ހުތުބާ

އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ މާނައަކީ އިންތައް ފަހަނައަޅައި ދިއުމެއް ނޫން: ހުތުބާ

އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ މާނައަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިއުން ނޫން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިސްލާމްދީނަކީ ލުއިފަސޭހަ ދީނޭ ބުނެ، ނަމާދު އޭގެ ވަގުތުގައި އަދާކުރުމުން އެއްކިބާވުން ނޫން ކަމަށާއި އިސްލާމްދީނަކީ ލުއިފަސޭހަ ދީން ކަމަށް ބުނެ، އިސްލާމްދީނުގައި ހެދުނު އެޅުމަށް ކަނޑައަޅުއްވާފައިވާ ގޮތާ ހިލާފަށް ހެދުން އެޅުމެއް ވެސް ނޫން ކަމަށެވެ.

"އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ މާނައަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިއުމެއް ނޫނެވެ. އިސްލާމްދީނަކީ ލުއިފަސޭހަ ދީން ކަމަށް ބުނެ، އިސްލާމްދީނުގައި ހެދުނު އެޅުމަށް ކަނޑައަޅުއްވާފައިވާ ގޮތާ ހިލާފަށް ހެދުން އެޅުމެއް ވެސް ނޫނެވެ. އެހެންކަމަކު، އެއީ އިސްލާމްދީނަށް އުޅުމަށް ދެއްވާފައިވާ ފުރިހަމަ ލުއިފަސޭހަ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމްދީނަށް އުޅުމަކީ ބުރައަކަށް ވެގެން ނުދާނެ ކަންތައްތަކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ހުރިހާ ހާލެއްގައި ވެސް އަދުލުވެރިކަމުގެ މީޒާނަށް ރުޖޫއަވެގެން މެނުވީ މި ދުނިޔެ އިސްލާހު ނުވާނެ ކަމަށާއި މީހަކަށް އަނިޔާވެރިވެގެން ނުވާނެ ކަމަށެވެ. އަދި މީހެއްގެ ހައްގެއް ނިގުޅައިގަނެގެން ވެސް ނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އިސްލާމްދީނުގެ ލުއިފަސޭހަކަމުގެ ސަބަބުން ކަންކަމުގައި ގަދައަޅާ މަސައްކަތްކުރުން މަނައެއް ނުކުރެއެވެ. ނަޒާހަތްތެރިކަން ދެމެހެއްޓުމާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ކަންކަމުގައްޔާއި މަސްތުވާތަކެތީގެ ނުރައްކާތެރިކަން ހުއްޓުވުން ފަދަ ކަންކަމުގައިވެސްމެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގައި ކުށްވެރިޔާއަށް އޭނާ ކުރި ކުށާ އެކަށީގެންވާ އުގޫބާތެއް ނޫނީ ދެވިގެން ނުވާ ކަމަށާއި މީހާ ކުރާ ކުށެއްގެ ސަބަބުން އޭނާގެ މައިންބަފައިންނާއި އަނބިދަރިންނަށް އުގޫބާތް ދިނުމެއް އިސްލާމްދީނުގައި ނުވާ ކަމަށެވެ.