ރައްޔިތުންގެ މަޖިލިސް

އެއްބާރުލުން ދޭންވީ ދުވަހު، ފެނިގެން މިދަނީ ޖެއްސުންކޮށް އެމްޑީޕީ މެންބަރުން ސަރުކާރު ފެއިލްކޮށްލާ މަންޒަރު: ނަޝީދު

އިބްރާހިމް ޒަކީ

ކޮވިޑް 19 ގެ މިވަގުތަކީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ، އެމްޑީޕީގެ 65 މެންބަރުންގެ އެއްބާރުލުން ސަރުކާރަށް ދިނުން އެންމެ އައުލާކަން ބޮޑު ވަގުތު ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި ފެނިގެންދަނީ ސަރުކާރަށް ހުރަސް އަޅައި ސަރުކާރު ފެއިލްކޮށްލުމަށް އެ މެންބަރުން މަސައްކަތްކުރަމުންދާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކުން ސަރުކާރަށް ބޭނުންވާ 4.2 ބިލިޔަން ރުފިޔާ އޯވަޑްރޯ ކުރުމަށް (ނެގުމަށް)، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން މަޑު ޖައްސާލުމަށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިިލީހަށް ހުށަހެޅުއްވި މައްސަލައަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު މިހެން ވިދާޅުވީ، ސަރުކާރަށް އެފައިސާ ދޫކުރުމުގައި ބައެއް މެންބަރުން ގިނަ ސުވާލުތަކެއް އުފައްދަވައި ހުށަހަޅާފައި އޮތް ގޮތަށް ފައިސާ ދިނުމާމެދު ސުވާލު އުފައްދަވައި އެމްޑީޕީގެ ގިިނަ މެންބަރުންތަކެއް ވާހަކަ ދައްކާފައިވާތީ އެެކަމަށް އިޝާރާތް ކުރައްވައެވެ.

މެންބަރު ނަޝީދު ވިދާޅުވީ، މިހާލަތުގައި ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ދިނުމަށް، ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް އެމްޑީޕީ މެންބަރުން ހުރަސް އަޅަމުންދާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު ހުށަހަޅާ ކަންތައްތައް އެންމެ ފަސޭހައިން ދިރާސާ ކުރެވޭނީ އެމްޑީޕީގެ މެންބަރުންނަށް ކަމަށްވާއިރު، އެކަން ނުކޮށް، ފާޅުގައި ސީދާ ސަރުކާރަށް އެ މެންބަރުން ވަގަށް ގޮވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިއީ އެއްވެސް ފަރާތަކުން ސަރުކާރަށް ޖެއްސުން ކުރަންވީ ވަގުތު ނޫން ކަމަށެވެ. މިވަގުތު އިދިކޮޅު ފަރާތްތައްވެސް ސަރުކާރަށް އެއްބާރުުލުން ދޭންޖެހޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ، އެހެން މީހަކަށް ނުކުރެވުނު ވެރިކަމެއް، އެހެންމީހަކު ފުރިހަމަކޮށްފާނެތީ، އެމްޑީޕީގެ ބައެއް މެންބަރުން ހަސަދަވެރިވެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިގެ ސަރުކާރު ފެއިލްކޮށްލައި ވައްޓާލަން އުޅޭ ކަމަށެވެ.

"ހަގީގަތުގައި އެހެން މީހަކަށް ނުކުރެވުނު ވެރިކަމެއް އެހެން މީހަކު ފުރިހަމަ ކޮށްފާނެތީ އެކަމުގެ ހަސަދަ މިބާލަނީ،" މެންބަރު ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސަށް ނިސްބަތް ކުރައްވައި ނަޝީދު ވިދާޅުވީ "މިފެންނަނީ ހުރިހާ ކަމެއް ތިމާއަށް އެނގެއޭ، ތިމާއޭ އެންމެ މޮޅީ، ތިމާ ބޭނުންވާ ގޮތޭ ހުރިހާ ކަމެއްގައި ވާން ޖެހޭނީ ބުނެ ކަންތައްކުރަމުންދާ،" ތަން ކަމަށެވެ.