ކޮވިޑް 19 އާ ގުޅިގެން ޗެލްސީގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމާފައި ނުވާ ކަމަށާއި، ނަމަވެސް އެހެނިހެން ގޮތްގޮތުން ކްލަބަށް ހިލޭ އެހީ ހޯމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޓީމުން ބުނެފިއެވެ.
އެޓީމުން މިހެން ބުނެފައިވާ އިރު މީގެ ކުރިން މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވަނީ އެޓީމުގެ ސީނިއާ ފިރިހެން ޓީމުގެ ކުޅުންތެރިންގެ މުސާރައިގެ %10 އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެޓީމުގެ ރަސްމީ ވެބްސައިޓުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެޓީމުގެ މެނޭޖުމަންޓުން ވަނީ ކުޅުންތެރިންގެ އެހީ މިވަގުތު ޓީމަށް ވެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ. އަދި ކުޅުންތެރިންގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ އެޓީމުގެ ކެޕްޓަން ސިޒާ އާޕްލެކުއޭޓާ އެވެ.
މިދަނޑިވަޅުގައި މުޖުތަމައަށް ބޭނުންވާ ކަންކަމުގައި ގައުމީ ސިއްހީ އިދާރާތަކަށް ކްލަބުގެ ފަރާތުން ކޮށްދޭ ކަންކަމުގައި ކުޅުންތެރިންގެ އެއްބާރުލުން ލިބެމުންދާކަން އެޓީމުން ވަނީ ފާހަގަކޮށްފައެވެ.
ޓީމުގެ ކުޅުންތެރިންގެ މުސާރައިގެ %10 އުނިކުރުމަށް ނިންމާފައިވާ ކަން މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް އެފަދަކަމެއް އެލެވެލްއަށް ނިންމާފައި ނުވާ ކަމަށް އެޓީމުން ވަނީ ބުނެފައެވެ. މިދަނޑިވަޅުގައި ކްލަބުގެ ދާއިމީ މުވައްޒަފުން ވަޒީފާއަށް ނިކުންނަން ނުޖެހުނު ކަމުގައި ވީނަމަވެސް އެމީހުންގެ ފުލް މުސާރަ ދޭން ނިންމާފައިވާ ކަމަށްވެސް އެކުލަބުން ވަނީ ބުނެއެވެ.
މީގެ އިތުރުން އެޓީމުން ބުނެފައިވަނީ، ޓީމުގެ އަންހެން ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން އަންހެން ކުދިންގެ އެކަޑަމީތަކަށް ކުރިންވެސް ކުރަމުން އައި ގޮތަށް މިހާރުވެސް ބަރާބަރަށް ހަރަދު ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ކްލަބަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ޕްރިމިއާ ލީގުން މުސާރަތައް ކުޑަކުރަން ނިންމި ފުރަތަމަ ޓީމަކީ އާސެނަލް އެވެ.
ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ހެދި ދުނިޔޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކުޅިވަރު ލީގުތައް ވަނީ މެދުކަނޑާލައިފައެވެ.