ރީކޯ މޫސާ މަނިކް

މަޖިލީހުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮވެ އެމީހުންގެ ރައީސުލްޖުމްހޫރިއްޔާ އެދެނީ ހަވަރަށް: މޫސަ

އިބްރާހިމް ޒަކީ

2

މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮވެ އެމީހުންގެ ރައީސުލް ޖުމްހޫރިއްޔާ އެމީހުން ހަވަރަށްދެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވާފައިވާ، މޫސާމަނިކު މިހެން ވިދާޅުވީ، ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައް ކޮށް، އިގްތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ، މަރުކަޒީ ބޭންކުގެ ޕަބްލިކް އެކައުންޓުން ލޯނުގެ ގޮތުގައި ނެގުމަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ބައިތަކަށް އަަމަލު ކުރުން ފަސްކުރުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް ކުރިއަށްދާގޮތަށް އިޝާރާތް ކުރައްވައެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ މި މައްސަލައަށް މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމުގައި ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މެންބަރުން ބަހުސް ހުރިގޮތުން އެކަން މަޖިލީހުން އަވަހަށް ފާސްް ކޮށްދިނުމުގެ ވިސްނުމެއްވެސް ނުފެނެއެވެ.

ބައެއް މެންބަރުން ވިދާޅުވީ، އެކަން އެގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ އެއީ ސަރުކާރަށް ބްލޭންކް ޗެކެއް ދިނުން ކަމަށެވެ. އަދި އެކަމަށް ހުއްދަދީގެން މުޅި އޮޑި އެއްކޮށް ސަރުކާރަށް ދެވެނީ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. މީގެ އިތުރުން އެ ފައިސާއިން ކުރާނެ ކަންތައް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށާއި މަޖިލީހުން ބަލައި އެފައިސާ ހަރަދުކުރާނެ ގޮތުގެ އިންތިޒާމެއް މަޖިލީހުން ހަމަޖައްސަން ޖެހޭ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުވެސް ހުރީ، ފަސޭހައިން އެކަން ސަރުކާރަށް ކޮށްދެއްވާ ގޮތަކަށް ނޫނެވެ.

އެމަނިކުފާނު ދައްކަަވަނީ އާ ބަޖެޓެއް ހުށަހަޅަންޖެހޭނެ ވާހަކަ އާއި، އެ މައްސަލަ ކޮމިޓީއަކަށް ފޮނުވައި އިތުރަށް ދިރާސާ ކުރަންޖެހޭ ކަމަށެވެ. އަދި އެފައިސާ އެއްފަހަރާ ދޫކުރުުމުގެ ވިސްނުންފުޅެއް ނެތްކަންވެސް މަޖިލިސް ރައީސްގެ ވާހަކަފުޅުން ދޭހަވެއެެވެ.

މި ކަންތައްތަކާ ގުޅިގެން މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރު (ރައީސް ނަޝީދުގެ) އައި އިރު މަޖިލީހުގެ މެޖޯރިޓީ ނެތިވެސް ސަރުކާރުން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓާއި އެހެންކަންކަން އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް ޑީއާރްޕީ މެންބަރުންނަށް ސަލާން ޖަހައިގެން ވޯޓު ހޯދައި" ފާސްކޮށްދިނީ އަޅުގަނޑާ ރައީސް އިބޫ ކަން އެނގޭނެ،" ކަމަށެވެ.

ނަމަވެސް "މިއަދު ސުޕަމެޖޯރިޓީ އޮވެ އެމީހުންގެ ރައީސް އެމީހުން ހަވަރަށްދެނީ،" ކަމަށް މޫސަ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟