ރައްޔިތުންގެ މަޖިލިސް

ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އުވާލައި ކައުންސިލް އިންތިހާބު ފަސްކުރަން ހުށަހެޅި ބިލް ބަަލައިގެންފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ 6 ގެ ކުރިން ބާއްވަން، ކަނޑައަޅައި ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވެންޓުންގެ ސަސްޕެންޝަން ވެސް އުވައިލަން މި ބިލުގައި ވަނީ ހުށަހަޅައިފަ އެވެ.

މި ބިލް މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްްބެވި 72 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލް ބަަލއިގަތުމުން އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ކޮވިޑް 19ގެ ސަބަބުން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، ގާނޫނުގައި ބުނެފައިވާ، މުއްދަތުކަމުގައިވާ 4 އޭޕްރީލްގައި އިންތިހާބު ނުބޭއްވިގެން އޭޕްރީލް 18 އަށް އިންތިހާބު ފަސްކޮށް އެ ތާރީހުގައި ވެސް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުންވަނީ އިންތިހާބު ބޭއްވެން ނެތްކަމަށް އިއުލާންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި ބިލުގައި ބުނެފައިވަނީ، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ 6 ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށއެވެ.

އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށްގެންދިއުމަކީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށްވެސް ބިލުުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން، އިންތިހާބު ފަސްކުރިޔަސް އެ އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ނަމަވެސް ވަކި ދާއިރާއަކަށް އިންތިހާބުކުރަން ޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައި ނުވާތީ އޮޓަމެޓިކުން އިންތިހާބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ މި ބިލުން ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެންބަރުންނާއެކުގައި ކަމަށް ވެސް ބިލުގައިވެއެވެ.

އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބިލަށް އަމަލުކުރަން ފެށުމާއެކު ބާތިލުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެފަރާތްތަކުގެ ސަސްޕެންޝަން ބާތިލުވުމާއެކު އެމީހުން ކުރިން ތިބި މަގާމުތަކަށް އަނބުރާ ރުޖޫއާވާނެ ކަމަށާއި ނަމަވެސް އެމީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑް ކުރެވެންދެން، ކެމްޕޭންގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.