ވިޔަފާރި

ކޮވިޑް 19ގެ ޕޭޝަންޓުން ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްދިނުމުގައި އެމްޓީސީސީން އެހީތެރިވެދެނީ

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ޕޭޝަންޓުން ރައްކާތެރިކަމާއެކު ކަރަންޓީން ފެސިލިޓީތަކަށާއި އައިސޮލޭޝަނަށް ގެންގޮސްދިނުމަށް އެމްޓީސީސީން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އެކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އެއްގަމު އުޅަނދުތަކާއި ކަނޑުގެ އުޅަނދުތައް މިކަމަށް ބޭނުންކޮށްގެން ޕޭޝަންޓުން ގެންގޮސްދިނުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެމްއެންޑީއެފަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި މަސައްކަތް ކުރާނީ އެމްއެންޑީއެފާއި އެމްޓީސީސީ ގުޅިގެން ކަމަށެވެ. އަދި ޕޭޝަންޓުން ޓްރާންސްފާ ކުރުމަށް ބޭނުން ކުރާ އުޅަނދުތައް އޮޕަރޭޓް ކުރާނީ އެމްޓީސީސީގެ މުވައްޒަފުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މި އުޅަނދުތައް އޮޕަރޭޓް ކުރާ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅުން ހުރި ކަންކަން ބަލާނީ އެމްއެންޑީއެފުން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މި ހާލަތުގައި އެމްޓީސީސީގެ ވެހިކަލް އޮޕަރޭޓް ކުރާ ކުންފުނީގެ މުވައްޒަފުން ތަމްރީނުތައް ދެވިފައިވާނެ ކަމަށާއި އެ މުވައްޒަފުންގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ޕޭޝަންޓެއް ޓްރާންސްފާ ކުރާ އިރު ރައްކާތެރިކަމުގެ ގޮތުން ހެދުން އަޅާނެ ގޮތާއި، އެފަދަ ކަންކަން އެމްއެންޑީއެފުން ކިޔައިދީ އެކަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައިވެސް އެ ކުންފުނިން މަސައްކަތް ކުރަނީ އެންމެ ރަނގަޅަށް ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މި ދަނޑިވަޅުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަސައްކަތް ކުރާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.