އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 55

3

(23 އޭޕްރީލްގެ އަދަދާ ގުޅޭ)

"އެއީ އަޅުގަނޑުމެންގެ ސަރަޙައްދުގެ ޢަރަބި ދަނޑުވެރިޔެއްގެ ކުއްޖެކެވެ. އެކަމަކު އަޅުގަނޑުމެން އޭނާއާމެދު ބަލަނީ އަޅުގަނޑުމެންގެ ކޮއްކޮއެއް ކަމުގައެވެ."

ސަރޫޝް ވިދާޅުވިއެވެ. "މިދުވަސްވަރު އެއްވެސް ޢަރައްބަކު އީރާނީއެއްގެ ރަޙުމަތްތެރިޔަކަށް ވެދާނެކަމެއް އަޅުގަނޑަކަށް ޔަޤީނެއް ނޫނެވެ."

"އޭނާ ފެނިވަޑައިގަތުމުން އެއީ ޢަރައްބެކޭ މަނިކުފާނު ވިދާޅެއް ނުވާނޫއެވެ. އަޅުގަނޑު ވަނީ އޭނާ މަދާއިނުގެ ޢަސްކަރީ މަދަރުސާއަށް ވައްދައިފައެވެ. މިހާރު މަދާއިނުގެ އެއްވެސް ކުއްޖަކަށް ކަނޑިހެވިކަމުގައިވެސް ދުނިހެވިކަމުގައިވެސް ލޮންސިހެވިކަމުގައިވެސް އޭނާއަކާ ވާދައެއް ނުކުރެވެއެވެ. އޭނާ ވާހަކަދައްކާ އަޑު އިވިވަޑައިގެންނެވުމުން މަނިކުފާނަށް ހީފުޅުވާނީ އީރާނީ ރައީސެއްގެ ބޭފުޅަކުހެންނެވެ."

ސަރޫޝް ވިދާޅުވިއެވެ. "އަޅުގަނޑުވެސް ރޫމީންނާ ދެކޮޅަށް ވަރަށްގިނަ ހަނގުރާމަތަކެއްގައި ބައިވެރިވީމެވެ. ޝާމްކަރައިގެ ހަނގުރާމަތަކުގައި ވަރަށްގިނަ ޢަރަބި ޤަބީލާތައް އަޅުގަނޑުމެންނާ ބައިވެރިވިއެވެ. އަޅުގަނޑަށް އެންމެފުރަތަމަ ޢަރަބީންނާ ބައްދަލުވެވުނީ އެހަނގުރާމަތަކުގެ ތެރެއިންނެވެ. އެންމެފުރަތަމަކޮޅުގައި އެބައިމީހުންނަކަށް ބޮޑެތި ހަނގުރާމަތަކުގެ ގޮތާއި ބާވަތެއް ނޭނގެއެވެ. ނަމަވެސް ދެތިން މައުރިކާއެއްގައި ބައިވެރިވެލެވުމުން އެމީހުންވަނީ ކިސްރާގެ ލަޝްކަރުގެ އެންމެރަނގަޅު ސިފައިން ކަމުގައެވެ. އަޅުގަނޑަށް އިޙްސާސްކުރެވެނީ އެބައިމީހުންނަށް ފަހި މަސްރަޙެއް ލިބި މަތިވެރި މަޤްޞަދަކަށްޓަކައި އެބައިމީހުން އެއްބައިކޮށް ނިޒާމުތަކަށް ހާނައިލެވިއްޖެނަމަ އެއްވެސްކަމެއްގައި އެމީހުން އީރާނީންނާއި ރޫމީންނަށްވުރެ ފަހަތަކު ނުތިބޭނެހެންނެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑުމެން ޢަރަބީންނަކީ އެއްޤައުމެއް ކަމުގައިވެސް އެއްދައުލަތެއް ކަމުގައިވެސް ޤަބޫލުނުކުރާ ދުވަސްވަރުގެ ވާހަކައެވެ. އޭރު އެބައިމީހުންގެ މެދުގައިއޮތީ ޤަބީލީ ދެކޮޅުވެރިކަމެވެ. ޢާއިލީ ވާދަވެރިކަމުގެ ފާރުތައް ރޭނިފައެވެ. ނަމަވެސް މިހާރު އެބައިމީހުންވަނީ އައުދީނެއްގެ ސަބަބުން މިސާލެއްނުވާފަދަ ބާރަކަށްވެގެން ތެދުވެފައެވެ. ޢިރާޤުގެ މައުރިކާތަކުގައި އެބައިމީހުންގެ ރޭވުންތެރިކަމާއި ނިޒާމަށް ތަބާވުން ފެނިފައި އަޅުގަނޑު ހީކުރީ އެމީހުން އަޅުގަނޑުމެންނާ ޙަމަލަދިނުމުގެ ކުރީން ކޮންމެވެސް ސިއްރު ޢަސްކަރީ މަރުކަޒެއްގައި ތަމްރީނު ހޯދައިފައިވާ ކަމުގައެވެ. އަޅުގަނޑުމެންގެ ލަޝްކަރުގެ އޮފިސަރުންގެ ތެރެއިން ޝާމްކަރައިގެ ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވި އޮފިސަރުން ވިދާޅުވިގޮތުގައި ޢަރަބީން އަޅުގަނޑުމެންނާ ބައިވެރިވީ ހަމައެކަނި ލޫޓުވުމާއި ފޭރުމުގެ ޝައުޤުވެރިކަމުގައެވެ. ފަތަޙައެއް ލިބޭއިރަށް ޝާމުގެ އަވަށްއަވަށަށާއި ސަހަރުތަކަށް އެމީހުން އަރައިގަންނަނީ ބަނޑަށް ހާންތިވެފައިތިބޭ މިނިކާ ޖަނަވާރުތަކެއް ފަދައިންނެވެ. ނަމަވެސް މިހާރު ޢިރާޤުގައި މުސްލިމުން ދައްކައިފައިވަނީ އީރާނާއި ރޫމުގެ މާޒީގެ ތާރީޚުންވެސް ނުފެންނަފަދަ ތަހުޒީބީ ރީތި މިސާލުތަކެކެވެ. މުސްލިމުން ޢިރާޤުން ފަތަޙަކުރި އަވަށްއަވަށާއި ރަށްރަށުގެ މީހުން މުސްލިމުންނާމެދު ދެކެނީ އެމީހުން ސަލާމަތްކޮށްދޭ ބައެއްކަމުގައެވެ. އެމީހުން ޙިމާޔަތްކޮށްދޭ ފާރަވެރީން ކަމުގައެވެ. އަޅުގަނޑު ދެކޭގޮތުގައި މުސްލިމުންގެ ޙަޤީޤީ ޢަޒުމަކީ ކޮބައިކަން އެނގޭނީ އަދި ދުވަސްކޮޅަކުންނެވެ. ކޮންމެއަކަސް ޢިރާޤުގެ ސަރަޙައްދީ ވަރަށްގިނަ ޤަބީލާތަކުން މިހާރުވަނީ އެބައިމީހުންގެ މުސްތަޤްބަލު މުސްލިމުންނާ ގުޅުވައިފައެވެ. ޢިރާޤުގައި މުސްލިމުންގެ ދީން ފެތުރެމުންދަނީވެސް ވަރަށް ހަލުވިކޮށެވެ.

ސަރޫޝް ވިދާޅުވިއެވެ. "އޭގެސަބަބަކީ މުސްލިމުން މިހައިތަނަށް ހޯދި ހީވެސްނުކުރެވޭފަދަ ކާމިޔާބީގެ ސަބަބުން ޢިރާޤު މީހުންގެ ހިތްވަރު އެލުމެވެ. ކަލާ ބައްލަވަން ހުންނަވާށެވެ. ޢިރާޤުގެ އެއްވެސް މައިދާނަކުން މުސްލިމުން ބަލިވާއިރަށް މުޅި ޢިރާޤުގައި މުސްލިމުންނާ ދެކޮޅަށް ބަޣާވަތުގެ ހުޅު ފަޅައިގެންދާނެއެވެ. މުސްލިމުންނަކީ ފާތިހުންކަމުގައި ހީކޮށް އެބައިމީހުންގެ ކުރިމަތީގައި ކަކޫމައްޗަށް ތިރިވި މީހުން އެމީހުން ފަހައިދިޔުމުގައި އީރާނުގެ ލަޝްކަރާ ބައިވެރިވާނެއެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ތިޔައީ ތެދުފުޅެކެވެ. އަޅުގަނޑުގެ ހިތާމަޔަކީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ދުޝްމިނުންނަށް މާބޮޑަށް ދޫދޭތީއެވެ."

ސަރޫޝް ވިދާޅުވިއެވެ. "ކަލާ ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. އީރާނީންނާއި ޢަރަބީންގެ ހަނގުރާމަޔަކީ އެތަކާއި ހިންޏެއްގެ ކުރިމަތިލުމެކެވެ. އަޅުގަނޑަށް ޔަޤީނެވެ. ޝަހެންޝާހު ވަރަށް އަވަހަށް މުހިންމު ފިޔަވަޅެއް އަޅުއްވާނެއެވެ."

+ + + + +

ކުޑައިރުކޮޅެއްގެފަހުން ޒަރުބަޚުތު ވަޑައިގެންނެވީ އޭނާގެ ގެއާދިމާޔަށެވެ. އޭނާ ވަޑައިގެންނެވީ ކޯރުގެ އައްސޭރީގެ ފުޅާ މަގުންނެވެ. ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ ކުރިފުޅުމަތީން އަސްވާރަކު އަންނަތަން ފެނިވަޑައިގެންފިއެވެ. ޒަރުބަޚުތު މަގުގެ އެއްފަރާތެއްގައި މަޑުކޮށްލެއްވިއެވެ. އަސްވާރުވެސް ޒަރުބަޚުތާ ހަމަޔަށް އައިސްފައި އަސް މަޑުކޮށްލައިފިއެވެ. އަސްވާރު ގޮވައިލިއެވެ. "ކާކުހެއްޔެވެ؟ ބޭބޭފުޅު ދޮގެއްތޯއެވެ؟"

"އާދޭހެވެ! އެކަމަކު ކޮއްކޮ މިއޮތް ދަންވަރު މަގުމަތީގައި ކީއްކުރައްވަނީތޯއެވެ؟"

سُهيل އަހުގެ ހާމަ ބުރަކަށިމަތީން ފުންމައިލައްވަމުން ވިދާޅުވިއެވެ. "ބޭބޭފުޅު މިރޭ މާބޮޑަށް ލަސްކޮށްލައްވައިފީމުއެވެ. އަޅުގަނޑު މިދަނީ ބޭބޭފުޅުގެ ޚަބަރުބަލަން ފުރޭބުރުޒުގެ ގެއަށެވެ."

ޒަރުބަޚުތު އޯގާވެރިކަމާއެކު سُهيل ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަމުން ވިދާޅުވިއެވެ. "سُهيل އެވެ! މީގެފަހުން ބޭބެ ލަސްވެއްޖެނަމަ ކޮއްކޮ އަވަހާރަފުޅު ލައްޕަވާށެވެ."

سُهيل ޝަކުވާގެ ރާގުގައި ވިދާޅުވިއެވެ. "ބޭބެ ވަޑައިގަންނަވާނީ ތަންކޮޅެއް ލަހުންކަން އެނގުނުނަމަކަ އަޅުގަނޑު މިހައިކަންބޮޑެއް ނުވީހެވެ. އަޅުގަނޑު ބިރުގަތީ މަގުމަތީން މީހަކު ބޭބެއާ ޙަމަލަދިނީ ކަމުގައި ހީކޮށެވެ."

ޒަރުބަޚުތު ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "މަދާއިނުގައި ބޭބެގެ އެއްވެސް ދުޝްމިނަކު ނެތެވެ. މީގެފަހުން ބޭބެ ގެއަށްއައުން ލަސްވެއްޖެނަމަ ބޭބެ ފުރޭބުރުޒުގެ ގޭގައި ނުވަތަ އެހެންވެސް ރަޙްމަތްތެރިޔެއްގެ ގޭގައި މަޑުކޮށްލީކަމުގައި ބައްލަވާށެވެ."

"ނަމަވެސް ބޭބޭފުޅު ވިދާޅުވީމެއް ނޫންތޯއެވެ. މަދާއިނުގައި ރަޙުމަތްތެރީން ދުޝްމިނުންނަށް ދުޝްމިނުން ރަޙުމަތްތެރީންނަށް ބަދަލުވާކަށެއް ލަހެއްފަހެއް ނުވާނެއެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ބޭބެ ތިޔަހެން ބުނެފައިވާނީ ކޮންމެވެސް ރަސްކަލެއްގެ ނުވަތަ ރަސްދަރިކަލެއްގެ ރަޙުމަތްތެރީންނާ ބެހޭގޮތުންނެވެ. ބޭބެއަކީ އާންމު މީހަކީމެވެ. ދެން ގެއަށްދަމާ ހިންގަވާށެވެ."

سُهيل ވިދާޅުވިއެވެ. ބޭބެ އަހަށް ސަވާރުވެވަޑައިގަންނަވާށެވެ. އަޅުގަނޑު ފަހަތްޕުޅުން ދާނަމެވެ."

"ނޫނެކެވެ. ބޭބެ ދާނީ ހިނގައިފައެވެ."

"އަޅުގަނޑުވެސް ދާނީ ހިނގައިފައެވެ."

سُهيل އަހުގެ ލަގަނުގައި ހިއްޕަވައިގެން ހަނުހިމޭނުން ޒަރުބަޚުތުގެ އަރިހުގައި ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އޭނާ އިރުކޮޅެއް ކޮށްލައްވައިފައި ވިދާޅުވިއެވެ. "ބޭބެއެވެ. ދައިތާފުޅު ކިހައިދުވަހެއް ވަންދެން ފުރޭބުރުޒުގެ ގޭގައި އިންނަވާނެތޯއެވެ؟"

ޒަރުބަޚުތު ވިދާޅުވިއެވެ. "ފުރޭބުރުޒުގެ މެހުމާނުން ހަތަރު ފަސްދުވަހަކުން ފުރައިވަޑައިގަންނަވާނެއެވެ. އޭރުން ماه بانو ވެސް ގެއަށް ވަޑައިގެންފާނެއެވެ."

سُهيل ވިދާޅުވިއެވެ. "ބޭބެ އަޅުގަނޑާ ބެހޭގޮތުން އެއްވެސްމީހަކާ ވާހަކަ ދައްކަވައިފީމުތޯއެވެ؟"

"ކޮންވާހަކައެއްތޯއެވެ؟"

"ބޭބެ ވަޢުދުވެވަޑައިގެންފައިވަނީ އަޅުގަނޑު ޢަސްކަރީ މަކުތަބު ނިމުމާއެކު ގަވާއިދުން ސިފައިންގެ ތެރެޔަށް ވައްދަވައިދެއްވާނެކަމަށެވެ."

"ބޭބެގެ ވަޢުދު ހަނދާން އެބަހުއްޓެވެ. އެކަމަކު سُهيل އަދި މާކުޑައެވެ. ކޮއްކޮޔަށް އަދިވެސް އެއްއަހަރު ކެތްކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ."

"އެއްއަހަރު ނުވަނީސް ހަނގުރާމަ ނިމިވެސްދާނެ ނޫންތޯއެވެ؟"

"ހަނގުރާމަ ނިމުނުކަމުގައިވިޔަސް ސިފައިންގެ ތެރެޔަށް އަދަބުވެސް ޤާބިލު ޒުވާނުން ބޭނުންވާނެއެވެ."

"ޢަސްކަރީ މަދަރުސާގައި މިހާރަކު އަޅުގަނޑު ކުރާނެ އެއްވެސްކަމެއް ނޯވެއެވެ. އަޅުގަނޑުގެ އުސްތާޛު ބުނާގޮތުގައި މިހާރު އަޅުގަނޑު ކުރާންޖެހޭކަމަކީ ހަނގުރާމައިގެ ކޮންމެވެސް މައިދާނަކުން ޢަމަލީ ތަޖުރިބާ ހޯދުމެވެ. އަޅުގަނޑު ހުރިހާ މުބާރާތްތަކެއްގައި ދެރަކޮށްފައިވާ އަދި އަޅުގަނޑަށްވުރެ އިސްކޮޅުން ކުރު ހަށިގަނޑު ނިކަމެތި ކުދީންވެސް މިހާރު ސިފައިންގެ ތެރެޔަށް ވަދެއްޖެއެވެ."

"އެކުދީންވާނީ سُهيل އަށްވުރެ ދޮށީކުދީންކަމުގައެވެ. سُهيل އަޑުއައްސަވާށެވެ. ޙަޤީޤަތުގައި ހަނގުރާމަޔަކީ މާކަރަނގަޅުކަމެއް ނޫނެވެ. ސިފައިންގެ މީހެކޭ ބުނުވާހިތުން ގެއިން ނުކުންނަ ކުދީން ހަނގުރާމައިގެ ޢަމަލީ ތަޖުރިބާ ހޯދުމަށްފަހު އެމީހުން އެހައި އަވަސްއަރައިގަނެގެން ސިފައިންގެ ތެރެޔަށް ވަދެވުނީތީ ހިތާމަކުރެއެވެ. ޅައުމުރު އުފާކޮށްލައި ތަންތަން ބަލައިލަން ގޮސްނުއުޅެވުނީތީ ހިތާމަކުރެއެވެ. سُهيل އެވެ. މިހާރު ސިފައިންގެތެރެއިން އެކަށީގެންވާ މަގާމެއް ހޯއްދަވަން ކޮއްކޮ މާކަގިނަދުވަހަކު އިންތިޒާރު ކުރައްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ކަމެއްނެތި މަދާއިނުގައި ހުންނަވަން ފޫހިފުޅުވާނަމަ ކޮންމެވެސްތަނަކަށް ބޭރަށް ފޮނުވައިދީފާނަމެވެ. ފުރޭބުރުޒުގެ ދަނބިދަރިކަލުން ހަތަރު ފަސްދުވަހެއްގެފަހުން އެނބުރި ވަޑައިގަންނަވާނެއެވެ. އޭނާ ދިރިއުޅުއްވަނީ އަސްފަހާނުގައެވެ. އެއީ ވަރަށްރީތި ހިތްފަސޭހަ ސަރަޙައްދެކެވެ. އޭނާގެ އަރިހުގައި ކޮއްކޮ ގެންދަވާތޯ ބަލާނަމެވެ."

سُهيل އިޙްތިޖާޖު ކުރައްވަމުން ވިދާޅުވިއެވެ. "މުޅި ދުނިޔޭގައިވެސް މަދާއިނަށްވުރެ އަޅުގަނޑަށް ރަނގަޅު އެއްވެސް ރަށެއް ނޯންނާނެއެވެ."

"ކޮއްކޮއަށް ބޭބެގެ މަޠުލަބު ވިސްނިވަޑައިނުގެންނެވުނީއެވެ. ސަރޫޝްގެ އަރިހުގައި އޭނާގެ ދަރިކަނބަލުންވެސް ވަޑައިގަންނަވާނެއެވެ. ބޭބެއަށް ހީވާގޮތުގައި އެބޭފުޅުންގެ އަމިއްލަފުޅު ނޯކަރުންގެ އިތުރަށް ފުރޭބުރުޒު ސިފައިންގެ ބަޔަކުވެސް ފޮނުއްވާނެއެވެ. ދަތުރުމަތީގައި އެބޭފުޅުން ޙިމާޔަތްކުރެއްވުމަށްޓަކައެވެ. ބޭބެ އެބޭފުޅުންގެ އަރިހުގައި ދަންނަވާނަމެވެ. سُهيل އަށް އެންމެ ބަރާބަރަށް ސިފައިންގެ މީހެއްގެ ދައުރު އަދާކުރެއްވިދާނެއެވެ."

سُهيل ގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ. އޭނާ ވިދާޅުވިއެވެ. "އެބޭފުޅުން އަޅުގަނޑަކީ އަދި މާކުޑަ ކުއްޖެކޭ ވިދާޅެއް ނުވާނެތޯއެވެ؟"

"އާދޭހެވެ. سُهيل އަކީ ހުސިޔާރު، ހިތްވަރުފުޅުގަދަ އިތުބާރުކުރެވޭ ޒުވާނެކޭ ބޭބެ އެބޭފުޅުންގެ އަރިހުގައި ދެންނެވުމުން އެބޭފުޅުން އިތުރު ސުވާލެއް ނުކުރައްވާނެއެވެ."

"ބޭބެއެވެ." سُهيل ކުޑަކޮށް މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "މާދަމާވެސް ބޭބެ އެބޭފުޅުންގެ އަރިހަށް ވަޑައިގަންނަވާނުތޯއެވެ؟"

"އާދޭހެވެ! ބޭބެ ކޮންމެދުވަހަކުވެސް އެގެއަށް ދާނަމެވެ."

"އެބޭފުޅުންގެ އަރިހުގައި އަޅުގަނޑުގެ ވާހަކަ ވިދާޅުވާން ހަނދުމަފުޅުނައްތައި ނުލައްވައްޗެވެ."

"އާދޭހެވެ. އެބޭފުޅުންގެ އަރިހުގައި ކޮއްކޮޔަށް ވަޑައިގެންނެވޭނެކަން ޔަޤީންކުރައްވާށެވެ."

+ + + + +

އޭގެ އަނެއްދުވަހު ޒަރުބަޚުތު ފުރޭބުރުޒުގެ ގެޔަށް ވަޑައިގެންނެވިއިރު އިރުއޮއްސެނީއެވެ. ޒަރުބަޚުތު ދޮރާށީން އެތެރެޔަށް ވެދެވަޑައިގެން ބަގީޗާގެ ތެރެއަށް ވެދެވަޑައިގެންނެވިތަނާ يـاسمـين ކުއްލިޔަކަށް އަންނާރު ގަސްތަކަކާއި ވައްތީނި ގަސްތަކެއްގެ ބިއްދޮށުން ނިކުމެވަޑައިގެން ޒަރުބަޚުތުގެ ކުރިފުޅުމައްޗަށް ވަޑައިގެންފިއެވެ. ޒަރުބަޚުތު ހުއްޓިވަޑައިގެންފިއެވެ. ޖެހިލުންވެވަޑައިގެން ހުންނަވައި އެކިފަރާތްފަރާތަށް ބައްލަވާން ފައްޓަވައިފިއެވެ. يـاسمـين ހިނިފުޅުވަޑުވަމުން ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ނަމަވެސް އޭނާ ކުއްލިޔަކަށް ހުއްޓިވަޑައިގެން އިސްދަށަށް ޖައްސަވައިލައްވައިފިއެވެ. އޭނާ ސަމާލުވެވަޑައިގެން ވިދާޅުވިއެވެ. "ކަލާ ކޮއްކޯފުޅު ހޯއްދަވަނީތޯއެވެ؟"

"އާދޭހެވެ! ކޮއްކޮ ކޮބައިތޯއެވެ؟"

"އޭނާ ނީލޯފަރާއެކު ފައްވާރާގެ ކައިރީގައި އެބައިންނެވިއެވެ. އަޅުގަނޑު ކުޑައިކޮށް ހިނގައިލާން އައީއެވެ."

"އެންމެރަނގަޅެވެ. ކަލާ ހިންގަވައިލައްވާށެވެ." ޒަރުބަޚުތު އެހެން ވިދާޅުވެފައި ގެއާދިމާޔަށް ހިންގަވައިގެންނެވިއެވެ. އެވަގުތު يـاسمـين ވިދާޅުވިއެވެ. "މާފަވެސް ބައްޕަވެސް ގެޔަކު ނުއުޅުއްވައެވެ. ވަޑައިގެންނެވީ ކޮންމެވެސް ރަޙުމަތްތެރިޔެއްގެ ގެއަށެވެ. އިރުކޮޅަކުން އެނބުރި ވަޑައިގަންނަވާނެއެވެ." ޒަރުބަޚުތު ހުއްޓިވަޑައިގެންފިއެވެ.

އެއްފަރާތަކުން ނީލޯފަރުގެ އަޑުއިވޭން ފަށައިފިއެވެ. "يـاسمـين! يـاسمـين! އެވެ.!"

يـاسمـين ލާނެތްގޮތަކަށް ހިނިފުޅުވަޑުވައިލެއްވިއެވެ. އޭނާ ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލައްވައިފައި ދުވެވަޑައިގެންފައި ވަޑައިގެން ގަހެއްގެ ބިއްދޮށުގައި ފިލައިވަޑައިގެންފިއެވެ. ނީލޯފަރު އަނެއްކައިވެސް ގޮވައިލައިފިއެވެ. يـاسمـين ގަސްތަކެއްގެ ލެނބިފައިވާ ގޮފިތަކެއްގެ ތެރެއިން އިސްތަށިފުޅު ދިއްކޮށްލައްވައިފައި ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާގެ ތުންފަތްޕުޅުގައި އިނގިލި ޖައްސައިލައްވައިފައި އަނެއްކާވެސް ގަސްތަކުގެ ތެރެޔަށް ވެދެވަޑައިގެންފިއެވެ. ދެން އިވުނީ ماه بانو ގެ އަޑުފުޅެވެ. "ނީލޯފަރެވެ. މާބާރަށްގޮވަނީ ކީއްކުރަންހެއްޔެވެ. އޭނާ ގޭތެރެޔަށް ވަޑައިގެންނެވީކަމުގައި ވެދާނެއެވެ. އަހަރެމެންވެސް އެތެރެޔަށް ދަމާހިނގާށެވެ."

يـاسمـين މަޑުމަޑުން ހިނިފުޅުވަޑުވާ އަޑު އައްސަވަން ޒަރުބަޚުތު އިރުކޮޅެއްވަންދެން ހުންނެވިއެވެ. އޭނާ އިރުކޮޅަކުން ވިދާޅުވިއެވެ.

"يـاسمـين އެވެ. މިހާރަކު ފިލައިވަޑައިގަތުމުގެ ބޭނުމެއްނެތެވެ. އެބޭފުޅުން އެނބުރިވަޑައިގަންނަވަނީއެވެ."

يـاسمـين ގެ ހިނިފުޅުވެޑުވުން ހުއްޓިއްޖެއެވެ. އިރުކޮޅެއްކޮށްލައްވައިފައި ޒަރުބަޚުތު މަޑުމަޑުން އޭނާއަށް ގޮވައިލެއްވިއެވެ. "يـاسمـين" އެކަމަކު ޖަވާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. ޒަރުބަޚުތު ގުދުވެވަޑައިގެން ގަސްތަކުގެ ލެނބިފައިވާ ގޮފިތަކުގެ ތެރެއިން މަޑުމަޑުން ކުރިޔަށް ވަޑައިގެންނެވިއެވެ. يـاسمـين ކުޑަތަންކޮޅެއް ދުރުގައި ހިނިފުޅުވެޑުވިފައި ހުންނެވިއެވެ. ޒަރުބަޚުތު އެނބުރިވަޑައިގަންނަވާންކަމަށް ހީފުޅުކުރެއްވިއެވެ. ނަމަވެސް يـاسمـين ގެ ޖެހިލުންކުޑަ ބެއްލެވުން ޒަރުބަޚުތުގެ ފައިންޕުޅުގައި ހިލިހިލާ އެޅުވިކަހަލައެވެ. އޭނާ އިރުކޮޅެއްވަންދެން ފަސްޖެހިވަޑައިގެންފައި ހުންނެވިއެވެ. ކުއްލިޔަކަށް އޭނާގެ ހިތްޕުޅު ތެޅޭން ފަށައިފިއެވެ. އޭނާ ކުޑަކޮށް ފަސްޖެހިވަޑައިގެން ހުންނަވައި ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. يـاسمـين އިސްދަށަށް ޖައްސަވައިލައްވައިފިއެވެ.

ޒަރުބަޚުތު ވަރަށް އުނދަގުލުން ވާހަކަފުޅު ދެއްކެވިއެވެ. "يـاسمـين އެވެ. އަޅުގަނޑު ހީކުރީ ކަލާވެސް ސިއްރު ސިއްރުން ގޭތެރެޔަށް ވަޑައިގެންނެވީކަމުގައެވެ. يـاسمـين އިސްއުފުލައިލެއްވިއެވެ. އެހައިތަނުން އެބޭފުޅުންގެ މުޅި ދުނިޔެއަކަށްވީ ދެބޭފުޅުންނަށް ކައިރީގައި ތިއްބެވުނުކަމުގެ އިޙްސާސެވެ. އެއީ އެ އިޙްސާސް ތަރުޖަމާކުރުމަށްޓަކައި ލަފުޒުތަކަކަށް ބޭނުންނުވާ އިޙްސާސެކެވެ. އެބޭފުޅުންގެ މެދުން ދުރުހިލޭކަމުގެ ހުރިހާ ފަރުދާތަކެއް ނެގިއްޖެއެވެ.

يـاسمـين ވިދާޅުވިއެވެ. "އަޅުގަނޑު ހީކޮށްގެންހުރީ އަޅުގަނޑު އަސްފަހާނަށް ފުރުމުގެކުރީން ކަލާގެ އަރިހުގައި އަޅުގަނޑު ކަލާއަށް އިންތިޒާރުކުރާނެ ވާހަކަ ދަންނަވާނެ ފުރުޞަތެއް ނުލިބޭނެކަމުގައެވެ. ބައްޕާފުޅު ވިދާޅުވިއެވެ. ބައްޕާފުޅު ވަނީ ކަލާއަށް އަސްފަހާނަށް ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވައިފައެވެ. ކަލާ ވަޑައިގަންނަވާނު ދޮގެއްތޯއެވެ؟"

ޒަރުބަޚުތު ހިނިފުޅުވަޑުވައިލެއްވިއެވެ. "ތިޔަ ސުވާލު އެބޭފުޅުންގެ ކުރިފުޅުމަތީގައިވެސް ކަލާއަށް ކުރެއްވިއްޖައީހެވެ. ޝައްކެއްވެސް ނެތެވެ. އަޅުގަނޑު ދާނަމެވެ."

"ކަލާ ހަނދުމަފުޅު ނެތިވަޑައެއް ނުގަންނަވާނެތޯއެވެ؟"

"ކަލާއަށް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑަކަށެއް ކަލާގެ މަތީން ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެކަމަކު ....."

"އެކަމަކު ކީއްވީތޯއެވެ." يـاسمـين ކަންބޮޑުވެވަޑައިގެން ސުވާލުކުރެއްވިއެވެ. "ވަކިކަމެއް ނުވެއެވެ. ދެން ގޭތެރެޔަށް ދަމާ ހިންގަވާށެވެ." ޒަރުބަޚުތު ވިދާޅުވިއެވެ.

يـاسمـين ތުރުތުރުއަޅާ އަތްޕުޅުން ޒަރުބަޚުތުގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައިފިއެވެ. "ވިދާޅުވާށެވެ! ކަލާ އެއްޗެކޭ ވިދާޅުނުވީ ކީއްވެގެންތޯއެވެ. ކަލާ ހަނދުމަފުޅު ބަހައްޓަވަން އަޅުގަނޑު އެކަށީގެން ނުވަނީތޯއެވެ؟"

ޒަރުބަޚުތު ސަމާލުވެވަޑައިގެންނެވުމަށްޓަކައި އެންމެފަހުގެ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "يـاسمـين އެވެ. ކަލާއަކީ ފުރޭބުރުޒުގެ މާފަދަރިކަނބަލެކެވެ. ސަރޫޝްގެ ދަރިކަނބަލެކެވެ. ކަލާއާއި އަޅުގަނޑާ ދެމެދު އެތަކެއް ފަރުބަދަތަކަކާއި އެތަކެއް ކޯރުތަކެއްވަނީ ހުރަސްއަޅައިފައެވެ. މުސްތަޤްބަލުގައިވެސް އުދަރެހުގެ ކޮންމެވެސް ރޮނގަކާ ހަމައިން އަޅުގަނޑުމެން ދެމީހުންގެ ޙަޔާތުގެ މަގު އެއްމަގަކަށް ވެދާނެކަމަކަށް އަޅުގަނޑު ހިއެއްނުކުރަމެވެ."

يـاسمـين އޭނާގެ މޫނުފުޅު ޒަރުބަޚުތުގެ ފުޅާ މޭމަތިފުޅުގައި ޖައްސައިލެއްވިއެވެ. އޭނާ ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "އަޅުގަނޑު އެނގެން ބޭނުންވަނީ އެންމެކަމެކެވެ. އެއީ ކަލާއަކީ އަޅުގަނޑުގެ ކަމެވެ."

ޒަރުބަޚުތު يـاسمـين ގެ އިސްތަށިފުޅުގައި ފިރުންމަވަމުން ވިދާޅުވިއެވެ. "يـاسمـين! يـاسمـين! ކަލާގެ ބައްޕާފުޅާއި މާފާފުޅާ ވިދާޅުވާނީ ކީކޭތޯއެވެ؟"

"ކަލާ އެބޭފުޅުންދެކެ ބިރުފުޅުގެން ވަޑައިގަންނަވަނީތޯއެވެ؟"

"ކަލާ ބިރުފުޅުގެން ވަޑައެއް ނުގަންނަވަމުތޯއެވެ؟"

"އާދޭހެވެ. ކަލާވެސް ބިރުފުޅުގެން ވަޑައިގެންނެވުމުގެ ބޭނުމެއްނެތެވެ. ބައްޕައާއި މާފަ ކަލާއަށް ޤަދަރުކުރައްވައެވެ. އަޅުގަނޑަށްވަނީ އެބޭފުޅުންގެ ވާހަކަފުޅުގެ އަޑުއިވިފައެވެ."

ޒަރުބަޚުތު يـاسمـين ގެ ކޮނޑުފުޅުގައި ހިއްޕަވައިފައި އެއްފަރާތަކަށް ޖައްސައިލައްވަމުން ވިދާޅުވިއެވެ. "يـاسمـين އެވެ. އެބޭފުޅުން އަޅުގަނޑަށް ޤަދަރުކުރައްވާތީ އަޅުގަނޑު ޝުކުރުވެރިވަމެވެ. އަޅެ މިހާރު އެބޭފުޅުންނަށް ކުއްލިޔަކަށް މިތަނަށް ވަޑައިގެންނެވި އަޅުގަނޑުމެންގެ ވާހަކަ އަޑުއިވިވަޑައިގެންފިނަމަ ހީފުޅުކުރައްވާނީ ކީކޭތޯއެވެ؟"

يـاسمـين ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގޭކަމަކީ އެބޭފުޅުންނަށް އަޅުގަނޑުމެން ފެނިވަޑައިގެންނެވިކަމުގައިވިޔަސް އަޅުގަނޑު ފިލައިގެންދާކަށެއް ނުވަތަ ވަޅަކަށް ފުންމައިލާކަށެއް މަސައްކަތެއް ނުކުރާނެކަމެވެ."

(ނުނިމޭ