އިލެކްޝަންސް ކޮމިޝަން

ޕާޓީއަށް މެންބަރުން ހަމަކޮށް ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހުއްދައަށް ހަސީން އެދިއްޖެ

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ހެދުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަކޮށް ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހުއްދައަށް ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

ހަސީންއަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ފުރަތަމަ ފަހަރަށް ހުއްދަ ދިން ނަމަވެސް، އެފަހަރު މެންބަރުންގެ އަދަދު ހަމަނުވުމުން ޕާޓީ އުފެއްދިފައެއް ނުވެއެވެ. ނަމަވެސް 3020 މީހުންގެ ސޮޔާއެކު ހަސީން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީ އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދީފައިވާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއިން ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަޝިޕް ފޯމު ހަމަކޮށް މިއަދު އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިލެކްޝަނުން ބުނެފައިވަނީ މެންބަޝިޕް ފޯމުތަކުގެ ސައްހަކަން ބެލުމަށްފަހު ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭނެ ކަމަށެވެ.

ސިޔާސީ ޕާޓީއެއް ހެދުމަށް ހަސީނަށް ފުރަތަމަ ފަހަރަށް ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް އެފަހަރު ޕާޓީއެއް އުފައްދަން ބޭނުންވާ 3000 މެންބަރުން ހަމަނުވާތީ އޭނާއަށް ހުއްދަ ދީފައެއް ނުވެއެވެ.