2019 ވަނަ އަހަރު އޮންނަ އިންޑިއާގެ މަޖިލިސް އިލެކްޝަނުގައި ބޮލީވުޑް ތަރި މަދޫރީ ޑިކްސިޓް ވާދަ ކުރާ ކަމުގެ އަޑު ތަކެއް ފެތުރިއްޖެއެވެ.
އިންޑިއާގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ޗީޕް، އަމިތް ޝާހު ވަނީ މިއަހަރު ޖޫން މަހު މަދޫރީއާ އެކު މުމްބާއީގައި ހުންނަ އޭނާގެ ގޭގައި ބައްދަލުކޮށްފައެވެ. އެ ބައްދަލު ވުމުގައި ނަރެންދްރާ މޯދީ ހޯދާފައިވާ ކާމިޔާބީތައް ހިއްސާކޮށްފައިވާ ކަމަށް ވެއެވެ.
ބީޖޭޕީ ޕާޓީގެ ސީނިއާ މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އެ ޕާޓީން މަދޫރީގެ ނަން ޝޯޓްލިސްޓް ކޮށްފައިވަނީ ޕޫނޭ ލޮކް ސަބާ ގެ ސީޓައަށެވެެ.
ޕާޓީން މައުލޫމާތު ދިން މީހާ ބުނީ އެ ސީޓަށް ޝޯޓްލިސްޓް ވެފައިވާ މީހުންގެ ނަންތައް ފައިނަލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މަދޫރީއަށް އެ ޕާޓީން ޓިކެޓް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި މަދޫރީވެސް ކެންޑިޑެސީ އަށް ބޭނުންވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
އުމުރުން 51 އަހަރުގެ މަދޫރީ އަކީ އިންޑިއާގައި އެންމެ މަގުބޫލު ފިލްމީ ތަރީންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ހަމް އާޕްކޭ ހޭން ކޯން"، "ދިލް ތޯ ޕާގަލް ހޭ"، "ސާޖަން" އަދި "ދޭވްދާސް" ހިމެނެއެވެ.