އާޒިމާ ޝުކޫރު

ހޯރަ އިއްބެއަށް ލުއި ދީފައިވަނީ އުސޫލުން ބޭރުން، އެކަމުގައި ގާނޫނީ ސުވާލުތަކެއް އުފެދޭ: އާޒިމާ

ކުޑަކުއްޖަކާއެކު ބަދު އަޚްލާގީ އަމަލު ހިންގި މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ)އަށް ލުއި ދީފައިވަނީ އުސޫލުން ބޭރުން ކަމަށާއި އެކަމުގައި ގާނޫނީ ސުވާލުތަކެއް އުފެދޭ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުންނަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޓިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯރަ އިއްބެއަށް ލުއި ދެއްވާފައިވަނީ 2016 ވަނަ އަހަރު ކްލެމަންސީ ބޯޑުން އަރުވާފައިވާ ލަފަޔަށް ކަމަށާއި އެ ލަފަޔަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނިންމަވާފައިވަނީ ލުއި ނުދެއްވުމަށް ކަމަށެވެ.

"އެއް ރައީސަކު ނިންމަވާފައި އޮތް ނިންމެވުމެއް އަނެއް ރައީސަކު މި ބަދަލުކުރައްވަނީ. އެވެސް އަސްލުގައި ގާނޫނީ ގޮތުން ސުވާލުކުރަން ޖެހޭ ކަމެއް. ރީ އެޕްލިކޭޝަނެއް އެ ފަރާތުން ހަދާފައެއް ނެތް، ރައީސް އޮފީހުން ވިދާޅުވަނީ 2016 ގައި ހަދާފައި އޮތް އެޕްލިކޭޝަނަށް 2016ގައި ކްލެމަންސީ ބޯޑުން ދެއްވާފައި އޮތް ލަފަޔަށް ތިމަންނަމެން އަނެއްކާ ހުއްދަދެއްވީއޭ. އެކަމަކު އޭރު ކްލެމަންސީ ބޯޑުގެ ލަފާ ރައީސުލްޖުމްހޫރިއްޔާ އޮންނާނީ ރިޖެކްޓް ކުރައްވާފައި،" އޭނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ރައީސް ޔާމީންގެ ކްލެމެންސީގެ ސިޔާސަތުތައް ބައްޓަން ކުރެއްވި އިރުގައި ލުއި ދިނުމުގައި ގާނޫނީ އޮނިގަނޑު ބައްޓަން ކުރައްވާފައިވަނީ އެފަދަ ކުށްތަކަށް ލުއި ނުދޭ ގޮތަށް ކަމަށާއި 2016 ވަނަ އަހަރު ކްލެމެންސީ ބޯޑަށް ހުށަހެޅުމުން އެ ބޯޑުން ދިން ލަފަޔާ ގުޅިގެން ގާނޫނީ އޮނިގަނޑު ދިރާސާކުރެއްވި ކަމަށެވެ.

"މިދެންނެވިހެން ގާނޫނީ ގޮތުން އުސޫލުތައް ގާއިމްކޮށްފައި ހުރި އިރު، ލުޔެއް ވެސް ނުދެއްވާ ކަމެއްވީމަ އޭރު ރައީސް ޔާމީން ނިންމެވީ ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގާފައި، ކުށް ސާބިތުވެފައި އޮތީމަ ލުޔެއް ނުދެއްވަން. އޭގެ މައިގަނޑު އުސޫލުގައި ގެންގުޅުއްވަނީ ރައީސްގެ ސޮޔަކާ އެއްކޮށް، ރައީސްގެ އައްފާމެއް އެއްވެސް ގޮތަކަށް މަރުގެ މައްސަލައެއްގައި، ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި، ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގާފައި ހުރި މައްސަލައެއްގައި، އަންހެނެއްގެ ރޭޕްގެ މައްސަލައެއްގައި، މިކަހަލަ އުސޫލުތަކެއް ގާއިމްކޮށްފައި ހުރޭ އެކަންތައްތަކުގައި،" އޭނާ ވިދާޅުވިއެވެ.

ހޯރަ އިއްބެ ގޭ ބަންދުގައި ތިން ދުވަހު ބެހެއްޓުމަށްފަހު މިނިވަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ހޯރަ އިއްބެ މިނިވަން ކުރަން ނިންމާފައި ވަނީ 2016 ވަނަ އަހަރު އޭނާ ގެއަށް ބަދަލު ކުރުމަށް ކްލެމެންސީ ބޯޑުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީކަން ކުރެއްވި ހޯރަ އިއްބެ ހައްޔަރުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ގ. މާވަސް، ކިޔާ ގެއަކުން ކުށުގެ ވެށީންނެވެ. އަދި އޭނާގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވީ 12 ޖެނުއަރީ 2013 ގައެވެ.