ފެޝަން

ވެޑިން ޑްރެސްއާ ބެހޭ ގޮތުން ޕްރިޔަންކާގެ އިހްސާސްތައް ބަންޑުން ކޮށްލައިފި

1

ރަލްފް ލޮރޭންގެ ހުދު ބްރައިޑަލް ގައުންގައި ޕްރިޔަންކާ ޗޯޕްރާ ފެނިގެން ދިޔައީ ހުވަފެނެއްގެ ގޮތުގައެވެ. ލެޖެންޑަރީ ޑިޒައިނަރު ރަލްފް ޑިޒައިން ކުރި ފުރަތަމަ ބްރައިޑަލް ގައުން ލި ސެލެބްރިޓީއަށް ޕްރިޔަންކާ ވެގެން ގޮސްފައިވާއިރު، ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވި ދެދުވަހު ލި ހެދުންތަކާ މެދު ޕްރިޔަންކާ މިވަނީ އޭނާގެ އިހުސާސްތައް ހިއްސާ ކޮށްފައެވެ.

ޕްރިޔަންކާ ބުނިގޮތުގައި ބްރައިޑަލް ގައުން އިހުތިޔާރުކުރުމުގައި ވިސްނީ ފެޝަނަށް ނޫން ކަމަށާއި ބޮޑަށް ބެލީ ވަރަށް ޔުނީކް ހެދުމެއް ލުމަށް ކަމަށެވެ. ކްރިސްޓިއަން ކައިވެނީގައި ލި ހުދު ބްރައިޑަލް ގައުން އާއި ހިންދޫ ކައިވެނީގައި ލި ރަތް ކުލައިގެ ލެހެންގާއަކީ ވެސް އޭނާ އަށް ހާއްސަކޮށް ފަހާފައިވާ ހެދުން ކަމުގައި ޕްރިޔަންކާ ބުންޏެވެ. މީގެ އިތުރުން 75 ފޫޓުގެ ދިގު ވެއިލް ޗޫސް ކުރީ ދުނިޔޭގެވެސް އެންމެ ދިގު ވެއިލް ބޭނުންވާތީ ކަމަށް ޕްރިޔަންކާ ބުންޏެވެ. ދެ ހެދުމަކީވެސް ޕާސަނަލް ޗޮއިސް ކަމަށް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާގެ ހުދު ބްރައިޑަލް ގައުންގައި ވަނީ ޕާލް ސީކުއިން ބޭނުންކޮށް އެމްބްރޮއިޑަރީ ކޮށްފައެވެ. މި އެމްބްރޮއިޑަރީ މަސައްކަތް ކޮށްފައި ވަނީ އަތުންނެވެ. ދެ މިލިއަން "މަދާ އޮފް ޕާލް" ސީކުއިންސް ހިމެނޭ މި ހެދުން ހެދުމަށް 1826 ގަޑިއިރު ހޭދަވި ކަމަށް ވެއެވެ.

ގައުންގައި އެމްބްރޮއިޑަރީ ކުރި އިރު "ފެމިލީ' "ހޯޕް" އަދި "ކޮމްޕޭޝަން" ވަނީ ލިޔެފައެވެ. މީގެ އިތުރުން ނިކޮލަސް ޖެރީ ޖޯނާސް އާއި އެމީހުންގެ ކައިވެނި ދުވަހާއި ދެފަރާތުގެ މައިންބަފައިންގެ ނަންވެސް ވަނީ ހެދުމުގައި ހިމަނާފައެވެ. ނިކްގެ މަންމަ ޑެނީސް ޖޯނާސްގެ ކައިވެނީގެ ގައުންގެ ބައެއްވެސް ވަނީ ޕްރިޔަންކާގެ ގައުންގައި ހިމަނާފައެވެ.

ރަލްފް ވަނީ ކައިވެނީގެ 12 ބްރައިޑްސް މެއިޑް އާއި 12 ގްރޫމްސްމެން އަދި ހަތަރު ފްލާވާ ގާލް އާއި އެއް ރިންގް ބިއެރާގެ ހެދުންވެސް ޑިޒައިން ކޮށްފައެވެ. މީގެ އިތުރުން ދެފަރާތުގެ މައިންބަފައިންގެ ހެދުންތައްވެސް ޑިޒައިން ކުރީ ރަލްފް އެވެ.

ރަލްފް މިހާތަނަށް ވެޑިން ޑްރެސް ޑިޒައިން ކޮށްދީފައި ވަނީ ހަމަ އެކަނި އޭނާގެ އަންހެން ދަރި އާއި ފިރިހެން ދަރީގެ އަންހެނުން އަދި އޭނާގެ ނީސް އަށެވެ. ޕްރިޔަންކާ ބުނި ގޮތުގައި ރަލްފް އަމިއްލައަށް އޭނާގެ ހެދުން ޑިޒައިންކުރަން ބޭނުން ވީ އެ ދެމީހުންގެ ގުޅުމުގައި ރަލްފްގެ ވަރަށް ބޮޑު ހިއްސާއެއް ވާތީއެވެ.

2017 ވަނަ އަހަރު މެޓް ގާލާއަށް ނިކް އާއި ޕްރިޔަންކާ ޑްރެސް ކުރީ ރަލްފް އެވެ. އެއީ އެންމެ ފުރަތަމަ މި ދެތަރިން ބައްދަލުވި ދުވަސްވަރެވެ. މި ދުވަހަކީ ދެތަރިން އެކީގައި ފުރަތަމަ ރެޑް ކާޕެޓުގައި ފެނުނު ދުވަހެވެ.

ހިންދޫ ކައިވެނީގައި ޕްރިޔަންކާ ލި ރަތް ލެހެންގާ އަކީ ބޮލީވުޑްގެ މަޝްހޫރު ޑިޒައިނަރު ސަބްނާސަޗީ ޑިޒައިންކޮށްފައިވާ ހެދުމެކެވެ. މި ލެހެން ޑިޒައިން ކޮށްފައިވަނީ ހޭންޑް ކަޓް އޯގަންޒާ މަލުންނެވެ. މީގެ އިތުރުން ރަތް ކުލައިގެ ކްރިސްޓަލްސް އާއި ޕްރެންޗް އެމްބްރޮޑައީ ވަނީ ހިމަނާފައެވެ. 3720 ގަޑި އިރު ނަގައިގެން ފެހި މި ހެދުން ތައްޔާރުކުރުމަށް ކަލްކަތާއިން 110 އެމްބްރޮއިޑަރުން ވަނީ ބައިވެރިވެފައެވެ.

ޕްރިޔަންކާ ބުނީ ކައިވެނީގައި ލާނީ ރަތް ހެދުމެއްކަން ކުރީންވެސް އެނގޭ ކަމަށާއި ނަމަވެސް ސަބްޔާސަޗީ ވަނީ އޭނާ ބޭނުންވި ހެދުން މުޅިން ތަފާތުކޮށް ޔުނީކު ކޮށްލާފައި ކަމަށެވެ. މި ހެދުމުން އިންޑިއަން އަދި ވެސްޓާން މިކްސް މުޅިން ދޭހަކޮށްދޭ ކަމަށް ޕްރިޔަންކާ ބުންޏެވެ.

ސަބްޔާސަޗީ ވަނީ މިދިޔަ މަހު ކައިވެނި ކުރި ދީޕިކާ ޕަޑުކޯން އަދި ރަންވީރު ސިންގުގެ ކައިވެނީގެ ހުރިހާ ހަފްލާތަކެއްގެ ހެދުންތައް ވެސް ޑިޒައިން ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟