ރައްޔިތުންގެ މަޖިލިސް

ސަރުކާރުން އެދިފައިވާ 4.2 ބިލިޔަން ރުފިޔާއަށް މަޖިލީހުން ހުއްދަ ދޭންޖެހޭނެ، އެހެންނޫނީ ވާނީ ހިޔާނާތަކަށް: ޝަރީފް

އިބްރާހިމް ޒަކީ

1

ކޮވިޑް 19 އާ ގުޅިގެން ގައުމުގެ އިގްތިސޯދު އިނދަޖެހިފައިވާ މިވަގުތުގައި ސަރުކާރުން ހަރަދު ކުރުމަށް، އޯވަޑްރާފްޓްގެ ގޮތުގައި އެމްއެމްއޭއިން ދަރަނީގެ ގޮތުގައި 4.2 ބިލިޔަން ރުފިޔާ ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓަރަށް ހުއްދަ ދޭން ޖެހޭ ކަމަށާއި، އެކަމަށް މަޖިލީހުން ހުއްދަ ނުދީފިނަމަ އެވަނީ ބޮޑު ހިޔާނާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމިް ޝަރީފް ވިދާޅުވެއްޖެއެވެ.

އޯވަޑްރާފްޓްގެ ގޮތުގައި މަރުކަޒީ ބޭންކުން އިތުރަށް ފައިސާ ނެގުމަށް ހުއްދަ ދިނުމުުގެ ގޮތުން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ބާތިލު ކުރުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެކަމަށް އަވަސް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި، ފިނޭންސް މިނިސްޓަރަށް ވަގުތުން އެ ހުއްދަ ދޭންޖެހޭ ކަަމަށެވެ.

ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކޮށް މަސްވެރިންނަށް ބޭނުންވާ ފައިސާ އާއި ވިޔަފާރިތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޭނުުންވާ އެފައިސާ ދޫނުކުރަން މަޖިލީހުން އެކިއެކި ބަހަނާ ދެއްކުމަކީ، ދެއްކުމަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މެންބަރުން ކުރައްވައިގެން ތިއްބެވި ހުވަޔާ ހިލާފު ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހުރިހާ ގައުމަކުން ވެސް މިހާލަތުގައި ކަން ކުރަމުން އަންނަނީ ދިވެހި ސަރުކާރުން ކަންކުރާ ގޮތަށް ކަމަށެވެ. އެގޮތުން އެމެރިކާއިންވެސް ދެފަހަރެއްގެ މަތިން އެގޮތަށް ފައިސާ ނަގާފައިވާ ކަމަށާއި، ރާއްޖެވެސް ވެއްޓިފައި މިވާ އިގުތިސޯދީ ވަޅުގަނޑުން އަރއިގަތުމަށް އެކަމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިހާލަތުގައި އެ ހުއްދަ ނުދީފިނަމަ ދައުލަތުގެ މުސާރަ ދެވޭނެ ގޮތެއް ނެތި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހުއްޓި ސަރުކާރު ލޮކްޑައުންއަކަށް ހިިނގައިދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި ވިޔަފާރީގެ ސިނާއަތު އަތުނުޖެހޭވަރުގެ ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟