ބޮލީވުޑް

ކެޓްރީނާ ފޮތެއް ލިޔަނީ

ބޮލީވުޑް ތަރި ކެޓްރީނާ ކައިފް ދަނީ އޭނާގެ ނުކުންނަށް އުޅޭ ފިލްމް "ޒީރޯ" ރިލީސް ކުރާ ތާރީހުގެ ފަހު ދުވަސްތައް ގުނަމުންނެވެ. އަނުކްޝާ ޝަރުމާ އާއި ބޮލީވުޑްގެ ކިންގް ޚާން ޝާހުރުކް ޚާންއާ އެކު ކުޅެފައިވާ މި ފިލްމް ވެގެން ދާނީ މި އަހަރު ނެރޭ އެންމެ ބޮޑު އެއް ފިލްމަށެވެ.

ފިލްމުގެ ޕްރޮމޯޝަންތައް ކުރިއަށް ދާއިރު ކެޓްރީނާ ވަނީ އޭނާގެ ދިރިއުޅުމާ ގުޅޭ ގޮތުން ގިނަ ކަންކަން މީޑިއާގައި ހިއްސާ ކޮށްފައެވެ.

އެގޮތުން ކެޓްރީނާ ބުނި ގޮތުގައި މީގެ އަހަރު ތަކެއް ކުރިން ކައިވެނި ކުރަން ބޭނުންވި ކަމަށާއި ނަމަވެސް ކަން ހިނގީ ބޭނުންވި ގޮތަށް ނޫން ކަމަށް ވާތީ މިހާރު އެކަމާ އެހާވަރުން ނޫޅޭ ކަމަށެވެ.

ކެޓްރީނާ އިތުރަށް ބުނީ ކައިވެނި ކުރަން ހިތަށް މިހާރު ނޭރި ކަމަށްވިއަސް ލޯތްބަށް އަދިވެސް އިތުބާރު ކުރާ ކަމަށާއި ފެއާރީ ޓެއިލް އަކަށް އަދިވެސް އުންމީދު ކުރާކަމަށެވެ. އެގޮތުން އެއާޕޯޓުގައި އަތުގައި އޮތް ފޮތް ވެއްޓޭއިރު އެ ނަގައިދޭން އަންނަ މީހާ އަކީ އޭނާ ދެކެ ލޯބިވާނެ މީހާއާށްވެސް ވެދާނެ ކަމަށް މަޖަލަކަށް ހަދާފައި ކެޓްރީނާ ވަނީ ބުނެފައެވެ.

ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކިޔަން އެންމެ ރަނގަޅީ ކޮން ފޮތެއްތޯ އެހުމުން ކެޓްރީނާ ދިން ޖަވާބެވެ. އޭނާ ބުނި ގޮތުގައި އެއީ މިހާރު އޭނާ ލިޔަން އުޅޭ ފޮތް ކަމަށެވެ.

މި ޖަވާބުން ދޭހަ ވަނީ ކެޓްރީނާ އޭނާގެ ބައޯގްރަފީ އަމިއްލަ އަށް ލިޔަން އުޅޭކަން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.