ޕޮލިސް

ޑެލިވަރީކޮށްދޭނެ ކަމަށް ބުނެ ފައިސާނަގައި މަކަރު ހެދުމުގެ މައްސަލަތައް ގިނަ ވަނީ

ކޮވިޑުގެ މިހާލަތުގައި މުދާ ޑެލިވަރީކޮށްދޭނެ ކަމަށް ބުނެ ފައިސާނަގައި މަކަރު ހެދުމުގެ މައްސަލަތައް ގިނަ ވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެ ފައިސާ އަތުލުމަށްފަހު އެތަކެތި ޑެލިވަރީ ނުކުރުމުގެ މައްސަލަތައް ގިނަ ކަމަށެވެ.

މީގެ އިތުރުން ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު ފޯނު ނުނެގުމުގެ މައްސަލަތަކާއި ފައިސާ ޖަމާ ކުރާފަހުން ފޯނު ނިއްވާލާފައި އޮންނަ މައްސަލަތައްވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ލޮކްޑައުން ފެށުނު ފަހުން މިފަދަ މައްސަލަތައް އިތުރު ވެފައި ވުމުން މިފަދަ ކަންކަމުގައި ސަމާލުވުމަށް ނަވީން އެދިވަޑައިގެންނެވިއެވެ.

އެގޮތުން އޮންލައިންކޮށް ތަކެއްޗަށް އޯޑަރު ދޭއިރު އެއީ ސައްހަ ބައެއްތޯ ބެލުމަށް ނަވީން އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން ގޮތް ނޭނގޭ އެކައުންޓުތަކަށް ފައިސާ ޖަމާ ނުކުރުމަށާއި ވިޔަފާރި ކުރާއިރު އެބައެއްގެ ސައްހަކަން ބެލުމަށްފަހު ނޫނީ އެކައުންޓުތަކަށް ފައިސާ ޖަމާ ނުކުރުމަށް ވެސް ނަވީން އެދިވަޑައިގެންނެވި އެވެ.