އިބްރާހިމް ޒަކީ
ސަރުކާރުގެ ފިނޭންސް މިނިސްޓަރަށް އިތުބާރު ނުކުރައްވާ ކަމަށާއި، ސަރުކާރަށް އިތުރަށް ފައިސާ ބޭނުންވާ ކަމަށް ބުނެ، 4.4 ބިލިޔަން ނެގުމުގެ ހުއްދައަކަށް ކުއްލިއަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެކަން ފާސްކުރަން ބޮލުގައި ބަޑި ޖައްސާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން ސަރުކާރަށް ނެގުމުގެ ހުއްދައަކަށް އެދި، ފިނޭންސް މިިނިސްޓަރު ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ބޮންޑޭ ވިދާޅުވީ، މިއަހަރަށް ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ އާމްދަނީ ނުލިބޭނެކަން ވަރަށް ރަނގަަޅަށް ސާބިތުވާ ކަމަށެވެ.
ނަމަވެސް ބޮންޑޭ ވިދާޅުވިގޮތުުގައި ބަޖެޓުގައި ނެތް އެތައް ކަމަކަށް މިހާރުވެސް ސަރުކާރުން ދަނީ ކެޕިޓަލް ހަރަދު ކުރަމުންނެވެ.
ގައުމުގެ ޑީޖީޕީިގެ 85 ޕަސެންޓް ހިއްސާކުރާ ފަތުުރުވެރިކަން ހުއްޓިފައިވާ ކަމަށާއި، މިއަހަރު ފަތުރުވެރިކަން 50 ޕަސެންޓަށް ދަށްވާނެ ކަމަށް ކަރުދާހުގައި ލިޔެގެން ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ އެމްއެމްއޭއިން ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ 4.4 ބިލިޔަން ރުފިޔާ ކަމަށާއި ބޮލުގައި ބަޑިޖައްސައިގެން ކުއްލިއަކަށް އެވަރުގެ އަދަދެއް ފާސްކުރަން ހުށަހެޅުމަކީ ކަންތައް ކުރަން ޖެހޭ ގޮތްނޫން ކަމަށެވެ.
ކުރާކަމެއް އެނގުމަކާނުލައި، 4400 މިލިޔަން ރުފިޔާ ޕަބްލިކް އެކައުންޓުން އޯވަޑްރާފްޓްކޮށްފައި ދޭށޭ ބުނުމަކީ އޮޑިދޭށޭ ބުނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ ވަރަށް ވިޔާނުދާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކުއްލި އަކަށް ހަމަ ހުށަހަޅައިފަ ތިމަންނަމެންނަށް 4400 މިލިޔަން ޕަބްލިކް ބޭންކް އެކައުންޓުން އޮވާޑްރާފްޓްކޮށްފަ ތިމަންނަމެންނަށް އޮޑި ދޭށޭ ބުނީމަ މީ ވަރަށް ވިޔާނުދާ ކަމެއް،" ބޮންޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓަރާއި މި ސަރުކާރަށްވެސް އިތުބާރު ނުކުރައްވާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ބަޣާވަތުގެ ތެރެއިން ދަތި ހާލުގައި ބިރުވެރިކަމެއްގެ ތެރެއިން އުފެދިފައިވާ ސަރުކާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ހުރިހާ ސިޔާސީ ލީޑަރުންނަށްވުރެވެސް ބޮޑަށް މަޖިލިސް ރައީސަށް އިތުބާރު ކުރައްވާ ކަމަށާއި، ސަރުކާރުން އެފައިސާ ހޭދަކުރާ ގޮތް މަޖިލިސް ރައީސް ބައްލަވަން ޖެހޭނެ ކަމަށެވެ.