ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޮޅުދޫ ދާއިރާއަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ކުރިމަތިލައްވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ހަގު ދަރިކަލުން ގައްސާން މައުމޫން ތ. ގުރައިދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މިރޭ ޕީޕީއެމްގެ ޓިކެޓް ދޭން އިއުލާންކުރި 18 ބޭފުޅުންގެ ތެރޭގައި އާޒިމާ އާއި ގައްސާން ހިމެނިވަޑައިގަންނަވައެވެ.
މިރޭ ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއަށް ވެސް ޓިކެޓު ލިބިވަޑައިގެންފައެވެ. އޭގެ ތެރެއިން ޝައިނީ ކުރިމަތިލައްވަނީ ހެންވޭރު އުތުރު ދާއިރާއަށެވެ.
ނާޒިމް ކުރިމަތިލައްވަނީ 2014 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި ވެސް އޭނާ ކުރިމަތިލެއްވި ހިންނަވަރު ދާއިރާއަށެވެ. އެފަހަރުގެ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރައްވައި، ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.