ރިޕޯޓް

ފަސް ދުވަހުގެ ތުއްތު ކުއްޖަކާއެކު މާލޭގައި ހާލުގައިޖެހުނު ދެމަފިރިޔަކަށް ޒުވާނަކު ދިނީ ދިރުއުޅޭ އެޕާޓްމެންޓް

މުހައްމަދު ސިމާއު

2

ފުރަބަންދުގައި އޮތް މާލޭގެ މަގުތައް އޮތީ ފަޅަށެވެ. ދެބޭން ތިބީ ދަބަސްތަކާއެކު މަގުމަތި ވެފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. އުޅޭ ގެއިން ނެރެލީ ކުލި ނުދެއްކިގެންނެވެ. ދާނެ ގެއަކަށް ވެސް ހުރީ ދައްތައެއްގެ ގެއެކެވެ. އެމީހުން އެގެއަށް ގެންދާކަށް ދައްތަ ބޭނުމެއް ނުވެއެވެ. ފަހުން ފޯނުވެސް ނުނެގިއެވެ. އެންމެފަހުން ދެބެން ގެންދިޔައީ ދައުލަތުގެ ބެލުމުގެ ދަށަށެވެ. ވަގުތީ ހިޔާއަކަށެވެ.

މިއީ ކޮވިޑް 19އާ ގުޅިގެން ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ކުއްޔަށް އުޅޭ ތަނަށް ކުލި ނުދެއްކިގެން މަގުމަތިކޮށްލި ދެބޭންގެ ވާހަކައެވެ. ތެދެކެވެ. މިއީ ދަތި ދުވަސްތަކެކެވެ. އެންމެންވެސް އުޅެމުން މިދަނީ އުދަނގުލުގައެވެ. އާމްދަނީ ލިބޭ ދޮރުތައް ބަންދުވެ ތިންގަނޑީގައި ހަމަޔަށް ކައިބޮއި ނޫޅެވޭ ހިސާބަށް ބައެއް މީހުންގެ ހާލަތު ވަނީ ގޮސްފައެވެ. އުޅޭ ތަނަށް ދައްކަން ޖެހޭ ކުލި ނުދެއްކި ތިބި މީހުން ގިނަ އެވެ.

ނަމަވެސް ހިތާމައަކީ މިދަނޑިވަޅުގައި ވެސް ރަހުމެއް ނެތި އެފަދަ މީހުން ނެރެ މަގުމަތިކުރަމުންދާކަމެވެ. އިންސާނިއްޔަތުކަމެއް ނެތި ބިކަ ކޮށްލާ ކަމެވެ. ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކު ވިދާޅުވާ ގޮތުންނަމަ މިފަދަ އެތައް މައްސަަލައެއް ދަނީ ހުށަހެޅެމުންނެވެ. ހާއްސަކޮށް މާލެއިންނެވެ.

އެކަމަކު އެއީ ހުރިހާ ދިވެހިންނެއް ނޫނެވެ. މިދަނޑިވަޅުގައި ކުއްޔަށް އުޅޭ ތަންތަނުގެ ކުލި ކުޑަކޮށްދިން ގޭގޭގެ ވެރިން ވެސް މަދެއް ނޫނެވެ. ކުރިއަށް އޮތް ތިން މަހު ނުވަަތަ މި ހާލަތުން އަރައިގަންނަންދެން ކުލި ނުނަގަން ނިންމި މީހުން ވެސް އެބައުޅެއެވެ.

ކޮވިޑާ ގުޅިގެން ވަންނާނެ ތަނެއް ނެތި މީހުން ހާލުގައި ޖެހެމުން އަންނަ ވާހަކަ އިވި ޒުވާނަކު ކުރި ޕޯސްޓެކެވެ. އެ ޒުވާނާގެ ޕޯސްޓުގައި ބުނެފައިވަނީ ހާލުގައި ޖެހިފައިވާ ކޮންމެވެސް ބަޔަކަށް އޭނާ ކުއްޔަށް ނަގައިގެން އުޅޭ އެއް ކޮޓަރީގެ އެޕާޓްމަންޓް ދޭން ނިންމާފައިވާ ކަމަށެވެ. އަދި މި ހާލަތުން އަރައިގަންނަންދެން އެތަނުގައި އުޅޭ ބަޔަކަށް ކުލި ދައްކައިދޭނީ ވެސް އޭނާ ކަމަށް ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލުގައި ޖެހިފައިވާ ބަޔަކަށް އެތަން ދޭން އެ ޒުވާނާ ނިންމީ މާލޭ ސަރަހައްދު ލޮކްޑައުންވުމާ ގުޅިގެން ރަހުމަތްތެރިއެއްގެ ގެއަށް އޭނާ ބަދަލުވުމުން އެޕާޓްމަންޓް ހުސްކޮށް ހުރުމުންނެވެ. މިހާރު އެ އެޕާޓްމެންޓުގައި ދިރިއުޅެނީ އުމުރުން ފަސް ދުވަހުގެ ކުއްޖަކާއި އެކުއްޖާގެ މަންމައާއި ބައްޕަ އެވެ.

އެއީ ރަށަކުން މާލެއަށް ވިހަން އައި ދެމަފިރިންނެވެ. ލޮކްޑައުންއާ ގުޅިގެން ތިބޭނެ ތަނެއް ނެތި އަދި ރަށަށް އަނބުރާ ދެވޭނެ ގޮތެއް ނެތި ތުއްތު ކުއްޖާއާއެކު އެމީހުން މަގުމަތިވީ އެވެ.

އެ ޒުވާނާ ކުރި އިތުރު ޕޯސްޓެއްގައި ބުނީ، މިދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ވެސް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތުގައި އެހީވުމަށް ކުޑަ ވޮލަންޓިއާ ގުރޫޕެއް ހަދާފައިވާ ކަމަށާއި އެކަމަށް ބައެއް ފިހާރަތަކާއި އާއިލާތަކުގެ އެހީތެރިކަމާއި ސްޕޮންސާ ލިބެމުން އަންނަ ކަމަށެވެ. އަދި އެހީތެރިވާން ބޭނުންވާ ވޮލަންޓިއަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޒުވާނާ ބުނެއެވެ.

މިއީ މިދަނޑިވަޅުގައި ޒުވާނަކު ދެއްކި އިންސާނިއްޔަތުކަމުގެ ފުރިހަމަ ނަމޫނާއެކެވެ. އެހެން މީހުންނަށް މިސާލެކެވެ. ޒުވާނާގެ އެ ނިންމުމާ ގުޅިގެން އެތައް ބައެއްގެ ޝުކުރާއި ތައުރީފު އޭނާއަށް އަންނަނީ ލިބެމުންނެވެ.

މި ފަދަ ނަމޫނާތަކުން ގިނަ ބަޔަކު ހިތްވަރު ލިބިގަންނަން ޖެހެ އެވެ. މިއީ އެންމެނަށް ކުރިމަތިވެފައި އޮތް ހާލަތެކެވެ. މުޅި އިންސާނީ ޖީލަށް ދިމާވެފައި އޮތް ހާލަތެކެވެ. އެއްވެސް މީހަކަށް އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ. ދައުލަތުގެ ވަޒީފާގައި ތިބި މަދު މީހަކަށް ފައިސާ ފޮއްޗެއް ލިބުނަސް އެފަދަ އާއިލާ ތަކުގެ ދެން ތިބި އެންމެންގެ ވަޒީފާ ގެއްލިފައި ވުމުން އެލިބޭ މުސާރަކޮޅު މުޅި އާއިލާއަށް އަދި ދެވެން އޮތް ނަމަ ރަހުމަތްތެރިޔާއަށް ވެސް އޭގެން 500 ރުފިޔާ ވިޔަސް ދިއްކޮށްލަން ޖެހޭ ފަދަ ހާލަތަށް ބައެއް އާއިލާތަކުގެ ހާލަތު ވަނީ ފެއްޓިގަ އެވެ. އެހެން ކަމުން މިއީ އެންމެންވެސް އިންސާނިއްޔަތުކަން ކުރިޔަށް ނެރެންވީ ވަގުތެވެ. ދަތި ހާލުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތެވެ. ނިކަމެތި މީހާ ނުވަތަ ހާލުގައި ޖެހިފައިވާ މީހާ އިތުރަށް ނިކަމެތިކޮށް ބިކަކޮށްލުމަކީ އިންސާނިއްޔަތުކަން ހުރި ބަޔަކު ކުރާނޭ ކަމެއް ނޫނެވެ.