(20 އޭޕްރީލްގެ އަދަދާއި ގުޅޭ)
އިރުކޮޅެއްގެފަހުން ޒަރުބަޚުތު އިންނެވީ އެގޭގެ ބައްދަލުކުރައްވާ ކޮޓަރީގައެވެ. ފުރޭބުރުޒުގެ ކުރިފުޅުމަތީގައެވެ. ފުރޭބުރުޒު އިރުކޮޅެއްވަންދެން ޒަރުބަޚުތާ ދިމާޔަށް ބައްލަވަން މަޑުމަޑުން އިންނެވިއެވެ. އިރުކޮޅަކުން އޭނާ ވިދާޅުވިއެވެ. "ޒަރުބަޚުތެވެ. އަޅުގަނޑަށް ހީވާގޮތުގައި ހަނގުރާމައިގެ މައިދާނުން އެނބުރިވަޑައިގަންނަވާންޖެހުމަކީ ކަލާ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމެއް ނޫނެވެ. ޝައްކެއްނެތެވެ. ސިފައިންގެ މީހެއްގެ ޤާބިލިއްޔަތު ކުރިއަރައިގެންދާނީ ހަނގުރާމައިގެ މައިދާނުގައެވެ. ކަލާ އަޅުގަނޑު މާޔޫސް ނުކުރެއްވީތީ އަޅުގަނޑު އުފާކުރަމެވެ. ނަމަވެސް މިހާރު އަޅުގަނޑު މިތަނަށް ކަލާ ބޭނުމެވެ. މިހާރުގެ ޙާލަތަށް ވިސްނައިވަޑައިގެން ޝަހެންޝާހު އުރުދުޝޭރު ވަނީ ފާރަވެރީންގެ ލަޝްކަރުގެ ޢަދަދު އިތުރުކުރައްވާން ނިންމަވައިފައެވެ. އަޅުގަނޑުމެން ނިންމައިފައިވަނީ ދިހަހާސް ސިފައިން އިތުރުކުރާގޮތަށެވެ. އެމީހުން ތަމްރީނުކުރުމަށްޓަކައި އަޅުގަނޑު ކަލާ ބޭނުމެވެ. މިހާރު އުރުދުޝޭރު އަވަހާރަވެއްޖެއެވެ. ފާރަވެރީންގެ ލަޝްކަރުގެ ޢަދަދު އިތުރުކުރެއްވުމާމެދު އައު ޝަހެންޝާހު ގެންގުޅުއްވަނީ ކޮންކަހަލަ ވިސްނުންފުޅެއްކަމެއް އަދިއެއް ނޭނގެއެވެ. ކޮންމެގޮތެއްގައިވެސް މިއަދަށްފަހު ކަލާ މަސައްކަތް ކުރައްވާނީ މަދާއިނުގައެވެ. އަޅުގަނޑުގެ ނާއިބެއްގެ ޙައިޘިއްޔަތުންނެވެ."
ޒަރުބަޚުތު އިޙްސާންތެރިކަން ޤަބޫލުކުރެއްވުމުގެ ޖަޒުބާތުން ފުރިވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. "އަޅުގަނޑަކީ މަސްއޫލިއްޔަތެއް ޙަވާލުކުރައްވަން އެކަށީގެންވާ މީހެއްކަމުގައި މަނިކުފާނު ދެކެވަޑައިގެންނެވުމަށްވުރެ ބޮޑު ނަސީބެއް އަޅުގަނޑަށް ލިބޭނީވެސް ކިހިނަކުންތޯއެވެ."
"މާދަމާ ހެނދުނު އަޅުގަނޑުގެ އޮފީހަށް ވަޑައިގަންނަވާށެވެ. ބޭނުންތެރި އިރުޝާދުތައް އެތަނުން ލިބިވަޑައިގަންނަވާނެއެވެ."
ޒަރުބަޚުތު ތެދުވެވަޑައިގެންފިއެވެ. ނަމަވެސް ފުރޭބުރުޒު އަތްޕުޅުން އިޝާރަތްކޮށްލެއްވުމުން ޒަރުބަޚުތު އިށީނދެވަޑައިގެންފިއެވެ. ފުރޭބުރުޒު އަތްތިލަބަޑި ޖައްސަވައިލެއްވުމުން ކާފޫރު އެކޮޓަރިޔަށް ވަދެއްޖެއެވެ. ފުރޭބުރުޒު ވިދާޅުވިއެވެ. ސަރޫޝާއި يـاسمـين އާ މިތަނަށް ފޮނުވާށެވެ."
ކާފޫރު އެނބުރި ހިނގައްޖެއެވެ. މާގިނައިރެއްނުވަނީސް އެއްކަލަ ފިނިފެންމާ ބިންނާންހުއްޓައި ޒަރުބަޚުތު ދެކެވަޑައިގެންނެވި ރީތި އަންހެންކުއްޖާ ވަރަށް މާތް ވައްތަރުޖަހާ ރީތި ފިރިހެނަކާއެކު އެކޮޓަރިޔަށް ވަދެއްޖެއެވެ. ފިރިހެންމީހާގެ އުމުރު ސާޅީހަށްވުރެ ތަންކޮޅެއް މައްޗަށް ހިނގައިދާނެއެވެ.
ފުރޭބުރުޒު ވިދާޅުވިއެވެ. "ޒަރުބަޚުތުއެވެ. މިއީ އަޅުގަނޑުގެ އެކޮއްކޮއާއި އޭނާގެ ދަރިފުޅެވެ."
ޒަރުބަޚުތު ތެދުވެވަޑައިގެން ވަރަށް ހޫނު ތަރުޙީބަކާއެކު ސަރޫޝާ މުސާފަޙާކުރައްވައިފައި ސަރޫޝުގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ.
ފުރޭބުރުޒު ސަރޫޝާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ޒަރުބަޚުތުގެ ބައްޕާފުޅަކީ އަޅުގަނޑުގެ ރަޙުމަތްތެރިއެކެވެ."
ސަރޫޝު ވިދާޅުވިއެވެ. "ކަލާއާ ބެހޭގޮތުން އަޅުގަނޑު ވަރަށްގިނަ ވާހަކަ އަޑުއަހައިފީމެވެ. އެބޭބެ ވިދާޅުވާގޮތުގައި ކަލާ މުސްލިމުންނާ ދެކޮޅަށް އެތައް ހަނގުރާމައެއްގައި ބައިވެރިވެވަޑައިގެންފީމުއެވެ. ތިޔަ ވަޑައިގެންނެވީވެސް ސީދާ ހަނގުރާމައިގެ މައިދާނުންނެވެ. މުސްލިމުން ހީރަތާ ދިމާޔަށް ކުރިއަރަމުންދާއިރު ޖާބާނުގެ ލަޝްކަރު ހީރަތާ އެތަކެއް މަންޒިލު ދުރުގައި ފޭލިގެޖަހައިގެން ބަހުމަންގެ އެންގެވުމެއްގެ އިންތިޒާރުގައި ތިބި ވާހަކަޔަކީ ޙަޤީޤަތެއްތޯއެވެ؟ އަދިއެއް އަޅުގަނޑަކަށް ބަހުމަނަކާ ބައްދަލުކުރާކަށެއް ވަގުތެއް ނުލިބެއެވެ. މަދާއިނުގެ ލަޝްކަރުގެ މަތީ އޮފިސަރުންގެ ވާހަކަފުޅުތަކުން އެނގުނުގޮތުގައި ބަހުމަން ހުންނަވަނީ ހީރަތާމެދު ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ. އޭގެ ސަބަބެއް ވިދާޅުވެދެއްވާނެތޯއެވެ؟"
ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "ބަހުމަން ވާޖިބު އަދާކުރައްވާގޮތާމެދު މަނިކުފާނަށް އިތުބާރު ކުރެއްވިދާނެއެވެ. އަޅުގަނޑަށް ޔަޤީނެވެ. ދުޝްމިނުން ހީރަތާ ދިމާޔަށް ދާކަށެއް ބަހުމަން ތަންވަޅެއް ނުދެއްވާނެއެވެ."
ފުރޭބުރުޒު ޒަރުބަޚުތުގެ ވާހަކަފުޅު މެދުކަނޑުއްވައިލައްވައިފައި ވިދާޅުވިއެވެ. "މުސްލިމުން ހީރަތާ ދިމާޔަށް ކުރިއަރަމުންދާ ވާހަކަޔަކީ މިހާރު ބާ ވާހަކައެކެވެ. މިހާރު އެކޮއްކޮ ސުވާލުކުރައްވަންވީ ހީރަތަށްފަހު މުސްލިމުންގެ އެންމެފުރަތަމަ މަންޒިލަކަށްވާނީ ކޮންތަނެއްތޯއެވެ. ނުވަތަ ބަހުމަން އޭނާގެ ޢަސްކަރީ ޖައުހަރު ދައްކައިލައްވަން ޚިޔާރު ކުރައްވާނީ ކޮންމައިދާނެއްތޯއެވެ. އެކޮއްކޮ ތިޔަހުންނަވަނީ މުސްލިމުންގެ ލަޝްކަރާއި އެބައިމީހުންގެ ކޮމާންޑަރ އިން ޗީފްގެ ވާހަކަ އައްސަވާހިތްޕުޅުންނެވެ. އަޅުގަނޑަށް ޔަޤީނެވެ. ޒަރުބަޚުތު އެކޮއްކޮގެ ހުރިހައި ސުވާލުތަކަކަށް ފުރިހަމަޔަށް ޖަވާބުދެއްވާނެއެވެ."
ސަރޫޝް ޒަރުބަޚުތާ ސުވާލުކުރެއްވިއެވެ. "އެތައްސަތޭކަ އަހަރެއްގެ ކުރީއްސުރެ އަޅުގަނޑުމެން ހަނގުރާމަކުރަމުން މިގެންދަނީ ރޫމީންނާއި ޔޫނާނީންފަދަ ބާރުހުރި ގަދަފަދަ ދައުލަތްތަކާއެވެ. އަޅުގަނޑުމެންގެ ކޮމާންޑަރުން ފިޔަވައި އާއްމު ސިފައިންގެ މީހުންނަށްވެސް ވަނީ ބޮޑެތި ލަޝްކަރުތަކާ ހަނގުރާމަކުރުމުގެ ހޭޑިފޭޑި ދަސްކޮށްދެވިފައެވެ. ހަނގުރާމަތަކަށް ހާނުވައި ތަމްރީނު ދެވިފައެވެ. އެކަމަކު ޢިރާޤުގައި އަޅުގަނޑުމެންގެ ލަޝްކަރު ވަނީ އެ ސަހަރާތަކުގެ ބަދަވީންގެ ކުރިމަތީގައި ނުކުޅެދިފައެވެ. އެބައިމީހުންނަކީ މާޒީގެ ތާރީޚުގައި ހަމައެކަނި އެކިއެކި ޤަބީލާތަކުގެ މެދުގައި ތަޅައިފޮޅައި އުޅުނު ބަޔެކެވެ. އެމީހުން ކުއްލި ޙަމަލައެއްދީ އަޅުގަނޑުމެންގެ ސަރަޙައްދީ ޗެކްޕޯސްޓެއްގައި ތިބިމީހުންކޮޅު ވަށައިލި ވާހަކަ ނުވަތަ އަޅުގަނޑުމެންގެ ޣާފިލުކަމުގެ ފައިދާ ހޯދައިގެން ކޮންމެވެސް ދުރު އަވަށެއް ހިފައިފި ވާހަކަ އަޑުއިވޭނަމަ އެކަމަކާ އަޅުގަނޑު ހައިރާނެއް ނުވީހެވެ. ޢަރަބިކަރައިގެ ވިއްސިވިހާލިވެ ބައިބައިވެފައިވާ ޤަބީލާތައް ކުއްލިޔަކަށް އެއްވަލަކަށް މަހައިލެވި އެކަތިގަނޑަކަށްވެގެން ވަރުގަދަ ޢަސްކަރީ ބާރަކަށް ވެއްޖެކަމުގައި ބުނެވޭ އަޑުއިވުމުން އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. އަޅުގަނޑުމެން އެތައްސަތޭކަ އަހަރެއްގެ ތަޖުރިބާއިން ހޯދި ހަނގުރާމައިގެ ހުނަރުވެރިކަން އެބައިމީހުން ވިއްސަކަށް ފަންސަވީހަކަށް އަހަރުގެ ތެރޭގައި ހޯދައިގަތީ ކިހިނަކުންތޯއެވެ؟"
ޒަރުބަޚުތު ޖަވާބުދެއްވިއެވެ. "ޢަރަބީން އެއްފުށުން އަނެއްފުށަށް މުޅީން ބަދަލުވެގެން މިދިޔަދިޔުމަކީ މިޒަމާނުގެ އެންމެބޮޑު މުޢުޖިޒާއެވެ. ހަނގުރާމައިގެ މައިދާނުން އެބައިމީހުންނާ ބައްދަލުވުމުން ހީވަނީ އެބައިމީހުންނަކީ ބޮޑެތި ލަޝްކަރުތަކާ ހަނގުރާމައިގެ މައިދާނުގައި ބައްދަލުކޮށް ހަނގުރާމަކޮށްކޮށް ކުރަލައިފައި ތިބި ބައެއްހެންނެވެ. އަޅުގަނޑަށް އެންމެފުރަތަމަ ހީވީ ތަޖުރިބާކާރު ރޫމީ ނުވަތަ އީރާނީ ޖަނަރަލަކު އެބައިމީހުންނަށް އިރުޝާދު ދެނީކަމުގައެވެ. ނަމަވެސް މިހާރު އަޅުގަނޑުމެންގެ އިންތިހާދަރަޖައިގެ ތަޖުރިބާކާރު ޖަނަރަލުންނަށްވެސް އިޢުތިރާފުވެވަޑައިގަންނަވަން މަޖުބޫރުވެވަޑައިގެންފައިވާ ޙަޤީޤަތަކީ އީރާނާ ޙަމަލަދޭން އައު ދައުލަތެއް މައިދާނަށް ނުކުމެއްޖެކަމެވެ. މުޅިން އައު ޤައުމެއް ކުރިމަތިލައިފިކަމެވެ. އެބައިމީހުންގެ ކޮމާންޑަރުން ވަނީ ހަނގުރާމަތައް ކާމިޔާބުކުރަން އަޅުގަނޑުމެން ނުދަންނަ ހުނަރުތަކެއް ދަސްކޮށް ފަރިތަކޮށްފައެވެ. އަޅުގަނޑުމެން އެބައިމީހުނާ ކުރިމަތިލާން މައިދާނެއް ޚިޔާރުކުރާއިރު އަޅުގަނޑުމެން ބަލަނީ އެމައިދާނެއްގައި އަޅުގަނޑުމެން ބަލިވުމުގެ ނުވަތަ މޮޅުވުމުގެ އެކަށޭނަކަން އޮތީ ކިހައިވަރަކަށްކަމެވެ. ވިއްސަކަށްހާސް ސިފައިން ބޭނުންވާ ހަނގުރާމަތަކުގައިވެސް އަޅުގަނޑުމެންގެ ކޮމާންޑަރުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވަނީ އެބޭފުޅުންގެ ދިދައިގެ ދަށަށް ސާޅީހަކަށްހާސް ސިފައިން ޖަމާވުމުންނެވެ. އެކަމަކު މުސްލިމުން މައިދާނަކަށް ނިކުންނައިރު އެމީހުންގެ ސިފައިންގެ ޢަދަދަކީ ކޮބައިކަމެއް ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. އެބައިމީހުން އެންމެ އާދައިގެ ސިފައިންގެ މީހާވެސް ފަތަޙައިގެ ގެރެންޓީއެއްކަމުގައި ބަލަނީ ޢަޒުމާއި ޔަޤީންކަމެވެ. ހަނގުރާމައިގެ މައިދާނުގައި އެމީހުން ތިބެނީ ސަމާޔަކަށް އެއްވާ މީހުންތަކެއްހެން ފޯރިއާއި ޖޯޝު އައިސްފައެއް ނޫނެވެ. އެބައިމީހުންގެ އެއްވެސް ޙަމަލައަކީ ވަގުތީ ޖޯޝެއްގެ ނުވަތަ ހާސްކަމެއްގެ ނަތީޖާއެއް ނޫނެވެ. އެމީހުންގެ އެންމެ އާދައިގެ ސިފައިންގެ މީހާއިން ފެށިގެން ކޮމާންޑަރ އިން ޗީފާ ހަމަޔަށްވެސް ވިސްނަނީ އެއްސިކުނޑިޔަކުންނެވެ. އެބައިމީހުންގެ ޙަމަލަތައް ހުންނަނީ ޠޫފާނީ ވައިރޯޅިތަކެއްހެން މެދުކެނޑުމެއްނެތި އެއްބާރުމިނެއްގައެވެ. ސަހަރާތަކުގެ ވެލިފުނިފުނި ބުރުއްސައިލައިގެން ގެންދާ ވައިރޯޅިތައް ފަދައިންނެވެ. މިވެނި މައިދާނެއްގައި އަޅުގަނޑުމެން ބަލިވާންޖެހުނީ ކީއްވެގެންތޯ މަނިކުފާނު ސުވާލުކުރައްވައިފިނަމަ އަޅުގަނޑަށް ކުޑަވެސް ބިރަކާއި ޖެހިލުންވުމަކާނުލައި ޖަވާބު އެރުވިދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ އެންމެ ތަޖުރިބާކާރު ޖަނަރަލުންނަށްވެސް މުސްލިމުންގެ ކޮމާންޑަރ އިން ޗީފް އެވެނި މައިދާނެއްގައި މިވެނި ކުށް ފިޔަވަޅެއް އެޅުއްވިޔެކޭ ވިދާޅެއް ނުވެވޭނެއެވެ. خــالــد بــن الـوليـد ގެ ކާމިޔާބީގެ އެންމެބޮޑު ސިއްރަކީ އޭނާގެ އަވަސް ފިޔަވަޅުފުޅުތަކެވެ. ހަލުވި ބާރުމިނެވެ. އޭނާ ކޮންމެވެސް މައިދާނަކުން ފާޅުވެވަޑައިގަންނަވާއިރު އަޅުގަނޑުމެންނަށް ހީވަނީ އޭނާގެ ކުރިފުޅުމަތީގައި ބިންގަނޑު ފަށްޖެހެމުންދާހެންނެވެ. އޭނާގެ އެންމެ ވަރުގަދަ ޙަމަލަ އަބަދުވެސް އަންނާނީ އަޅުގަނޑުމެންގެ ލަޝްކަރުގެ އެންމެ ރައްކާތެރިކަމުގައި އަޅުގަނޑުމެން ދެކޭ ދިމަދިމާޔަށެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ލަޝްކަރުގެ ވާތްފަތާރުގެ ނުވަތަ ކަނާތްފަރާތުގެ އަރިމަތި ރައްކާތެރިކުރަން ވިސްނައިގެން ތިބޭވަގުތު އޭނާ އެފުށްމިފުށަށް ޖައްސަވައިލައްވާނީ އަޅުގަނޑުމެންގެ ލަޝްކަރުގެ މެދުތެރޭގެ ސަފުތަކެވެ. އަޅުގަނޑުމެންގެ ކޮމާންޑަރ ލަޝްކަރުގެ މެދުތެރެޔަށް ސަމާލުކަން ދެއްވައިގެން ހުންނަވަނިކޮށް ފެނިވަޑައިގަންނަވަނީ خــالــد ގެ ޠޫފާނީ ގެމަތައް އަޅުގަނޑުމެންގެ ލަޝްކަރުގެ ފަހަތަށް ޙަމަލަދޭތަނެވެ.
ޝަރޫސް ވިދާޅުވިއެވެ. "خــالــد ގެ ލަޝްކަރުގެ ޖުމްލަ ޢަދަދަކީ ކޮބައިތޯއެވެ؟"
ޒަރުބަޚުތު ޖަވާބުދެއްވީއެވެ. "އަޅުގަނޑު ކަންބޮޑުކޮށްގެން ދެންނެވިކަމުގައިވިޔަސް خــالــد ގެ ލަޝްކަރުގެ ޖުމްލަ ޢަދަދު އެއްވެސް މައިދާނެއްގައި ވިއްސަކަށް ހާހަށްވުރެ ގިނައެއް ނުވާނެއެވެ. ނަމަވެސް އެލަޝްކަރު ހިރަފުހުގެ ވިލާތަކުގެ ތެރެއިން ފާޅުވާއިރު އަޅުގަނޑުމެންނަށް ހީވަނީ ބިމުގެ މޭމަތި ފަޅައިގެންގޮސް ވަރުގަދަ ބާރެއް ނިކުންނަމުންދާހެންނެވެ. އަޅުގަނޑު ކުރީން ހީކުރާގޮތުގައި މުސްލިމުން އީރާނަށް ޙަމަލަދިނުމަކީ ހެއްވާކަމެކެވެ. އެކަމަކު އަޅުގަނޑު މިހާރު އެއީ ސަމާސާކަމެއް ކަމަކަށެއް ނުބަލަމެވެ."
ފުރޭބުރުޒު ވިދާޅުވިއެވެ. "ޙަޤީޤަތް ޤަބޫލުކުރުމަކީ ރަނގަޅު ސިފައިންގެ މީހެއްގެ ކިބައިގައި ހުންނާންޖެހޭ އެންމެ ފުރަތަމަ ސިފައެވެ. ނަމަވެސް ކަލާ މަދާއިނުގެ އެހެން އެއްވެސް މަހެފިލެއްގައި ތިޔަގޮތަށް ވާހަކަ ނުދައްކަވައްޗެވެ."
ސަރޫޝް ވިދާޅުވިއެވެ. ޢިރާޤުގައި މުސްލިމުން ހޯދި އިބްތިދާއީ ކާމިޔާބީގެ ސަބަބުން ކަލާގެ ހިތްޕުޅަށް ތިޔަ ވަނީ ވަރަށްބޮޑަށް އަސަރުކޮށްފައެވެ. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި މުސްލިމުންނާއި އީރާނާ ދެމެދު އަދިއެއް ރަސްމީގޮތުން ހަނގުރާމައެއް ނުފެށެއެވެ."
ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މާޔޫސެއް ނުވަމެވެ. ނަމަވެސް އަޅުގަނޑު ކަނޑައެޅިގެން ދަންނަވާނަމެވެ. އީރާނުގެ ނަކުވާއިންގެ ހިތްޕުޅުގައި އަދިވެސް މުސްލިމުންގެ ނުރައްކަލުގެ ރަނގަޅު އިޙްސާސެއް ނުއުފެދެއެވެ."
ސަރޫޝް ވިދާޅުވިއެވެ. "އޭގެ ސަބަބަކީ ޙާލަތު އެންމެ ނުބައިވެގެންދާއިރުވެސް އަޅުގަނޑުމެން ޢަރަބީންނަކީ އީރާނާ ވަރުންއަޅައިލެވޭފަދަ ބަޔަކުކަމުގައެއް ނުބަލަމުއެވެ. ކަލާ ކަންބޮޑުވެވަޑައިނުގަންނަވާށެވެ. ނިދައިފައިވާ ސިންގާ ހޭލާކަށެއް މާލަހެއް ނުވާނެއެވެ. ޢިރާޤު ޙިމާޔަތްކުރުމަކީ އެތާނގެ މީހުންގެ އަމިއްލަ ކަމެއްކަމުގައި އަޅުގަނޑުމެންނަށް ބެލެވޭކަމީ ހިތާމަހުރި ކަމެކެވެ. ނަމަވެސް އީރާނުގެ މިނިވަންކަމަށް ނުރައްކަލެއް ކުރިމަތިވާއިރަށް އަލްބުރުޒު ފަރުބަދައިން ފެށިގެން މަކްރާނުގެ ސަހަރާއާ ހަމަޔަށް ހުރިހާ އީރާނީން އެކަތިގަނޑަކަށްވާނެއެވެ. އޭރުން ޢަރަބިކަރައިގެ އެންމެ ދުރު ސަހަރާތަކާ ހަމަޔަށް އަޅުގަނޑުމެން ޢަރަބީން ފައްސައި ދުރަށްލާނަމުއެވެ. އަޅުގަނޑުގެ އެދުމަކަށްވާނީ އަޅުގަނޑު އަސްފަހާނުން ފޮނުވާ ލަޝްކަރުގެ ކޮމާންޑަރުކަން ކަލާގެ އަތްޕުޅުގައި އޮތުމެވެ."
"މަނިކުފާނަކީ އަސްފަހާނުގެ ލަޝްކަރުގެ ވެރިޔާތޯއެވެ؟"
ސަރޫޝްގެ ބަދަލުގައި ފުރޭބުރުޒު ޖަވާބުދެއްވިއެވެ. "ސަރޫޝަކީ އަސްފަހާނުގެ ވަރަށްބޮޑު ރައީސެކެވެ. އޭނާގެ އަމިއްލަފުޅު ބިމުގައި ތިރީސް ރަށް ހިމެނެއެވެ. އޭނާގެ އަމިއްލަފުޅު ސިފައިންގެ ޢަދަދު އެއްހާހަށްވުރެ ގިނައެވެ. އޭނާ ވަޑައިގެންނެވީ ޝެހެންޝާހު އުރުދުޝޭރުގެ ދަޢުވަތަކަށެވެ. އެކަމަކު އޭނާޔަށް ވަޑައިގެންނެވުމުގެ އެއްގަޑިއިރު ކުރީން އުރުދުޝޭރު އެންމެފަހު ނޭވާފުޅު ދޫކޮށްލައްވައިފިއެވެ."
އިރުކޮޅެއްގެފަހުން ޒަރުބަޚުތު ގެއަށް ވަޑައިގެންނެވުމުގެ ހުއްދަ ހޯއްދަވައިގެން ތެދުވެވަޑައިގަތުމާއެކު يـاسمـين އޭނާގެ މާފާފުޅުގެ ކަންފަތްޕުޅު ކައިރީގައި މަޑުމަޑުން އެއްޗެކޭ ވިދާޅުވެއްޖެއެވެ. ފުރޭބުރުޒު އާނއެކޭ ވިދާޅުވުމުގެގޮތުން އިސްތަށިފުޅު ޖައްސަވައިލެއްވިއެވެ. އޭނާ ޒަރުބަޚުތާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "يـاسمـين ކަލާގެ ކޮއްކޯފުޅާ ބައްދަލުކޮށްލާން ބޭނުންވެއެވެ. ކަލާ ވަޑައިނުގެންނެވިނަމަ އަޅުގަނޑުހުރީ ކާފޫރާއި ނީލޯފަރާއެކު يـاسمـين ތިޔަގެޔަށް ފޮނުވަން ޤަޞްދުކޮށްގެންނެވެ. ކަލާގެ ކޮއްކޮ މިގެޔަށް ގެންނަވާށެވެ. يـاسمـين އަދި ހަފްތާއެއްހައިދުވަހު މިރަށުގައި އިންނާނެއެވެ. އަޅުގަނޑު އެދެނީ އެދުވަސްކޮޅު ماه بانو ވެސް މިގޭގައި އިންނެވުމެވެ."
ޒަރުބަޚުތު ޖަވާބުދެއްވިއެވެ. "ސާހިބާއެވެ! އަޅުގަނޑު ކޮއްކޮ ގޮވައިގެން ހަމަމިހާރު އެބައަންނަމެވެ. އަޅުގަނޑަށް ޔަޤީނެވެ. يـاسمـين އާ ބައްދަލުވުމުން ކޮއްކޮވެސް ވަރަށް އުފާވާނެއެވެ. ޒަރުބަޚުތު އިސްދަށަށް ޖައްސަވައިލައްވައިފައި ފުރޭބުރުޒާއި ސަރޫޝާ ސަލާމްކުރެއްވިއެވެ. ލަދުފުޅުން ހުންނަވައި يـاسمـين އާ ދިމާޔަށް ބައްލަވައިލައްވައިފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. ނީލޯފަރު މަގުމަތީގައި ހުއްޓެވެ. އޭނާގެ އަތުގައި ފިނިފެންމާތަކެއް ހުއްޓެވެ. ޒަރުބަޚުތު މަޑުކޮށްލެއްވުމާއެކު ނީލޯފަރު ކުރިޔަށް ޖެހިލައިފައި ޒަރުބަޚުތުގެ އަތްޕުޅަށް އެ ގުލްދަސްތާ އަރުވައިފިއެވެ. އޭނާ ދެންނެވިއެވެ. "މީގައި ހިއްޕަވާށެވެ. ماه بانو ފިނިފެންމަލަށް ވަރަށް ލޯބިކުރައްވައެވެ."
ޒަރުބަޚުތު އެގުލްދަސްތާގައި ހިއްޕަވަމުން ވިދާޅުވިއެވެ. "އެކަމަކު ކޮއްކޮ މިގެޔަށް އެބަވަޑައިގަންނަވައެވެ."
"ކޮންއިރަކުތޯއެވެ؟"
"އަހަރެން މިދަނީ ކޮއްކޮ ބަލައެވެ. އޭނާ ދުވަސްކޮޅަކު މިގޭގައި އިންނަވާނެއެވެ."
ماه بانو މިގޭގައި ބައިންދަވައިފައި މަނިކުފާނު ހަނގުރާމައިގެ މައިދާނަށް ވަޑައިގަންނަވަނީތޯއެވެ؟"
"ނޫނެކެވެ. ފަހަރެއްގައި އަހަރެންވެސް ދުވަސްކޮޅެއްވަންދެން މަދާއިނުގައި ހުންނާނަމެވެ."
ނީލޯފަރުގެ މިލައިފައިވާ މޫނު ކުއްލިޔަކަށް އުފަލުން ފޮޅިގެން ހިނގައްޖެއެވެ. ޒަރުބަޚުތު ސިކުންތުކޮޅެއްހައިއިރު ނީލޯފަރާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ އިތުރު އެއްޗެކޭ ވިދާޅުނުވެ ހިންގަވައިގެންނެވިއެވެ. އިރުކޮޅެއްގެފަހުން އޭނާ ކޯރުގެ އައްސޭރީގެ ފުޅާ މަގުން ގެޔާ ދިމާޔަށް މިސްރާބު ޖައްސަވައިފިއެވެ. އޭރު އޭނާއަށް އިޙްސްސް ކުރެއްވެވެމުންދިޔައީ އެ ސީދާސާދާ އަންހެންކުއްޖާގެ ސިއްރު ހިނިތުންވުންތައް يـاسمـين ގެ މޫނުފުޅުން ފެނިވަޑައިގެންނެވި އަލިކަމުގެ ސައިލުގެ ތެރެޔަށް ގެއްލިގެން ހިނގައްޖެކަމެވެ.
+ + + + +
އެދުވަހަށްފަހު يـاسمـين މަދާއިނުގައި އިންނަވާ ކޮންމެ ސިކުންތެއް ވެފައިވަނީ ޒަރުބަޚުތަށްޓަކައި އިންތިހާދަރަޖައިގެ އަގުބޮޑު ވަގުތުކޮޅެއްކަމުގައެވެ. ޒަރުބަޚުތު ހުންނެވީ މާޒީގެ އަނދިރި މަގުމަގުން ކެވި އެއްފަރާތްވެވަޑައިގެން އުންމީދުގެ ބައްތިތައް ވިދައިބަބުޅަމުންދާ މުސްތަޤްބަލަކާ ދިމާޔަށް ދުވެވަޑައިގަންނަވާ ހިތްޕުޅުން ބޭޤަރާރުވެފައެވެ. ނަމަވެސް އޭނާގެ ހުވަފެންފުޅުތަކުގެ ދުނިޔެއަށް ހިނިތުންވުމުގެ މުތީތައް ވިހުރުވައިލެއްވި ސަކަމިޒާޖުގެ ރީތިރީތި އަންހެންކުއްޖާއަކީ ޒަރުބަޚުތު އޭނާގެ އެންމެބޮޑު މުޙުސިން ކަމުގައި ޤަބޫލުކުރައްވާ ފަރާތުގެ މާފަދަރިކަނބަލެކެވެ. އޭނާ އެތައް ގަޑިއިރަކުވެސް އެތައްދަމެއްވަންދެންވެސް يـاسمـين އާމެދު ވިސްނައިވަޑައިގަންނަވައެވެ. ނަމަވެސް يـاسمـين ގެ ގުނައި ޢަދަދުނުވާހައިގިނަ ހިނިތުންވެފައިވާ ތަސްވީރުތަކުގެ މެދުން ކުއްލިޔަކަށް އޭނާއަށް ފެނިވަޑައިގަންނަވަނީ ފުރޭބުރުޒުގެ އަބުއި ސޫރައެވެ. އެއާއެކު މުސްތަޤްބަލުގެ ރީތި މަންޒިލުތަކަށް ދެވޭން އޮންނަ މަގުތައް ބިރުފުޅާއި ހިތާމަފުޅުގެ އިޙްސާސްގެ ތެރެޔަށްގޮސް އޮބައިލައެވެ.
ޢަސްކަރީ މަރުކަޒުގައި ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ނިންމެވުމަށްފަހު ކޮންމެދުވަހަކުވެސް ޒަރުބަޚުތު ނިކުމެވަޑައިގަންނަވަނީ ސީދާ އޭނާގެ ގެއަށް ވަޑައިގަންނަވަން ޤަޞްދުކުރައްވައިގެންނެވެ. މަގުމަތީގައި ތަންތަންކޮޅުން ހުއްޓިވަޑައިގެން ވިސްނައިވަޑައިގަންނަވައެވެ. ނަމަވެސް އެންމެފަހުން އޭނާގެ ހުރިހާ ޤަޞްދަކާއި ޢަޒުމެއްގެ މައްޗަށް ވެރިވެގަންނަނީ يـاسمـين ދެކެވަޑައިގަތުމުގެ އެދުންފުޅެވެ. އޭނާއަށް ވަޑައިގެންނެވެނީ ފުރޭބުރުޒުގެ ގެއަށެވެ. ކޮންމެދުވަހަކުވެސް ފުރޭބުރުޒު ނުވަތަ ސަރޫޝް އޭނާ ރޭގަނޑުގެ ފަރީއްކޮޅަށް މަޑުކުރުއްވައެވެ. ޒަރުބަޚުތު އެއްރެޔަކު ފަރީއްކުޅުއްވައި ނިމިވަޑައިގެން ފުރޭބުރުޒުގެ އަރިހުން ގެއަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންނެވުމުން ސަރޫޝް ކުއްލިޔަކަށް ސުވާލު ކުރެއްވިއެވެ. "ކަލާ ރާޒުވާ ކުޅުއްވަން ދެނެވަޑައިގަންނަވަމުތޯއެވެ؟"
"އާދޭހެވެ." އޭނާ ޖަވާބު ދެއްވިއެވެ. "އެކަމަކު އަޅުގަނޑަކީ މާމޮޅު ކުޅުންތެރިޔަކީމެއް ނޫނެވެ."
"އިށީނދެވަޑައިގަންނަވާށެވެ! އަޅުގަނޑަކީވެސް މާމޮޅު ކުޅުންތެރިޔެއް ނޫނެވެ."
ޒަރުބަޚުތު އިށީނދެވަޑައިގެންފިއެވެ. ފުރޭބުރުޒުވެސް އިރުކޮޅެއްވަންދެން އެބޭފުޅުން ކުޅުއްވާތަން ބައްލަވާން އިންނެވިއެވެ. އިރުކޮޅެއްކޮށްލައްވައިފައި ތެދުވެވަޑައިގެން އޭނާގެ ކޮޓަރިކޮޅަށް ވަޑައިގެންފިއެވެ. އެންމެފުރަތަމަ ކުޅިގަނޑު ގެންދެވީ ޒަރުބަޚުތެވެ. އޭނާ ދެވަނަ ކުޅިގަނޑުން ބަލިފުޅުވެގެން ގެއަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ސަރޫޝް އިތުރަށް ކުޅުއްވާން ބާރުއެޅުއްވުމުން މަޑުކޮށްލެއްވިއެވެ. يـاسمـين އާއި ماه بانو އާ ދެބޭފުޅުން ވަރަށްގިނައިރުވަންދެން އެބޭފުޅުންގެ އަރިހުގައި ތިއްބެވިއެވެ. އެންމެފަހުން يـاسمـين ވިދާޅުވިއެވެ. "އުޚުތާއެވެ! އިރުއެރުމުގެ ކުރިޔަކު މިކުޅިވަރެއް ނުނިމޭނެއެވެ. އަޅުގަނޑުމެން އަރާމުކުރާން ދަމާހިންގަވާށެވެ."
އެބޭފުޅުން އަވަހާރަފުޅު ލެއްޕެވުމަށްޓަކައި ގޭގެ މަތީބުރީގެ ބާލާޚާނާއަށް ވަޑައިގެންފިއެވެ. ރޭބެދައިވާން ކައިރިވެފައިވަނިކޮށް އެންމެފަހުގެ ކުޅިގަނޑުން ބަލިވެވަޑައިގެން ސަރޫޝް ކުޅުން ނިންމަވައިލެއްވިއެވެ. ސަރޫޝް ވިދާޅުވިއެވެ. "އަޅުގަނޑަށް ފެންނަނީ މިރޭ ދެން ގެޔަށް ވަޑައިގެންނެވުމުގެ ބަދަލުގައި މިގޭގައި އަރާމުކުރެއްވުމެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "ނޫނެކެވެ. ދެން އަޅުގަނޑަށް ހުއްދަ ދެއްވާށެވެ. ގޭގައި سُهيل އަޅުގަނޑަށް އިންތިޒާރު ކުރައްވާނެއެވެ."
ސަރޫޝް ސުވާލުކުރެއްވިއެވެ. "سُهيل އަކީ ކާކުތޯއެވެ؟"
"އެއީ އަޅުގަނޑުމެންގެ ސަރަޙައްދުގެ ޢަރަބި ދަނޑުވެރިޔެއްގެ ކުއްޖެކެވެ. އެކަމަކު އަޅުގަނޑުމެން އޭނާއާމެދު ބަލަނީ އަޅުގަނޑުމެންގެ ކޮއްކޮއެއް ކަމުގައެވެ."
(ނުނިމޭ)