ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މެޗުތައް އޮގަސްޓް މަހު ބޭއްވުމަށް ޔުއެފާ އާއި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ ގައުމުތަކުގެ ޑޮމެސްޓިކް ފުޓްބޯޅަ ލީގުތައް ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް ވެސް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔުއެފާ އިން ބޭނުންވަނީ ހުރިހާ އޮޕްޝަނެއް ވެސް މިވަގުތަށް ހުޅުވާލާފައި ބޭއްވުމަށެވެ. ސަބަބަކީ އަންނަ މަހު ވެސް ލީގުތައް ފެށޭނެ ކަމުގެ ޔަގީން ކަން ނެތީމައެވެ. ނަމަވެސް ލީގުތައް އެންމެ އަވަހަށް ފެށުނަސް ފެށޭނެ ކަމަށް ލަފާކުރެވެނީ އަންނަ މަހުގެ ފަހުކޮޅުއެވެ. އެހެންވެއްޖެ ނަމަ ޖުލައި ނިމެންވާއިރަށް ލީގުތައް ފުރިހަމަކުރެވޭނެ ކަމަށް ޔުއެފާ އިން ގަބޫލުކުރެ އެވެ.
ކޮވިޑް 19 ފެތުރެމުން ދިއުމާއި ގުޅިގެން މެދު ކަނޑާލި އިރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލުގެ އިތުރުން ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ، ޗެލްސީ އާއި ބަޔާން މިއުނިކް، ލިޔޯން އާއި ޔުވެންޓަސް އަދި ނަޕޯލީ އާއި ބާސެލޯނާގެ ދެ ވަނަ ލެގުގެ މެޗުތައް ކުޅެން އެބައޮތެވެ.
މީގެ އިތުރުން ޔުރޮޕާ ލީގަށް ބަލާއިރު ކުއާޓާ ފައިނަލާއި ސެމީ ފައިނަލާއި، ފައިނަލުގެ އިތުރުން ގަދަ 16 ޓީމުގެ ގިނަ މެޗްތަކެއް އަދި ނުކުޅެވި އެބައޮތެވެ.