މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދުނިޔޭގެ ފުޓުބޯޅަ ޖަމިއްޔާ، ފީފާ އިން އެ ޖަމިއްޔާގެ މެންބަރު ގައުމުތަކަށް 150 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ފުޓުބޯޅައަށް ދިމާވެފައިވާ ދަތިކަށް ލުޔެއް ހޯދުމުގެ ގޮތުން ހަދާފައިވާ ރިލީފް ޕްލޭނުގެ ދަށުން ފީފާގައި ރަޖިސްޓްރީވެފައިވާ 211 އެސޯސިއޭޝަން އޮންނަ އިރު، އެއިން ކޮންމެ އެސޯސިއޭޝަނަކަށް 500،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ.
އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަކީ ފީފާގެ ޒިންމާއެއް ކަމަށާއި އެކަން ފެށެނީ މެންބަރު އެސޯސިއޭޝަންތަކަށް ވަގުތުން ވަގުތަށް މާލީ އެހީތެރިކަން ފޯރުކޮށްދީގެން ކަމަށް ވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.
ފީފާ އިން ދޭ މި އެހީ އަކީ އެ ޖަމިއްޔާ އިން 2016 ވަނަ އަހަރު ތައާރަފު ކުރި ފޯވާޑް 2.0 ޕްރޮގްރާމުގެ ފަންޑުން ހޭދަކުރާ ބަޔެކެވެ. އެގޮތުން 2019/2022 ގެ މުއްދަތުގައި ފީފާ އިން އެ ފަންޑުން ޖުމްލަ 1.746 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި އެސޯސިއޭޝަންތަކަށް ދޭނެ ކަމަށް ފީފާ އިން ބުންޏެވެ.
ކޮވިޑް 19 އާ ގުޅިގެން ލީގުތައް މެދުކެނޑުމުގެ ސަބަބުން ގިނަ ކްލަބުތަކަށް މާލީ ގެއްލުންވެ ބައެއް ކުލަބުތަކުން ވަނީ ކުޅުންތެރިންނާއި ކޯޗުންގެ މުސާރަ ކުޑަކޮށްފައެވެ. ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލި ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މެޗުތައް އޮގަސްޓް މަހު ބޭއްވުމަށް ޔުއެފާ އާއި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.