ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާގެ ފަރާތުން ކުރިއަށް ގެންދާ ސައުތު އޭޝިއަން ޑިޖިޓަލް ޓްރެވަލް ކޮންވަޒޭޝަން މިއަދު އޮންނާނެ ކަމަށް އެ ޖަމިއްޔާއިިން ބުނެފިއެވެ.
ސަޓާ އިން މައުލޫމާތު ދޭ ގޮތުގައި އޭޝިއަން ޑިޖިޓަލް ޓްރެވަލް ކޮންވަޒޭޝަން އަކީ އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ސައުތު އޭޝިއާ ސަރަހައްދުގެ ޓްރެވަލް ޓްރޭޑް އަދި ހޮސްޕިޓާލިޓީ ސިނާއަތާއި ގުޅިގެން ވާހަކަ ދައްކައި، މި ސިނާއަތުގެ މީހުންނަށް ދިމާވާ ދަތިތަކާއި ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ސަޓާއިން ބުނެއެވެ. މީގެ އިތުރުން 45 މިނެޓުގެ ދިގުމިނަށް ކުރިޔަށްގެންދާ މި ޕްރޮގްރާމަކީ، މިފަދަ ސީރީޒެއްގެ ފުރަތަމަ އެޕިސޯޑު ކަމަށް ސަޓާއިން ބުނެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑު މިއަދު ބޭއްވުމަށް ހަމަޖައްސާފައިވާއިރު، މި ޕްރޮގްރާމް ކުރިއަށްދާނީ ޖީއެމްޓީ ގަޑިން 11:30 ގައި ކަމަށް ސަޓާ އިން ބުނެއެވެ. އެއީ ރާއްޖޭގެ ގަޑިން ހަވީރު 4:30 ގައެވެ. އަދި މިއަދުގެ މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާނީ ސޮސައިޓީ ފޯ އިންސެންޓިވް ޓްރެވަލް އެކްސެލެންސް ގެ ކުރީގެ ރައީސް ރާޖީވް ކޯލީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑައިރެކްޓަރު ތޮއްޔިބް މުހައްމަދު އަދި އަމާރީ ގައްލޭ ގެ ޖެނެރަލް މެނޭޖަރު ޕުނީތު ޑުއްޓާ ކަމަށް ސަޓާއިން މައުލޫމާތު ދެއެވެ.
މިއަދުގެ ޕްރޮގްރާމްގެ މޮޑަރޭޓަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ސަޓާގެ ނައިބު ރައީސް ސޫރަޖް ހާން ކަމަށް ސަޓާ އިން މައުލޫމާތު ދެއެވެ. މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާނީ ސައުތު އޭޝިއާގެ ޓްރެވަލް ޓްރޭޑް ސިނާއަތް އަނބުރާ އާންމު ހާލަތަށް ގެނައުމާއި ގުޅޭ ގޮތުން ކަމަށް ސަޓާއިން ބުނެއެވެ.
ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. ހައިރައިޒުން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ މިއަދު ވެފައިވަނީ، ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ އެވޯޑަކަށެވެ. އެގޮތުން އެ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.
މިއަހަރުގެ ސަޓާ އެވޯޑްސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އެންމެ ފަހު ކުއާޓާގައެވެ. އެގޮތުން ސަޓާ 2020ގެ ޕާޓްނަރުންނާއެކު ޖެނުއަރީ މަހު ވަނީ ސޮއިކޮށްފައެވެ. ސަޓާ 2020ގެ ޕްލެޓިނަމް ޕާޓްނަރަކީ ގަލްފް ކްރާފްޓް މޯލްޑިވްސްއެވެ. އަދި ގޯލްޑް ޕާޓްނަރަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑް އެވެ.