އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތް 2022 އަށް ފަސްކޮށްފައިވާ ކަން ޔޫއެފާއިން އިއުލާން ކޮށްފި އެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެއްސި އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ފަސްކުރަން ނިންމީ މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން ކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ. ކުރިން އޮތް ގޮތުން ނަމަ ޔޫއެފާ ވުމެންސް ޔޫރޯ ފެށުމަށް އޮތީ އަންނަ އަހަރުގެ ޖޫން ހަތް ވަނަ ދުވަހު އެވެ.
"މިއަހަރުގެ ޔޫރޯ ކުއްލި ގޮތަކަށް ފަސްކުރަން ޖެހުމުން، އަންނަ އަހަރުގެ މުބާރާތްތަކަށް ވެސް އަސަރު ކުރާނެކަން ވިސްމުގައި ބަހައްޓައިގެން ރޭވުންތައް ރޭވީ،" ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ކެފެރިން ބުންޏެވެ.
ކެފެރިން ބުނީ، ޔޫއެފާގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ އަންހެނުންގެ ފުޓުބޯޅަ ޑިވެލޮޕްމެންޓަށް އެންމެ ފައިދާ ކުރާނެ ގޮތަކަށް ފެނުނީ ޔޫރޯ މުބާރާތަށް ތައްޔާރުވާން ވަގުތު އިތުރުކޮށް ބާއްވަން ކަމަށާއި އަދި އެއަހަރުގައި އެދުވަސްވަރު އިތުރު މުބާރާތެއް ކުރިއަށް ނުދާނެތީވެ އެންމެންގެ ސަމާލުކަން އެ މުބާރާތަށް ލިބޭނެ ކަމަށް ކެފެރިން ބުނެފައިވެ އެވެ.
ކޮވިޑް 19 އާ ގުޅިގެން ޔޫރަޕުގެ ގައުމުތައް މުއްދަތެއް ނެތް ގޮތަށް ލޮކްޑައުންކޮށް އެއްވެސް ކުޅިވަރުގެ ހަރަކާތެއް ވެސް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ޔޫރޮޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އަންނަ އަހަރަށް ފަސްކޮށްފައިވާ ކަން ޔޫއެފާއިން ވަނީ މިދިޔަމަހުގެތެރޭގައި އިއުލާނުކޮށްފައެވެ.
ކޮވިޑް 19 އާ ގުޅިގެން ޔޫރަޕްގެ ހުރިހާ ލީގެއް ވަނީ މެދު ކަނޑާލައިފައެވެ. ނަމަވެސް ލީގުތައްފެށުމަށް ފީފާ އާ އެކު އެގައުމުތަކުގެ އެސޯސިއޭޝަންތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.