވާނެ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަކަށްފަހު ނިހާން ވިދާޅުވީ ދާއިމީ ނަތީޖާ އިއުލާން ކުރާ މުއްދަތުގެ ތެރޭގައި ނަތީޖާ އިއުލާން އަވަސްކުރުމަށް ނުވަތަ ލަސްކުރުމަށް އެދުމުގައި މައްސަލައެއް ނެތް ކަމަށެވެ.
ނިހާން އެވާހަކަތައް ދައްކަވާފައިވަނީ މިއަދު ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކުރުމަށް ޕީޕީއެމުން ހުށަހެޅި ކަމަށް ދެކެވުނު ވާހަކަތާ ގުޅިގެންނެވެ. އެ ވާހަކަތަކާ ގުޅިގެން ވަރަށް ބޮޑަށް ކަންތައްތައް އޮޅިގެންދިޔަ ކަމަށް ނިހާން ވިދާޅުވިއެވެ.
"ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ނަތީޖާ ލަސްކުރުމަށް އެދުނު ކަމަށް ދެކެވުނު. އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށް އޮންނަނީ މުއްދަތެއް. އިންތިހާބުތަކާ ބެހޭ ގާނޫނުގައި އޮންނަނީ އެ މުއްދަތުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރަންވާނެއޭ. އެހެންވީމާ ފަސްކުރަން ނުވަތަ އަވަސްކުރަން އެދުމަކީ އޮވެދާނެ ކަމެއް. އޭގެ މާނައަކީ ބަލަންވީ ބެލުންތައް ބެލުމަށްފަހުގައި އެ މުއްދަތުގެ ތެރޭގައި އެކަން ކުރުމުގެ ވާހަކަ، ނޫން ވާހަކައެއް ޕީޕީއެމްއަކުން ދައްކާފައެއް ނުވޭ. އަދި އެ ސިޓީގައި އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުމަކު ވެސް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ޝަކުވާތައް ހުށަހަޅައިދިނުމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ މެންބަރުން ކައިރީ އެދިފައިވަނީ ދެކެވެމުންދާ ބައެއް ވާހަކަތަކާ ގުޅިގެން އެފަދަ ކަންތައްތައް އެ މެންބަރުންގެ ދާއިރާތަކުގައި ހިންގާފައިވޭތޯ ބަލުމަށް ކަމަށެވެ.
"އެއީކީ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާ ވަކިގޮތަކަށް ބަދަލުކުރުމަށް ނުވަތަ ވަކި ބައްޓަމަކަށް ގެނައުމަށްޓަކައި ޕާޓީގެ ފަރާތުން އެއްވެސް ފަރާތަކުން ދެއްކި ވާހަކައެއް ނޫން. އަޅުގަނޑަކީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް ހުންނަ މީހާ. އެހެންވީމާ އަޅުގަނޑު އެ ބޭފުޅުންނާ ހިއްސާކޮށްލެއްވީ ބޭރުތެރެއިން އިވެމުންދިޔަ ބައެއް މައުލޫމާތުތައް. އަދި އޭގެ އިތުރުން އަޅުގަނޑުމެންގެ ބައެއް ހިސާބުތަކުގައި ކެމްޕޭންތަކުގެ ޖަގަހަތަކުގައި ވެސް މިކަހަލަ ވާހަކަތައް އިވެމުންދާތީވެ، މިކަހަލަ ވާހަކަތައް އެބައިވެއޭ، އެ ވާހަކަތައް އަޅުގަނޑާ ހިއްސާކުރުމަށް އެދިފައިވާނީ،" ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ އެކަމަކީ އިންތިހާބުގެ ވަގުތީ ނަތީޖާ ނުވަތަ ދާއިމީ ނަތީޖާއަށް އެއްވެސް ބަދަލެއް ގެނައުމަށްޓަކައި ދައްކާފައިވާ ވާހަކައެއް ނޫން ކަމަށެވެ.