މަޖިލީހުގެ ރައީސް

ކަރަންޓީން ފެސިލިޓީތަކަށް 595 މިލިޔަން ހަރަދުވެއްޖެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

2

ކޮވިޑް 19 އާ ގުޅިގެން މީހުން ކަރަންޓީންކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށް މިހާތަނަށް 595 މިލިޔަން ރުފިޔާ ހަރަދު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ ކަރަންޓީިން ފެސިލިޓީތަކުގައި ތިބި މީހުންނަށް ރޯދަ ވީއްލުން ހުންނަނީ ވަރަށް ދެރަވަރުކޮށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތަކާ ގުޅިގެން، ރައްްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކަށް މިހާތަނަށް 595 މިލިޔަން ރުފިޔާ ހަރަދު ވެފައިވާއިރު، އެތަންތަނުގައި ރޯދަ ވީއްލުމުގެ ކަންކަން ރަނގަޅަށް ގެންދިއުމަށް ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި ހުރިހާ ވަޒިރުން އެކަމުުގައި ވަރަށް އަވަދިނެތި އުޅުއްވަމުން ގެންދަވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކާ ހަވާލުވެ ހުންނެވި ވަޒީރުވެސް ރޯދަ ވީއްލަވަނީ ހަމަކެނި ކަރަންޓިން ފެސިލިޓީގައި ހުންނަ ތަކެތިން ކަމަށެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓީން ފެސިލިޓީތައް މިހާރު ގާއިމުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކެވެ.

އެހެންކަމުން އެތަންތަނާ ހަވާލުވެ ހުންނަވަނީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މަޖިލިސް ރައީސް ވަނީ މިއަދުގެ ޖަލްސާގައި ކަރަންޓީން ފެސިލިޓީތަކުގައި ރޯދަ ވީއްލުމަށް ހުންނަ ބައެއް ތަކެތި ވިދާޅުވެދެއްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟