ރައީސް ޔާމީންގެ ސަރުކާރުން ބޭންކު ތަކާއި އެމްއެމްއޭ ޖަވާބުދާރީ ނުކުރުވައި ހުރިހާ ކަމެއް ކުރައްވާފައި އެހެން މީހުންގެ ބޮލަށް އެކަން ޖަހަން އުޅުއްވާނެ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ރިޔާޒު މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބައެއް ފަރާތްތަކަށް ޕީޕީއެމްގެ ޓިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ ގެ ޚިޔާނާތުން ފައިސާތަކެއް ގެއްލިފައިވާ މައްސަލައިގައި ބޭންކުތަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
އަބްދުﷲ ރިޔާޒް މިއަދު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓުދިނުމުގައި ރައީސް ޔާމީންގެ ސަރުކާރުން ހިންގި ކޮރަޕްޝަން ބަލާނެ ކަމަށް ވީ ވައުދު ހިމެނޭ ކަމަށާއި އެހެން ކަމުން އެވައުދު ފުއްދަވަން ޖެހޭނެ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނަށް ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބިލާ މެދު ޕީޕީއެމްގެ މެންބަރުން ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އެ ބިލު އެ ގޮތަށް ފާސްކޮށްފި ނަމަ ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.