އަލީ ޔާމިން
ސްޓާވާސްއަކީ ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަގުބޫލުވި ފިލްމެކެވެ. އެ ފިލްމުވަނީ ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ. ހާއްސަކޮށް ފުރާވަރުގެ ކުދިން އެ ފިލްމަށް ހާއްސަ ލޯތްބެއް ކުރެއެވެ.
އެގޮތުން ގިޔާސުއްދީން ސްކޫލުގެ ގްރޭޑް 10އެއްގައި ތައުލީމު ހާސިލްކުރަމުން އަންނަ އުމުރުން 15 އަހަރުގެ ރައިހާން އަލީ ނިޝާމް އަކީ ސްޓާވާސްއަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ކުއްޖެކެވެ. އެ ލޯބި އޭނާ ދައްކައިދިނީ ކަރުދާސް ފޮށި ބޭނުންކޮށްގެން ހަދާފައިވާ ސްޓާވާސްގެ މެލީނިއަމް ފެލްކޮން ރެޕްލިކާއަކުންނެވެ.
މެލީނިއަމް ފެލްކޮން ހެދުމަށް ދެ ކަރުދާސް ފޮށިގަނޑު ރައިހާން ބޭނުންކޮށްފައި ވެއެވެ. އޭގެ އިތުރުން ގްލޫ ގަންއަކާއި ސިލިކޯން ގްލޫއާ ޓޭޕްވެސް ބޭނުންކޮށްފައި ވެއެވެ.
ކޮންމެ ދުވަހަކު ދެ ގަޑިއިރު މަސައްކަތްކޮށްގެން ރައިހާނަށް މެލީނިއަމް ފެލްކޮން ހެދުމުގެ މަސައްކަތް އެއްކޮށް ފުރިހަމަ ކުރެވުނީ ދެ ހަފުތާއިންނެވެ.
ލޮކްޑައުންގެ މުއްދަތުގައި ރައިހާން ހަދާފައިވާ މެލީނިއަމް ފެލްކޮންގެ ފޮޓޯތައް މީސް މީޑިއާގައި ވައިރަލްވެފައިވާއިރު އެތައް ބަޔަކު އަންނަނީ އެ މެލީނިއަމް ފެލްކޮން ފުރިހަމަކަމަށް ބުނެ އޭނާއަށް ތައުރީފު ކުރަމުންނެވެ.