އެއިރު މިފަދަ ދުވަހެއް އައިސްފާނެއެކޭ ދިވެހިން ހިއެއް ނުކުރެއެވެ. އަމިއްލައަށް ގޭބަންދުވެގެން ތިބެން ޖެހިދާނެ ދުވަހެއް އަންނާނެ ކަމަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ. ނަމަވެސް މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާއެކު މުޅި މަންޒަރު ބަދަލުވިއެވެ. މާލެއިން މީހަކު ޕޮޒިޓިވް ވުމުން އެންމެ ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން ކުރި ކަމަކީ މާލެ ލޮކްޑައުންކުރުމެވެ. މާލެ ލޮކްޑައުން ކުރުމާއެކު އާންމު ޒަރޫރީ ގިނަ ބޭނުންތަކަށް ރައްޔިތުންނަށް ދަތިވިއެވެ. ކުއްލިއަކަށް އެފަދަ ބޮޑު ނިންނުމެއް ސަރުކާރުން ނިންމާފާނެ ކަމާމެދު ގިނަ ރައްޔިތުން ތިބީ ތައްޔާރުގެ ކަމަރު ބަނދެގެނެއް ނޫނެވެ. ލޮކްޑައުންއާއެކު ޑެލިވަރީ ހިދުމަތަށް ނުކަތާ ވަރަށް ބާރު ބޮޑުވިއެވެ. އެންމެ ގިނަ ބަޔަކު ޑެލިވާކުރާ ތަންތަނަށް ގުޅައިފައިވަނީ ފުޅީގައި ބަންދުކޮށްފައިވާ މިނަރަލް ފެން ހޯދުމަށެވެ.
ފެނަށް އޯޑަރުކޮށްގެން ދެތިން ދުވަސްވީއިރުވެސް ފެން ނުލިބުމުން އެކަމުގެ ޝަކުވާއެތައް ބަޔަކު ވަނީ މީސް މީޑިއާގެ އެކި މަންސަތަކަށް އޮއްސާލައިފައެވެ. ސަރުކާރަށް ފާޑުކިޔައި، މަތީ ފަޑީގައި ތިބި ފަރާތްތަކަކީ ނާގާބިލު ބައެއް ކަމަށް ބުންޏެވެ. ރާއްޖޭގައި ފެން ފޯރުކޮށްދޭ ކުންފުނިތަކަށް ނަފުރަތުގެ ބަސްތައް އަމާޒުކުރިއެވެ. ނަމަވެސް ހަގީގަތަކީ ފުޅީގައި ބަންދު ކޮށްފައި ހުންނަ، ފެނަށް ވުރެ މާ ރައްކާތެރި އަދި ބުއިމަށް އެންމެ އެކަށޭނެ ފެނެއް އަހަރެމެން ދިރިއުޅޭ ގޭބިސީތަކުން 24 ގަޑިއިރު ވަންދެން ލިބިލިބި ހުންނަކަމެވެ. އެގޮތުން ގޭބިސީތަކުން 24 ގަޑިއިރުވަންދެން ލިބިލިބި ހުންނަ އިސްކުރު ފެން ނުވަތަ ސަޕްލައި ފެނަކީ ބޯން ރައްކާތެރި ފެނެއް ކަމުގެ ތައްގަނޑު ސިއްހީ މާހިރުން ޖަހާފައިވާ ފެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އޭނާވެސް ބޮނީ އިސްކުރު ފެންކަމަށެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވީ، އޭނާވެސް ބޮނީ، އިސްކުރު ފެން ކަމަށެވެ. މިގޮތަށް ސިއްހީ ދާއިރާގެ ފުންނާބު އުސް އެތައް ޑޮކްޓަރުންނެއް ބޮނީ އިސްކުރުފެނެވެ. އެހެންކަމުން އަޅުގަނޑުމެން މި ފެން ނުބޯން ބަހަނާތައް ދެއްކުމުގެ ބޭނުމެއްނެތެވެ.
ގައުމު މިއޮތީ އެހެން ހާލަތެއްގަ އެވެ. ކޮވިޑުގެ ވަބާއިން ގައުމު ސަލާމަތް ކުރާން އެންމެންގެ އެހީތެރިކަން ބޭނުންވެ އެވެ. ވަގުތު ބޭނުންވެ އެވެ. އެހެން ނަމަވެސް އެކަމުގައި އެންމެ ކުރީ ސަފުގައި ތިބެން ޖެހޭ ގައުމީ ދިފާއީ ބާރާއި ސިފައިންގެ ވަގުތުގެ ވަރަށް ބޮޑު ބައެއް ހަމައެކަނި ފެން ޑެލިވަރީއަށް އެބަދެ އެވެ. އެހެންނަމަވެސް ރައްޔިތުން ބޭނުންވަނީ މިނެރަލް ވޯޓާ ކަމަށް ވާތީ އެކަންވެސް ދިވެހި ސިފައިންނާއި ފުލުހުން ކުރަނީ އެވެ. އެކަމަކު އެއީ މިވަގުތު އެމީހުން ލައްވައި ކުރުވަން އެންމެ ރަނގަޅު މަސައްކަތްތޯ ވިސްނައިލާން ޖެހެ އެވެ.
ގައުމީ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން ބުނަނީ އެކުންފުނިން ގޭގޭގެ ފެން މީޓަރާ ހަމައަށް ފޯރުކޮށްދޭ ސަޕްލައި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އަދި އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ މިންގަނޑުތަކަށް ފެތޭ ބުއިމަށް ރައްކާތެރި ފެނެއް ކަމަށެވެ. އަދި އެ ފެނަކީ އެ ކުންފުނީގެ އައިއެސްއޯ 17025 އެކްރެޑިޓެޓް ލެބޯޓަރީގައި ކޮންމެ ދުވަހަކު ފެނުގެ ކޮލެޓީ މޮނީޓާކުރާ ފެނެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
ސިއްހީ މާހިރުން އެކަންޏެއް ނޫނެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީންވެސް ދަނީ، އިސްކުރު ފެން ބޯން، އާންމުންނަށް އިލްތިމާސް ކުރަމުންނެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ ސަޕްލައި ފެނުގެ ޑޭޓާތައް ހިމަނައި، އެ ފެނަކީ ބޯން ރައްކާތެރި ފެނެއް ކަމަށް ޓުވީޓާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަބައެއްގެ އަތްމަތި ދަތިވެފައިވާއިރު ހަރަދުކުޑަކުރުމުގެ މޭރުވުން ވިސްނައިފިނަމަވެސް އިސްކުރު ފެނަނީ ބުއިމަށް އެންމެ އައުލާކަން ބޮޑުވެގެންވާ ފެނެވެ.
ސަފްލައިފެން ނުބޯންވެގެން އާންމުން ކަންބޮޑުވުން ފާޅުކުރާއިރު، ގަބޫލު ކުރަން ޖެހޭ އަނެއް ހަގީގަތަކީ މީގެ 15 ނުވަތަ 20 އަހަރު ކުރިން ފުރަ މާލޭގެ ރައްޔިތުން ބުއިމަށް ބޭނުންކުރީ ހަމައެކަނި އިސްކުރުފެންކަމެވެ. އެއިރު އާންމުންގެ މެދުގައި އެންމެ މަގުބޫލު ފެނަކީވެސް އެއީއެވެ. ފުޅީގައި ބަންދުކޮށްފައި ހުންނަ މިނަރަލް ވޯޓާގެ ވާހަކަ އާންމުން އެއިރު ނުވެސް ދައްކައެވެ. ނަމަވެސް ފުޅީގައި ބަންދުކޮށްފައިވާ މިނަރަލް ފެން ފަސޭހައިން އާންމުންނަށް ލިބެންފެށި ހިސާބުން ގިނަ ބައެއްގެ ފޭވަރިޓަކަށް ވީ އެފެނެވެ.
ސައިންޓިފިކަލީ ހެދި އެއްވެސް ޓެސްޓަކުން އަދި ކުރި އެއްވެސް ދިރާސާއަކުން އިސްކުރު ފެނަކީ ބުއިމަށް ރައްކާތެރި ނޫން ފެނެއްކަމުގައި ނިންމާފައެއް ނުވެއެވެ. އެހެންކަމުން އިސްކުރު ފެން ނުބޯންވީ ސަބަބެއް ނެތެވެ. އެއީ ބުއިމަށް އެންމެ ރައްކާތެރި ފެނެވެ. އަމުދުން ގައުމު މިއޮތް ހާލަތާއި އިގުތިސޯދީ ދަތިކަމަށް ބަލާއިރު އަތުގައި އޮންނަ އެންމެ ރުފިޔާއެއްވެސް ރައްކާ ކުރެވެން އޮތް ނަމަ އެގޮތަކަށް ކަން ކުރުން މުހިންމެވެ. އިސްކުރުފެން ބޯ ނަމަ ފެނަށް ކުރާ ހޭދަ އެތައް ސަތޭކައަކުން ކުޑަ ކުރެވޭނެ އެވެ.